ދައުލަތަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި އަބްދުﷲ ޖަމީލް އަވަހާރަވެއްޖެ

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ، އަބްދުﷲ ޖަމީލް މިއަދު އަވަހާރަވެއްޖެ އެވެ.
ޢަބްދުﷲ ޖަމީލަކީ، 54 އަހަރަށްވުރެ ދިގު މުއްދަތެއްގައި، ދިވެހި ދައުލަތަށާއި ދިވެހި ޤައުމަށް ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. ސަރުކާރުގެ ޚިދުމަތް އެ މަނިކުފާނު އެންމެ ފުރަތަމަ ފެށްޓެވީ، 6 މޭ 1953 ގައި ވުޒާރަތުލް މުވާޞަލާތުގެ އޮބްޒަރވަރެއްގެ ވަޒީފާއިންނެވެ.
ޢަބްދުﷲ ޖަމީލަކީ، ރައީސް އިބްރާހީމް ނާޞިރުގެ ރައީސްކަމުގެ ދައުރުގައިވެސް ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވައިފައިވާ ބޭފުޅެކެވެ. 11 ނޮވެންބަރު 1968ގައި ރައީސް އިބްރާހީމް ނާޞިރު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ޢަބްދުﷲ ޖަމީލް ހަމަޖެއްސެވީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޚާއްޞަ ވަކީލު ކަމުގެ މަގާމަށެވެ.
11 ނޮވެންބަރު 1978 ގައި ރައީސް މައުމޫން ޢަބްދުލްޤައްޔޫމް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ  ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ޢަބްދުﷲ ޖަމީލް ޢައްޔަން ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ޕްރައިވެޓް ސެކްރެޓެރީ ކަމުގެ މަގާމަށެވެ. އޭގެފަހުން 16 ޑިސެންބަރު 1978 ގައި ރައީސުލްޖުމްހޫރިއްޔާގެ އެގްޒެކެޓިވް ސެކްރެޓެރީ ކަމުގެ މަގާމަށް އެމަނިކުފާނު ބަދަލުކުރެއްވިއެވެ. އަދި 11 ނޮވެންބަރު 1982 ގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ކަމުގެ މަގާމަށް އެ މަނިކުފާނު ޢައްޔަން ކުރެއްވިއެވެ.
ޢަބްދުﷲ ޖަމީލަކީ، 6 ވުޒާރާއެއްގެ ވަޒީރުކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. 11 ނޮވެންބަރު 1983 ގައި ރައީސް މައުމޫން، ދެވަނަ ދައުރަކަށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ހުވާ ހުވާކުރެއްވުމަށްފަހު، އެ މަނިކުފާނުގެ ކެބިނެޓްގައި ޢަބްދުﷲ ޖަމީލް ހިމެނުއްވިއެވެ. އެ މަނިކުފާނު ޢައްޔަން ކުރެއްވީ، މިނިސްޓަރ އޮފް ހެލްތުގެ މަގާމަށެވެ. އޭގެފަހުން ރައީސް މައުމޫންގެ ރިޔާސީ ތިންވަނަ ދައުރުގެ ކެބިނެޓް އެކުލަވައިލެއްވިއިރު، ޢަބްދުﷲ ޖަމީލް ޢައްޔަން ކުރެއްވީ، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ކަމުގެ މަގާމަށެވެ. އޭގެފަހުން މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން ކަމުގެ މަގާމާއި، މިނިސްޓަރ އޮފް ޓޫރިޒަމް ކަމުގެ މަގާމާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒް ކަމުގެ މަގާމާއި، އަދި މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ހައުސިންގ ކަމުގެ މަގާމު އެ މަނިކުފާނު ފުރުއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު ކަމުގެ މަގާމާއި، ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިއެއްގެ މަގާމުވެސް އެ މަނިކުފާނު ފުރުއްވައިފައި ވެއެވެ. މީގެއިތުރުން، ޒުވާނުންގެ މަރުކަޒުގެ ރައީސް ކަމުގެ މަގާމާއި، މާފަންނު އަވަށު އޮފީހުގެ ވެރިޔާކަންވެސް ކުރައްވައިފައި ވެއެވެ.
އޮނަރަބްލް ޢަބްދުﷲ ޖަމީލަކީ، ރައްޔިތުންގެ މަޖިލީހުގައިވެސް ވަރަށް މުހިންމު ދައުރެއް އަދާކުރައްވައިފައިވާ ބޭފުޅެކެވެ. މިގޮތުން، ރައްޔިތުންގެ މަޖިލީހުގެ ތ. އަތޮޅު މެންބަރުކަން 30 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކުރައްވައިފައި ވެއެވެ. އަދި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ތ. އަތޮޅު މެންބަރުކަން 14 އަހަރަށްވުރެ ގިނަދުވަހު އެ މަނިކުފާނު ވަނީ ކުރައްވައިފައެވެ.
އޮނަރަބްލް ޢަބްދުﷲ ޖަމީލަށް ވަނީ މިނިވަން 25ގެ ޢާންމު ޚިދުމަތުގެ އިނާމުވެސް ލިބިވަޑައިގެންފައެވެ. އަދި އެ މަނިކުފާނަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް އަރުވައިފައި ވަނީ 10 ނޮވެންބަރު 2008 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ