ފައިހުއަށް ތުހުމަތު ކުރަނީ ފިހާރައެއް ތެރޭ ޒުވާނަކު މަރާލިކަމަށް

މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން ފުލުހުން ހޯދި އިބްރާހީމް ފައިހު ނިޒާމް އަކީ، މިދިޔަ މަހު ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި ޒުވާނާގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހެއްކަން "ސަން"އަށް އެނގިއްޖެއެވެ. ފައިހު ހޯދަން ފުލުހުން އެންމެ ފުރަތަމަ އިއުލާންކުރީ އެހެން މައްސަލައެއްގައި، މިދިޔަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން އޭނާ ވީތަނެއް ނޭނގިގެން ހޯދަމުން ދަނިކޮށް، މާފަންނު ބީޖީ ގަރާޖު ކައިރީ ހުރި ފިހާރައެއްގެ ތެރޭގައި އައްޑޫ ސިޓީ ހިތަދޫ، އިޒްމީރު، މުހައްމަދު އަހުމަދު ދީދީ (ނައުއްޓެ)އަށް ހަމަލާ ދިނީ މިދިޔަ މަހުގެ 24ގައެވެ. އެ ހަމަލާގެ ސަބަބުން، މިދިޔަ މަހުގެ 27ގައި އޭނާ ވަނީ މަރުވެފައެވެ. އިތުބާރު ހުރި މަސްދަރަކުން "ސަން"އަށް އެނގިފައިވާ ގޮތުގައި ފައިހުއަކީ މުހައްމަދު އަހުމަދު ދީދީ މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހެއްކަން ފުލުހުންނަށް މިހާރު ވަނީ ކަށަވަރުވެފައެވެ. އޭގެ ފަހުން ވެސް ފައިހު ހޯދިފައި ނުވާތީ މިދިޔަ ބުދަ ދުވަހު ފުލުހުން ވަނީ އޭނާ ހޯދަން ދެވަނަ ފަހަރަށް އިއުލާންކޮށްފައެވެ. މިދިޔަ މަހުގެ 24ގައި ޒަހަމްކޮށްލި ޒުވާނާއަށް ފަރުވާ ދެމުން ދަނިކޮށް އޭނާ ވަނީ މަރުވެފަ -- ސަން ފޮޓޯ/ އޭގެ ފަހުން މާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި، ފައިހު ފޮރުވައިގެން އުޅުނު ކަމުގެ ތުހުމަތުގައި ހޯމަ ދުވަހުގެ ރޭ ބަޔަކު ހައްޔަރުކުރިއެވެ. އެ ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓު ހިންގެވުމާ މިވަގުތު ހަވާލުވެ ހުންނެވި ގާޒީ އާދަމް މުހައްމަދު ނިންމެވީ ތިން މީހެއްގެ ބަންދަށް 15 ދުވަސް ޖަހައި، ބާކީ ތިބި ދެ މީހުން ބަންދުން ދޫކޮށްލުމަށެވެ. އެ ދެ މީހުން ދޫކޮށްލި އިރު، ބަންދުގައި ތިބި މީހުންނާ ދެކޮޅަށް ވެސް ހުރީ އެ މީހުންނާ ދެކޮޅަށް ވެސް ހުރި ހެކިތަކެވެ. ފައިހު ހޯދަމުން ދަނިކޮށް ރޭ އޭނާ ވަނީ އަމިއްލައަށް ފުލުހުންނާ ހަވާލުވެފައެވެ. އެ މައްސަލައިގައި މިދިޔަ މަހު 20 އަހަރުގެ ޒުވާނަކު ހައްޔަރުކޮށް، އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ މި މަހުގެ 13ގައި އަމުރުކޮށްފައެވެ. ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުން ދަނީ އެ ދެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ