ޗެކުން ފައިސާ ނެގޭ ލިމިޓަށް އަމަލުކުރުން ފަސްކޮށްފި

ވަކި އަދަދަކުން މަތީގެ ޗެކްތައް ބޭނުން ކުރުން ފަސްކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނިންމާފައިވާ ނިންމުނަށް ފަސް ކުރުުމަށް ނިންމާފައިވާ ކަމަށް އެމްއެމްއޭއިން ހާމަކޮށްފިއެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭއިން މިކަމާއި ގުޅޭގޮތުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ ޕޭމެންޓް ޙިދުމަތް އަވަސްކޮށް އަދި ލުއިފަސޭހަ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުންނާއި ނަޤުދު ފައިސާ އަދި ޗެކް ބޭނުން ކުރެވޭ މިންވަރު މަދުކުރުމުގެ ގޮތުން އެމްއެމްއޭއާއި ބޭންކުތައް ގުޅިގެން ޗެކް ބޭނުން ކުރުން މަދު ކުރުމާއި ބެހޭ އެކްޝަން ޕްލޭނެއް މިދިޔަ އަހަރު އެޕްރީލް މަހު އެކުލަވާލި ކަމަށެވެ.
އެކްޝަން ޕްލޭންގެ ދަށުން އެންމެ ފުރަތަމަ ތަންފީޒުކުރެވޭ ނިންމުމުގެ ގޮތުގައި، ކުރިއަށްއޮތް އެޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން، ވަކިވަކި ފަރުދުންނާއި، ހުރިހާ ވިޔަފާރިތަކުން ޗެކު ބޭނުންކޮށްގެން ކުރާ ހުރިހާ މުއާމަލާތްތަކެއް ހިމެނޭހެން، ދިވެހިރާއްޖޭގައި ޗެކު ބޭނުންކޮށްގެން މުޢާމަލާތްކުރެވޭނެ އެންމެ މަތީ ޢަދަދަކީ ދިވެހި ރުފިޔާއިން ނަމަ 50،000 އަދި ޔޫއެސް ޑޮލަރުން ނަމަ 3،000 ކަމުގައި ވަނީ ކަނޑައަޅާފައެވެ.
ނަމަވެސް އެކްޝަން ޕްލޭނަށް އަމަލު ކުރަން ފަސްކުރަން މިހާރު އެމްއެމްއޭއިން ވަނީ ނިންމާފައެވެ. އެއީ ކަމާއި ބެހޭ އިދާރާތަކުން އެކްޝަން ޕްލޭން ތަންފީޒު ކުރުމަށް ވާންޖެހޭ މިންވަރަށް ތައްޔާރު ނުވެވި ހުރުމުގެ ސަބަބުން ކަމަށް އެމްއެމްއޭއިން ބުނެއެވެ. އެމްއެމްއޭއިން ތަންފީޒު ކުރުން ފަސްކުރިއިރު ފަސްކޮށް އަމަލު ކުރަން ފަށާނެ ތަރީހެއް ހާމައެއް ނުކުރެއެވެ.
އެމްއެމްއޭގެ މިއެކްޝަން ޕްލޭނަކީ ރާއްޖޭގައި ކުރެވޭ އެކި މުޢާމަލާތްތައް ޑިޖިޓަލް ކުރުމަށް މަރުކަޒީ ބޭންކުން ކުރަމުންދާ މަސައްކަތަތުގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ. އެމްއެމްއޭއިން ދަނީ ނޭޝަނަލް ޕޭމެންޓް ސިސްޓަމެއް ޤާއިމް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ ސަބަބުން ފައިނޭންޝަލް ޕޭމެންޓުގެ ދާއިރާގައި އުޅޭ ފަރާތްތަކާއި ބެންކުތައް އެއް ސިސްޓަމަކުން ގުޅާލެވޭނެ ކަމަށް މަރުކަޒީ ބޭންކުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ