ނަޝީދު ޔާމީން ގާތަށް - ގާސިމް އަދީބު ގާތަށް

އެކަނި މާއެކަނި ވެސް ގާސިމް ވެރިކަމަށް ކުރިމަތިލާނެކަން ނޭނގޭ އެކަކުވެސް ހުރީހެއްޔެވެ. އޮތް އެއްޗެއް އޮތް ތާކުން ހޯދަން ގާސިމު ނޫޅޭނެ ކަމަށް ދެކޭނެ މީހަކު މިއުޑު ދަށަކު ނުވެއެވެ. ސަރުކާރަށް ފާޑުކިޔާ ފުރައްސާރަކޮށް ވާދަކުރަން މުޑިނަގާއިރު އަންހެނުންގައި އޮތް ވަޒީރުކަން ދެތިން މަސް ދުވަހަށް ވެސް ގެއްލެން ބޭނުންނުވާކަން ނޭގޭ މީހަކު ނެތެވެ. ބަރާ ނުފޫޒާއި މުދަލަށް ބޫތުކައިފާ ހުރިވަރު އެބަ ފެނޭ ނޫން ހެއްޔެވެ. 
މުޅި ރާއްޖެ އަމިއްލަ މުއްޕަތަށް ލާން ބޭނުންވެފައި ހުރި ވަރު އެބަ އެނގެއެވެ. ގައުމަށް ހިޔާނާތްތެރިވުމުގެ ބޮޑެތި ބޮޑެތި ކުށްސާބިތުވެ ހުކުމުގައި ތިބި މީހުންނާ ކޯލިޝަން ހަދަން އުޅެގަތީމާ ތިމާމެންގެ ނުބައި ނުލަފާކަން މެންދުރުގެ އިރެކޭ އެއްގޮތަށް އެހެރަގެން ފާޅުވަނީއެވެ. ގައުމޭ ރައްޔިތުންގެ ހައްގޭ ކިޔައިގެން ވެރިކަން ހޯދަން އުޅެނީ ގައުމު ދަވާލަންކަން އެބަ އެގޭ ނޫން ހެއްޔެވެ. 
ނިކަން ދެކެ ބަލާށެވެ. އެމްއެމްޕީއާރުސީން ދަވާލި ފައިސާތައް ލިބުނު މީހުން މިތިބަގެން ހާމަ ވަނީއެވެ. އެމްޑީޕީގެ ޗެއަރޕާސަނަކަށް ހަސަން ލަތީފު ހުރެ އެމްޑީޕީގެ ނަމުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލައްކަ ލައްކައިން ހަސަންލަތީފު ނަގާފައި އޮތްކަމީ އެންމެން ދަންނަ ހަގީގަތެކެވެ. އެމްޑީޕީގެ ނައިބު ރައީސްކަމުގައި ހުރެ މުޒާހަރާއެއް އިންތިޒާމުކުރުމަށޭ ކިޔައިގެން ސިއްޕެ އެކައުންޓަށް ލައްކަލައްކައިން އެމްއެމްޕީއާރުސީގެ ފައިސާ ކައްވަލާފައި އޮތްކަންވެސް އެގެން އެބައޮތެވެ. ކާރުގެ ޑިކީއަށް އަޅައިގެން އެމްއެމްޕީއާރުސީގެ ދިޔާ ފައިސާ އަލީ ޢާޒިމް އުފުލިކަމަކީ ވެސް ފޮރުވެން ނެތް ހަގީގަތެކެވެ. އެމްޑީޕީގެ ރައީސް ކަމުގައި ހުރެ ޔާމީނު ބޭނުންވި ގޮތަށް ގާނޫނު އަސާސީ ބަދަލުކުރާށައި ސްޕްރީމް ކޯޓުގެ ބެންޗު ކުޑަކުރަން ޔާމީނު އަތުން ރިޝްވަތު ނަގައިގެން އެކަންކަން ކޮށް ނިމާދިނީ ރައީސް ނަޝީދުކަން އޮޅުމެއް ނެތި އެނގެއެވެ. ފިކުރު ދިރިދިރި އެތިބީ ހިޔާނާތު ފައިސާގެ ތެރޭގައެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން ބައިލިބުނު އެންމެން އެތިބީ ފިކުރެއްގެ ދިރުމުގައި ނަގޫ ގޮއްޖަހައިގެނެވެ.
ޕީޕީއެމްގެތެރެއިންނާއި ބޭރުން ހިޔާނަތުގެ ފައިސާ ނެގި އެންމެންހެން އެތިބީ ގާސިމުގެ މެދުހަށީގައި ބައްދައިގެނެވެ. ނިހާނާއި އަލީ އާރިފާ ރިޔާޒް ރަޝީދެއް ކިޔާނެކަމެއް ނެތްތާއެވެ. ޑޮލަރު ގަތުމުގެ ނަމުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން އެސްއޯއެފުން ވިލާއަށް މިލިޔަން މިލިއަނުން ޑޮލަރު ވަދެފައި ހުރިކަން ފޮރުވޭކަށް ނެތެވެ. 
މިއަދު އެމަންޒަރު މިހިރަ ދަނީ މާބޮޑަށް ސާފުވަމުންނެވެ. އިބޫ ނޫން ގޮތެއް ހޯދަން ނަޝީދާއި ގާސިމް އުޅެގަތް ގޮތް ނިކަން ދެކިބަލާށެވެ. ގާސިމު އެއޮތީ އަދީބުގެ އުނގަށް ވެއްޓިގަނެގެނެވެ. ނަޝީދު އެއޮތީ ޔާމީނުގެ ފަސްބައިގައި އެލިގަނެގެނެވެ. އެންމެ ފަހުން ނަޝީދާ ގާސިމާ އެއްލަވައެއް ކިޔާ ދެފަރާތަށް ދެފަލި ބޭލީއެވެ. ގާސިމް އަދީބު ގާތަށެވެ. ނަޝީދު ޔާމީނު ގާތަށެވެ.
ދެފަރާތުން ދެ ދޭފަތުން ހިލާން މިއުޅެނީ އެއްފުށްގަޑެވެ. ފުށްގަޑު ހިލާ ނިމޭއިރު ޔާމީނެއް އަދީބެއް ވެރިކަމުގެ ލޮލުކޮޅަށް ވެސް ނުފެންނާނެއެވެ. ސަމަންތަރު ހެޔޮ ބޮޑަތި ގުޅަ ޖަހާލައިގެން ދައުލަތް ދަވާލަން ތައްޔާރު ވަމުން އެދަނީ ނާޝީދާ ގާސިމެވެ. 
ވަގުގަ ވަގު ހިފާ ވާހަކަ ކިޔާތީ އަހަމެވެ. ރައިސްސަކާ ކުފޫ ހަމަވާނީ ރައީސެއްތާއެވެ. ލަނޑަޔާ ވަނީ ލަނޑަޔާއެވެ. ރައީސް ޔާމީނާއި ރައީސް ނަޝީދެވެ. އަދީބާއި ގާސިމެވެ. ހުރިހާ އޮޑިއަކަށް ފައިލައިގެން ނަޝީދާ ގާސިމު ގެންނަން މިއުޅޭ އެމްއެމްޕީއާރުސީ ރަސްކަމުގެ ހީލަތުގެ ބޮޑު ކަމާއެވެ. ކުޅެން މިއުޅޭ ކުޅިން ހުޅުފަޅައިގެން ގޮސް އެމްއެމްޕީއާރުސީ ރަސްކަމަށް ތަހުތުނުފެނި ރަސްގެފާނާ ބޮޑުވަޒީރު ފަތީ ފުލަށްގޮސް ދޮޅިކެނޑިގެން ބިމަށް ވެއްޓި އަނބުރާ ނުތެދު ވެވޭތަން ލޮލަށް ފެންނަ ކަހަލައެވެ. ނަޝީދާއި ގާސިމުގެ ތަރި އޮއްސި މިސްކިތު ވަކަރަށްވެ ނިމޭތަން ދެކެން މާގިނަ ދުވަހެއް ދެން ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ