ކޯލިޝަންގެ މަޝްވަރާއަށް ރައީސް އިބްރާހީމާއި ރައީސް މައުމޫން ބައްދަލުކުރައްވަނީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެލު ކޯލިޝަން ހަދަން އެމްއާރްއެމްއަށް ދިން ދައުވަތާ ގުޅިގެން ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު، އެމްއެމްއާރުއެމްގެ މުސްތަޝާރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ މިއަދު ބައްދަލު ކުރައްވަން ނިންމަވައިފިއެވެ.
ރައީސް މައުމޫނާ ރައީސް އިބްރާހިމް ބައްދަލުކުރައްވާނެކަން ރައީސް އޮފީހުން މީޑިއާއަށް ވަނީ ކަށަވަރުކޮށްދީފައެވެ. އެ ބައްދަލުވުން ކުރިއަށް ގެންދާނީ މިއަދު ހެނދުނު 11:00 ހާއިރު ރައީސް އޮފީހުގައެވެ.
ކޯލިޝަން ހެދުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވަން ދެބޭފުޅުން ބައްދަލުކުރައްވަން ނިންމަވާފައިވާއިރު އެމްއާރްއެމްއިން ކޯލިޝަން ހެދުމާއި މެދު އަދި މިހާތަނަށް ގޮތެއް ނިންމާފައެއް ނުވެއެވެ.
އަދި އެމްއާރްއެމްއިން ހުށަހަޅާ ކަންކަމަށް ރައީސް އިބްރާހިމް އެއްބަސްވެވަޑައިގަތުމާއި މެދުގައިވެސް ވަކި ގޮތެއް ނިންމަވާފައެއް ނުވެއެވެ. އަދި ރައީސް އިބްރާހިމަށް ތާއިދު ކުރައްވާ ގިނަ މެންބަރުން އެމްއާރްއެމްގެ ފަރާތުން ރައީސް މައުމޫން ހުށަހަޅުއްވާ ކަންކަމަށް އެއްބަސްނުވުމަށް ގޮވާލައްވާކަން ފާހަގަކޮށްލެވެއެވެ.
ރައީސް އިބްރާހީމްވަނީ އެމްއާރްއެމްއަށް މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކޯލިޝަނެއް އެކުލަވައިލާން ދައުވަތު ދެއްވާފައެވެ. އެ ދައުވަތާ ގުޅިގެން އެމްއާރްއެމްއިން މީގެ ކުރިން ހެދި އެނަލައިސިސްގައި ރައީސް އިބްރާހީމާއެކު އިއްތިހާދުވާ ސިނޭރިއޯއެއްގައި ޕާޓީއަށް ލިބޭނެ ފައިދާއާއި ގެއްލުމުގެ މައްޗަށް ތަފުސީލުކޮށް އަލިއަޅުވާލާފައިވެއެވެ.
މީގެއިތުރުން މިހާރުވެސް އެމްޑީޕީއާ އިއްތިހާދުވެގެން އޮންނަ އޮތުމުގެ ސަބަބުން އެމްއާރުއެމްއަށް މެންބަރުން އިތުރުކުރަން ދަތިވާކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. އެގޮތުން އެ ޕާޓީއަކީ 3،000 މެންބަރުން ހަމަނުވެގެން އިލެކްޝަން ކޮމިޝަނުން އަންގައިގެން ދާދި ފަހުން އެ އަދަދަށް މެންބަރުން ހަމަކުރި ޕާޓީއެއްކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ