މައުމޫން އެދި ވަޑައިގަތް ގޮތަށް ފާރިސް ވޯޓް ދެއްވީ ރަށްތައް ދޫކުރާ ބިލާ ދެކޮޅަށް
އާންމުކޮށް އިއުލާނު ކުރުމަކާ ނުލައި ފަތުރުވެރިކަމާ ގުޅޭ ކަންކަމަށް ރަށް، ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދެވޭ ގޮތަށް ޓޫރިޒަމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކުރިއިރު ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވޯޓް ދެއްވީ އެ ބިލާ ދެކޮޅަށެވެ. ފާރިސް އެ ބިލާ ދެކޮޅަށް ވޯޓް ދެއްވާފައި ވަނީ، އޭނާ ނިސްބަތްވާ ޕީޕީއެމްގެ އެހެން މެމްބަރުން އެ ބިލް ފާސްކުރަން ވޯޓް ދީފައިވަނިކޮށެވެ. އެ އިސްލާހު މަޖިލީހުން ފާސްކުރީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި 45 މެމްބަރުންގެ ވޯޓާ އެކު އެވެ. އިސްލާހު ފާސްކުރުމާ ދެކޮޅަށް 19 މެމްބަރުން ވޯޓު ދެއްވި އެވެ. އެ ބިލު މިއަދު މަޖިލީހުން ފާސްކޮށްފައި ވަނީ، އެ އިސްލާހަށް ވޯޓް ނުދެއްވުމަށް ޕީޕީއެމްގެ ރައީސް އަދި ފާރިސްގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެދިވަޑައިގެންފައި ވަނިކޮށެވެ. ސަބަބެއް ކަމަށް ރައީސް މައުމޫން ވިދާޅުވެފައި ވަނީ ރާއްޖޭގެ ކުރިއެރުމަށް ގެއްލުންތައް ލިބުމާއި އެ ޕާޓީގެ އަސާސީ ގަވައިދާ އެ އިސްލާހު ހިލާފުވުން ކަމަށެވެ. މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ އާންމުކޮށް އިއުލާނުކޮށްގެން، އަދި ނުކޮށް ވެސް ރަށެއް ނުވަތަ ފަޅެއް ނުވަތަ ބިމެއް ކުއްޔަށް ދޫކުރެވިދާނެ ކަމަށެވެ. އާންމުކޮށް އިއުލާނު ނުކޮށް ކުއްޔަށް ދޫކުރެވޭނީ ރަށުގައި، ނުވަތަ ބިމުގައި ނުވަތަ ފަޅުގައި ހިންގުމަށް ބޭނުންވާ މަޝްރޫއުގެ ތަފްސީލާ އެކު ޓޫރިޒަމް މިނިސްޓްރީ އަށް ހުށަހެޅުމުންނެވެ. އިއުލާން ކުރުމަކާ ނުލައި ކުއްޔަށް ދޫކުރެވޭނީ އެ މަޝްރޫއެއް ހިންގުމަށް ތިމާވެށީގެ ގޮތުން އެކަށީގެންވާ ތަނެއްގެ އިތުރުން، ޓޫރިޒަމް މިނިސްޓްރީ އިން ކަނޑައަޅާ އާންމު ކުރާ އެކުއިޒިޝަން ފީ އެއްފަހަރާ ދެއްކުމާއި، އެ މަޝްރޫއަށް ފަންނީ ގޮތުންނާއި މާލީ ގޮތުން ގާބިލު ފަރާތަކަށްވުމެވެ. ނިހާން ހުށަހެޅުއްވި ބިލުގައި ބުނެފައިވާ ގޮތުން، ރިސޯޓަކުން ދައުލަތަށް ދައްކަން ޖެހޭ ކުއްޔެއް އަދި ޖޫރިމަނާއެއް އޮތަސް، ސަރުކާރާ އެކު ވެވޭ އެއްބަސްވުމެއްގެ ދަށުން 99 އަހަރަށް އެ ރަށެއް އެ ބަޔަކަށް ކުއްޔަށް ދެވިދާނެ އެވެ. އެފަދަ އެއްބަސްވުމެއްގެ ދަށުން ދައުލަތަށް ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާ ފަސް ކުރެވޭނެ ކަމަށާއި އެކަން ކުރާނީ ޓޫރިޒަމާ ބެހޭ މިނިސްޓްރީން ކަމަށް އެ ބިލުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ