ފަރެސްމާތޮޑާ އެއަރޕޯޓަށް ޓެސްޓް ފްލައިޓް މިއަދު ހަވީރު

ފަރެސްމާތޮޑާއި އެއަރޕޯޓު ރަސްމީކޮށް ހުޅުވުމުގެ ކުރިން ބާއްވާ ފުރަތަމަ ޓެސްޓް ފްލައިޓް މިއަދު ހަވީރު 5 ޖަހާއިރު އެރަށަށް ޖައްސާނެކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ފަރެސްމާތޮޑާ އެއަރޕޯޓަށް ޖައްސާ ފުރަތަމަ ޓެސްޓް ފްލައިޓަކީ މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ ބޯޓެކެވެ. ބޯޓު މާލެއިން ފުރުމަށް ހަމަޖެހިފައިވަނީ މެންދުރު ފަހު 3:50 ހާއިރުއެވެ. އަދި އެ މަތިންދާބޯޓް ފަރެސްމާތޮޑާ އެއަރޕޯޓުގައި ޖެއްސުމަށް ހަމަޖެހިފައިވަނީ ހަވީރު 5:05 ގައެވެ.
ފަރެސްމާތޮޑާ އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުއެވެ. މި އެއަރޕޯޓް ހުޅުއްވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލީހުއެވެ.
އެއަރޕޯޓް ހުޅުވުމަށް ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެއަރޕޯޓްގެ އިންތިޒާމްތައް ފުރިހަމަކުރުމާއި، އަދި ރަސްމިއްޔާތުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ކުރިއަށެވެ.
ފަރެސްމާތޮޑާ އެއަރޕޯޓްގެ ޓަރމިނަލްއަކީ ސަރުކާރުން އަތޮޅުތަކުގައި ތަރައްޤީކޮށްފައިވާ އެއަރޕޯޓްތަކުގެ ތެރެއިން އެންމެ ތަފާތު ޑިޒައިނަށް ފަރުމާކޮށްފައިވާ އެންމެ ހިތްގައިމު ޓަރމިނަލެވެ. އަދި ޓަމިނަލްގ އެތެރެވެސް ފަރުމާކޮށްފައިވަނީ ޖާގަ ތަނަވަސް ރީތި ފަރުމާއަކަށެވެ.
ފަރެސްމާތޮޑާ އެއަރޕޯޓަކީ މި ސަރުކާރުން ތަރައްޤީކޮށް ހުޅުވާ ދެވަނަ އެއަރޕޯޓެވެ. މިއީ އެތެރެގޭ އުދުހުންތަކަށް ޚާއްސަ އެއަރޕޯޓެކެވެ. 1200 މީޓަރުގެ ރަންވޭއަކީ، ރޭގަނޑުވެސް ރަށަށް ފްލައިޓް ޖެއްސޭގޮތަށް، ނެވިގޭޝަން ލައިޓްތަކާއެކު ތަރައްޤީކޮށްފައިވާ ރަންވޭއެކެވެ. މީގެއިތުރުން އެއަރޕޯޓްގެ އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރާ، ފަޔަރަ ބިލްޑިންގެ ހުރިހާ މަސައްކަތްތައްވެސް ވަނީ ނިންމާފައެވެ.
މި ޕްރޮޖެކްޓް ކުރިއަށް ގެންދިޔައީ ފަރެސްމާތޮޅާ ފަޅުތެރޭގައި އޮތް ކުދި ރަށްތަކެއް ހިއްކާ ގުޅުވާލައިގެންނެވެ. އެއަރޕޯޓް ފަރެސްމާތޮޑާއާއި ގުޅުވާލާނީ ކޯސްވޭއަކުންނެވެ. މި މަސައްކަތްވެސް ކުރިއަށްގެންދަނީ، އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދިޔަ އެމްޓީސީސީންނެވެ. ނަމަވެސް އެއަރޕޯޓް ހުޅުވާއިރު ކޯޒްވޭގެ މަސައްކަތް ނުނިމުނު ނަމަވެސް، ވަގުތީގޮތުން ރަށުން އެއަރޕޯޓަށް ދަތުރުކުރެވޭނެ މަގެއް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އެމްޓީސީސީން ބުނީ އެއަރޕޯޓާއި ރަށާއި ގުޅުވާލާ ކޯޒްވޭގެ މަސައްކަތް ދެ މަސްދުވަހުގެ ތެރޭގައި ނިމޭނެކަމަށެވެ.
އެމްޓީސީސީން ވަނީ އެހެން ރަށްތަކާއި ރިސޯޓްތަކުން ޚިދުމަތް ހޯދުމަށް އެއަރޕޯޓަށް ދަތުރުކުރާ މީހުން ބޭނުންކުރުމަށް އެއަރޕޯޓްގައި ބަނދަރެއް ވަނީ ހަދާފައެވެ.
ފަރެސްމާތޮޑާ އެއަރޕޯޓް މަޝްރޫޢުއަކީ ސަރުކާރުން 144.8 މިލިއަން ޚަރަދުކޮށްގެން ހިންގި މަޝްރޫޢުއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ