ފެބްރުއަރީ މަހު މީރާއަށް ފައިސާ ލިބުނީ އަންދާޒާކުރި ވަރަށްވުރެ %20 މަދުން

މިއަހަރުގެ ފެބްރުއަރީ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ފައިސާ ލިބޭނެކަމަށް އަންދާޒާކުރި މިންވަރަށްވުރެ އެ އިދާރާއިން ބަލައިގަތް ފައިސާގެ މިންވަރު 20 އިންސައްތަ ދަށްކަން އެ އިދާރާއިން ހާމަކޮށްފިއެވެ.
މި އަހަރުގެ ފެބްރުއަރީ މަހު މީރާއަށް ބަލައިގަނެފައިވަނި 1.72 ބިލިއަން ރުފިޔާއެވެ. އެއީ ނިމުނު އަހަރުގެ ފެބްރުއަރީއާ އަޅައިބަލާއިރު އެއީ 18.6 އިންސައްތަ އިތުރު މިންވަރެކެވެ. ނިމުނު އަހަރުގެ ފެބްުރުއަރީއަށްވުރެ މި އަހަރުގެ ފެބްރުއަރީގައި މީރާއަށް ލިބުނު ފައިސާގެ އަދަދު އިތުރުވީ، ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާއި މި އަހަރުގެ ޖަނަވަރީ މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 2022 ވަނަ އަހަރުގެ ޖަނަވަރީއާ އަޅާބަލާއިރު 30.9 އިންސައްތަ އިތުރުވުމުންކަމަށް މީރާއިން މައުލޫމާތު ދެއެވެ.
އޭގެ އިތުރަށް މި އަހަރުގެ ފެބްރުއަރީ މަހު ލިބުނު އާމްދަނީ އިތުރުވި އަނެއް ސަބަބަކީ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ނަގާ ރޭޓު ބޮޑުކުރުންކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
އަދި ފެބްރުއަރީ މަހު އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރި މިންވަރަށް އާމްދަނީ ނުލިބުނު މައިގަނޑު ސަބަބެއްކަމަށް މީރާއިން ބުނެފައިވަނީ ޖީއެސްޓީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރި މިންވަރަށް ފެބްރުއަރީ މަހުގައި ޖީއެސްޓީގެ ގޮތުގައި ފައިސާ ނުލިބުމެވެ.
ފެބްރުއަރީ މަހުގައި މީރާއަށް ލިބުނު އާމްދަނީގެ ބޮޑު ހިއްސާއަކީ ޖީއެސްޓީއެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި 1.18 ބިލިއަން ރުފިޔާ ލިބުނެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 182.04 މިލިއަން ރުފިޔާއެވެ.
ފެބްރުއަރީ މަހުގައި އާމްދަނީގެ ގޮތުގައި ލިބުނު 1.72 ބިލިއަން ރުފިޔާގެ ތެރެއިން ޑޮލަރުން ލިބުނު އާމްދަނީއަކީ 73.60 މިލިއަން ޑޮލަރުކަމަށް މީރާއިން ބުނެއެވެ. އެއީ 1.1 ބިލިއަން ރުފިޔާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ