ގާދޫ މެރިޓައިމް ހަބްގެ ފުރަތަމަ ސާވޭތައް ނިންމާލައިފި

ލ. ގާދޫގައި ތަރައްގީ ކުރަން ހަމަޖެހިފައިވާ އިންޓަގްރޭޓަޑް މެރިޓައިމް ހަބްގެ ކޮންސެޕްޓްއާ ގުޅޭ ފުރަތަމަ ސާވޭތައް ނިންމާލައިފި އެވެ.
އެ މަސައްކަތް ކުރިއަށް ގެންދިޔައީ މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އާއި ހަބް ތަރައްގީ ކުރަން ހަވާލުކޮށްފައިވާ ޗައިނާގެ ސީއޭއެމްސީ އިންޖިނިއަރިން ކޮމްޕެނީ ލިމިޓަޑް (ކެމްސީއީ) އިންނެވެ. މެރިޓައިމްއާ ގުޅުންހުރި ގިނަ ޚިދުމަތްތަކާއެކު ގާދޫގައި މެރިޓައިމް ހަބް ހަދަން ސީއޭއެމްސީއީއާ ހަވާލުކުރީ މި މަހުގެ 11 ގަ އެވެ.
މި ޕްރޮޖެކްޓްގެ ކޮންސެޕްޓް ސާވޭގައި އެ ކުންފުނީގެ ހަތް ތަޖުރިބާކާރަކާއި އެމްޕީއެލްގެ ޓެކްނިކަލް ޓީމެއް ބައިވެރިވި އެވެ.
ގާދޫ މެރިޓައިމް ހަބް ޕްރޮޖެކްޓަކީ ތިމާވެއްޓާ ރައްޓެހި އަދި ގާދޫގެ ގުދުރަތީ މުއްސަނދިކަން ހިމާޔަތްކުރެވޭ ކޮންސެޕްޓަކަށް ބިނާކުރަން ހަމަޖެހިފައިވާ ތަނެކެވެ. މި ޕްރޮޖެކްޓްގެ ތެރެއިން ގާދޫގައި ވެލާ ކަހަނބު އަރާ ސަރަހައްދު ހިމާޔަތްކޮށް، ކޮންސޒަވޭޝަނާއި ރިހެބިލިޓޭޝަން ސެންޓަރެއް ވެސް ގާއިމު ކުރާނެ އެވެ.
ލ. އަތޮޅުގެ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ކްރޫޒް ޓާމިނަލަކާއި އީކޯ ރިސޯޓުތަކަށް ހާއްސަ ސުޕަ ޔޮޓް މެރީނާއެއް ވެސް ގާއިމުކުރާނެ އެވެ. އަދި މި ޕްރޮޖެކްޓުގެ ތެރެއިން، އޮފް ޝޯ ބަންކަރިން އާއި ޓްރާންޝިޕްމަންޓް ބަނދަރެއްގެ ޚިދުމަތް ވެސް ފޯރުކޮށް ދިނުމަށް ނިންމާފައިވެ އެވެ.
ލ. އަތޮޅުގައި މެރިޓައިމް ހަބެއް ގާއިމު ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ