ޔާންބެއަށް ޓިކްޓޮކް ލައިވްއަކުން ދެ ލައްކައަށްވުރެ ގިނަ ރުފިޔާގެ އެހީ ލިބިއްޖެ

ކިޑްނީ ބަލީގެ ސަބަބުން އާންމުންގެ އެހީތެރިކަން
ބޭނުންވެފައިވާ، ރާއްޖެއާއި ރާއްޖެއިން ބޭރުގައި އެންމެ ކާމިޔާބު އެއް ދިވެހި ބޮޑީބިލްޑަރު
މުހައްމަދު ޔާމީން (ޔާންބެ) އަށް މިރޭ ޓިކްޓޮކްގައި ބޭއްވުނު ލައިވްއަކުން ދެ ލައްކައަށްވުރެ
ގިނަ ރުފިޔާގެ އެހީ ލިބިއްޖެއެވެ.
ޔާންބެއަށް އެހީވުމުގެ ގޮތުން ބަޔަކު އިސްނަގައިގެން
މިރޭ ޓިކްޓޮކްގައި ކުރިއަށްގެންދިޔަ ލައިވްއަށް ވަރަށް ގިނަ ބަޔަކު ބަލައި، އެތައް
ބަޔަކު އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
ގާތްގަނޑަކަށް އެއް ގަޑިއިރު ދެމިގެންދިޔަ މި ލައިވްއިން
210،000 ރުފިޔާއާއި 1،300 އެމެރިކާ ޑޮލަރު ހޯދިފައިވާކަމަށް ބުނެވެއެވެ. މިއީ ޓިކްޓޮކްގައި
މިފަދަ ގޮތަކަށް ކުރިއަށްގެންދެވުނު އެންމެ ކާމިޔާބު އެއް ފަންޑްރެއިޒިންގ އިވެންޓްކަމަށް
ބެލެވެއެވެ.
Advertisement
މިހާރު މިސްޓަރ މޯލްޑިވްސްގެ މަޤާމުގައި ހުރި އަދި
އެ މަޤާމު ހަތަރު ފަހަރު ހޯދާފައިވާ ޔާންބެ ވިދާޅުވީ، ކިޑްނީ ބަލީގެ އެންމެ ފަހު މަރުހަލާގައި
އޭނާ ހުރިކަން އެނގުނީ މީގެ މަހެއްހާ ދުވަސްކުރިން ކަމަށާއި، ޑޮކްޓަރުންގެ ލަފާގައިވަނީ
ޓްރާންސްޕްލާންޓް ހެދުމަށް ކަމަށެވެ.
ޓްރާންސްޕްލާންޓް ހެދުމާއި އެހެނިހެން ފަރުވާގެ
ކަންކަމަށް ބޮޑު އަދަދެއްގެ ފައިސާ ބޭނުންވާތީ، ޔާންބެގެ އުފަންރަށް ށ. ފުނަދޫގެ ރައްޔިތުން
ވެސް ވަނީ ފައިސާ ހޯދުމުގެ މަސައްކަތް ފަށާފައެވެ.
ޔާންބެ ވިދާޅުވިގޮތުގައި، މީގެ ކުރިން މި ބަލީގެ
އެއްވެސް އަލާމާތެއް ފާހަގަކުރެވިފައެއް ނުވެއެވެ. މައްސަލައެއް އުޅޭކަން އެނގުނީ ކުދި
އުނދަގޫތަކެއް ދިމާވުމާ ގުޅިގެން ހެދި ލޭގެ ޓެސްޓަކުންނެވެ. އޭގެފަހުން މިވީ މަހެއްހާ
ދުވަހުގެ ތެރޭގައި އޭނާ ވަނީ ވަރަށް ގިނަ ޑޮކްޓަރުންނަށް ދައްކައި، އެތައް ޓެސްޓުތަކެއް
ހަދާފައެވެ.
"ޑޮކްޓަރުން ބުނަނީ
މިހާރު ހުރީ ފަސްވަނަ ސްޓޭޖުގައޭ. އެއީ މި ބަލީގެ އެންމެ ފަހު ސްޓޭޖް. މިއީ އަނބުރާ
ދެން ރަނގަޅުކުރެވޭނެ ބައްޔެއް ނޫން. މިވަގުތު ކުޅިވަރާ އެއްކޮށް ދުރުގައި މިހުރީ.
ފޯކަސް އޮތީ މި ކަމުން އަރައިގަތުމަށް." ޔާންބެ ވިދާޅުވިއެވެ.
ޔާންބެ އެންމެ ފުރަތަމަ މިސްޓަރ މޯލްޑިވްސްގެ މަޤާމު
ހޯއްދެވީ 2017 ގައެވެ. އޭގެފަހުން 2021، 2022، އަދި 2023 ގައި ހޯއްދަވައި، ޖުމްލަ ހަތަރު
ފަހަރު މި މަޤާމު ކާމިޔާބުކުރެއްވިއެވވިއެވެ. މީގެ އިތުރުން އޭނާ ވަނީ ބައިނަލްއަޤްވާމީ
ފެންވަރުގައި ވެސް ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވާފައެވެ.
ފާއިތުވި އަހަރު ބޭއްވުނު އޭޝިއާގެ ބޮޑީބިލްޑިންގ
އަދި ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝޝިޕްގެ 85 ކިލޯގެ ކެޓަގަރީން ޔާންބެ ވަނީ ރަން މެޑަލް
ހާސިލުކުރައްވާފައެވެ. އަދި 2022 ވަނަ އަހަރު ބޭއްވުނު ބޮޑީ ބިލްޑިންގ ވޯލްޑް ޗެމްޕިއަންޕިއަންޝިޕްގެ
އެންމެ ވާދަވެރި އެއް ކެޓަގަރީ ކަމުގައިވާ ސުޕަ 90 ކިލޯގެ ކެޓަގަރީގެ ފައިނަލުގައި
ވާދަކުރައްވައި ލޯ މެޑަލް ހޯއްދަވާފައިވެއެވެ.
ޔާންބެގެ މި ހާލަތާ ގުޅިގެން ގިނަ އަދަދެއްގެ ދިވެހިން
ވަނީ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިމަތިލާފައެވެ. މިގޮތުން އެކި
ފަރާތްތަކުން ފަންޑްރެއިޒިންގ އިވެންޓްތައް ރާވައި، އޮންލައިން ޕްލެޓްފޯމްތަކުގައި
ފައިސާ އެއްކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވެއެވެ.
ޔާންބެގެ ޞިއްޙީ ހާލަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު
ލިބެމުންދާ ގޮތުގައި، އޭނާއަށް ބޭނުންވާ ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށްޓަކައި ރާއްޖެއިން
ބޭރަށް ދަތުރުކުރަން ޖެހިދާނެކަމަށް ލަފާކުރެވެއެވެ. މިކަމަށް ބޭނުންވާ ޚަރަދުތައް
ހަމަޖެއްސުމަށް އާންމުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާކަމަށް ޔާންބެގެ އާއިލާއިން
ބުނެފައިވެއެވެ.
ޔާންބެގެ މި ހާލަތާ ގުޅިގެން ގިނަ ބަޔަކު ދަނީ
ސޯޝަލް މީޑިއާގައި އެކިއެކި ޕޯސްޓްތައް ކުރަމުންނެވެ. ގިނަ ބަޔަކު ދަނީ އޭނާއަށް އަވަސް
ޝިފާއަކަށް އެދި ދުޢާކުރަމުންނެވެ. އަދި އެހީތެރިކަން ފޯރުކޮށްދިނުމަށް އެދި ގޮވާލަމުންނެވެ.
މި ހާދިސާއިން ދައްކުވައިދެނީ ދިވެހި މުޖުތަމަޢުގެ
އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހެވެ. އަދި ޤައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ
ކާމިޔާބު ކުޅުންތެރިންނަށް ރައްޔިތުން ދޭ އަހައްމިއްޔަތުކަމެވެ. ޔާންބެގެ ހާލަތު ރަނގަޅުވެ،
އަވަހަށް ފަސޭހަވުމަކީ ގިނަ ދިވެހިންގެ އެދުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ