އިސްލާމްދީނަކީ ހަމައެކަނި ފިޤުހީ މައްސަލަތަކެއްނޫންކަމާއި އިސްލާމްދީނަކީ އިލްމާއި ކުރިއެރުންތަކުގެ ދީންކަމާއި އިސްލާމީ ޙަޟާރަތަކީ އިލްމު އުނގެނުމަށް ގޮވައިލާފައިވާ ޙަޟާރަތެއްކަމަށާއި މުސްލިމުންގެ ޙަޔާތުގައި ހޯދާ ކުރިއެރުންތަކުގައި ވަޙީގެ އަސަރު ހުންނަންޖެހޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޑރ ޝަހީމް މިހެން ވިދާޅުވީ ރޭގައި ފުވައްމުލައް ސިޓީގައި ބޭއްވުނު ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖްގެ ދަސްވެނިވުމުގެ ޙަފްލާގައި ވާހަކަ ދައްކަވަމުންނެވެ. ޝަރަފްވެރި މެހްމާނެއްގެ ހައިސިއްޔަތުން ޖަލްސާގައި، ދަސްވެނިންނާ މުޚާޠަބުކޮށް ވާހަކަ ދައްކަވަމުން ޑރ ޝަހީމް ވިދާޅުވީ ކޮންމެ ދަރިވަރަކު ވެސް ދަސްވެނިވުމަށް ފަހު މުޖްތަމަޢަށް ޚިދުމަތްކުރަން ނިކުންނަންވާނީ ﷲ ގެ ވަޖުހުފުޅު އެދިގެންކަމާއި މީސްތަކުންނަށް އިޙުސާންތެރިވުމާއި ޚިދުމަތް ދިނުމުގައި މާއްދީ ފައިދާއެއް ހޯދުމުގެ މައްޗަށް ސަވާބާއި ދަރުމަ ހޯދުން އިސްކުރުމަށެވެ.
ވަޢުދަށް ޙުރުމަތްތެރިކޮށް ހިތުމާއި ކެތްތެރިވުމާއި މި ސިފަތަކަކީ މި ފަދަ ޒަމާނެއްގައި ކޮންމެހެން ތަބާވުން މުހިންމު ސިފަތަކެއްކަމުގައި ވަޒީރު ވިދާޅުވިއެވެ. އިސްލާމްދީނުގައި އިލްމާއި ތަރުބިޔަތަކީ ގުޅި ލާމެހިފައިވާ ދެ އަސާސްކަމުން ދަސްވެނިވެގެން ނިކުންނަ އިރު އިސްލާމީ އަޚުލާޤުން އަޚުލާޤު ލިބިގަނެ ނަމޫނާ ބަޔަކަށް ވުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ. މައިންބަފައިންނަށް އިޙުސާންތެރިވުމާއި އަވައްޓެރިންނާއި މެހުމާނުންނަށް ހެޔޮކޮށް ހިތުމާއި ހެޔޮ ބަސްބުނުމަކީ ﷲ އަށްޓަކައި ދިރިއުޅޭ މީހުންގެ އަޚުލާޤުކަމުގައި ވިދާޅުވިއެވެ. ވަޙީގެ މައްޗަށް ބިނާ ނުވާ ކޮންމެ ފިކުރަކާއި ތަރައްޤީ އަކާ ކުރިއެރުމެއް އިންދިރާސްވެދާނެކަމަށާއި ދެމިގެންދާނެ ޙަޟާރަތަކީ ވަހީގެ މައްޗަށް ބިނާވާ ޙަޟާރަތްކަމަށާއި އެއީ އިސްލާމީ ޙަޟާރަތުކަމުގައި ވެސް ވަޒީރު ވިދާޅުވިއެވެ.
މި ޙަފްލާގައި ވަޒީރުވަނީ ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުން އިލްމު ފަތުރައި އިންސާނިއްޔަތަށް ޚިދުމަތްކުރުމުގައި ދައްކަމުންދާ ނަމޫނާއަށް ޝުކުރު އަދާކުރައްވާފައެވެ.
މުސްލިމުންގެ ޙަޔާތުގައި ހޯދާ ކުރިއެރުންތަކުގައި ވަޙީގެ އަސަރު ހުންނަންޖެހޭނެ!: ޑރ. ޝަހީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ