ޖެޓްފިއުލް ވަގަށް ނެގި ކަމަށް ބުނެ އެއާޕޯޓުން ވަކިކުރި އެކަކަށް ބަދަލުގެ ގޮތުގައި 60،400 ރުފިޔާ ދޭން އަންގައިފި

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ޖެޓް ފިއުލް ވަގަށް ނެގި ކަމަށް ތުހުމަތުކޮށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ވަޒީފާއިން ވަކިކުރި ދެ މީހުން ކުރެ އެކަކަށް 60،400 ރުފިޔާ 15 ދުވަސް ތެރޭގައި އެއްފަހަރާ ދީ ޚަލާސްކުރުމަށް އެމްއޭސީއެލްގެ މައްޗަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަންގައިފިއެވެ. އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި އެމްއޭސީއެލުން ގާއިމުކޮށްފައިވާ ފިއުލް ސާވިސް ސެކްޝަނުގެ ތެޔޮ ބައުޒަރަކުން 19،000 ލީޓަރުގެ ޖެޓް ފިއުލް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތަރުވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ވަގަށް ނެގި މައްސަލައިގެ ތަހުގީގަށް މިދިޔަ އަހަރު އެމްއޭސީއެލްގެ ފިއުލް ސެކްޝަނުގައި ވަޒީފާ އަދާކުރި ދެ މީހަކު، ނޮވެމްބަރު މަހުގެ ތެރޭގައި ހައްޔަރު ކުރިއެވެ. އެމްއޭސީއެލްގެ ކުރީގެ ރެފިއުލާ އޮޕަރޭޓަރު މުހައްމަދު އަބްދުﷲއާއި ސީނިއާ ފިއުލް ފާމް އޮފިސަރު އާދަމް ޒަމީލް، އެމީހުންގެ ވަޒީފާއިން ވަކިކުރި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި އިރު، އެ ޓްރައިބިއުނަލުން މި މައްސަލަ ބަލައި ނިންމާފައި ވަނީ މިއަދުއެވެ. ޓްރައިބިއުނަލުން ބުނީ، މައްސަލައަކީ ތަހުގީގު ކުރެވެމުން ދިޔަ މައްސަލައަކަށް ވީ އިރު، އެ ދެ މީހުން ވަޒީފާއިން ވަކި ކޮށްފައިވަނީ މައްސަލައާ މެދު ވަކި ގޮތެއް ނުނިމެނީސް ކަމަށެވެ. އެ ދެ މީހުން ވަޒީފާއިން ވަކިކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ. ޓްރައިބިއުނަލުގެ ނިންމުމުގައި ބުނެފައި ވަނީ ރެފިއުލާ އޮޕަރޭޓަރު މުހައްމަދު އަބްދުﷲ، ޖެޓްފިއުލް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވިކަން ސާބިތުވާ މިންވަރަށް ހެކި، އެމްއޭސީއެލުން ހުށަހަޅާފައި ނުވާ ކަމަށެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ އެކަށީގެންވާ ސަބަބެއް އޮވެގެން ނޫން ކަމަށް ޓްރައިބިއުނަލަށް ފެންނަ ނަމަވެސް، އެމްއޭސީއެލްއާއި މުހައްމަދު އަބްދުﷲއާ ދެމެދު އިތުބާރު ގެއްލިފައި ވުމުން އޭނާއަށް ވަޒީފާ އަނބުރާ ދިނުމަކީ މަސްލަހަތު ހުރި ގޮތެއް ކަމަށް ނުފެންނަ ކަމަށް ޓްރައިބިއުނަލްގެ ނިންމުމުގައި ބުނެއެވެ. އެހެންކަމުން އޭނާ ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން މިއަދާ ހަމައަށް އޭނާއަށް ލިބެންޖެހޭ މުސާރައާއި އިނާޔަތުގެ ގޮތުގައި ޖުމްލަ 60،405.50 ރުފިޔާ އޭނާއަށް 15 ދުވަސް ތެރޭގައި ދިނުމަށް އެމްއޭސީއެލްއަށް ޓްރައިބިއުނަލުން އަންގާފައިވެއެވެ. ނަމަވެސް، ޖެޓް ފިއުލް މައްސަލައިގައި ވަކިކުރި ދެވަނަ މީހާ ކަމުގައިވާ އާދަމް ޒަމީލް އެމްއޭސީއެލުން ވަކި ކުރީ، ޖެޓްފިއުލް ވަގަށް ނެގުމުގައި އޭނާ އަމަލީ ގޮތުން ބައިވެރިވިކަން ހެއްކާއެކު ސާބިތުވާ ކަމަށް ޓްރައިބިއުނަލުން ބުނެއެވެ. އެހެން ނަމަވެސް އޭނާ ވަޒީފާއިން ވަކިކުރީ ވަޒީފާއިން ވަކިކުރުމުގައި ފުރިހަމަ ކުރަންޖެހޭ ގާނޫނީ އިޖުރާއަތްތައް ފުރިހަމަ ނުކޮށް ކަމަށް ވުމުން އެކަމުގެ ބަދަލުގައި އޭނާއަށް 6،200 ރުފިޔާ 15 ދުވަސް ތެރޭގައި ދިނުމަށް އެމްއޭސީއެލްގެ މައްޗަށް ޓްރައިބިއުނަލުން އަންގާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ