ގާސިމް ހެވިފައި ވިދާޅުވީ ދީފައި ހުރި ރަށްތައް 'ނަގަންވީ، ނަގަންވީ' ކަމަށް

އޭނާގެ ވިޔަފާރި ކުންފުންޏަށް ދީފައި ހުރި ރަށްތައް ސަރުކާރުން އަނބުރާ އަތުލިޔަސް މައްސަލައެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމަނިކުފާނާ އެކު ކޯލިޝަން ހެދުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދައުވަތު ދެއްވާފައި ވަނިކޮށް ޖޭޕީން ރިޔާސީ ރޭހަށް ނުކުންނަން ނިންމުމާ ގުޅިގެން، މިހާރު ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި އެ ޕާޓީގެ މީހުން މަގާމުން ވަކިކުރުމަށާއި ގާސިމަށް ސަރުކާރުން ދީފައިވާ ރަށްތައް އަތުލުމަށް އެމްޑީޕީގެ ބައެއް މެންބަރުން ދަނީ ގޮވާލަމުންނެވެ. މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އަނެއްކާވެސް ވަނީ ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި އެ ވާހަކަތަކަށް ރައްދުދެއްވާފަ އެވެ.
ތަފްސީލު - ގާސިމް މިފަހަރު ރައްދުދެއްވީ، އޭނާގެ ކުންފުންޏަކަށް ދީފައިވާ ށ. ކީކިމިނި އަތުލަން ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުގުނީ ގޮވާލެއްވި ކަމަށް ބުނާ ހަބަރެއް ވަޓްސްއެޕް ގުރޫޕަށް ލުމުންނެވެ.
"ކީކިމިނި ވެސް ނަގަންވީ، ނަގަންވީ. އަވަހަށް ނަގަންވީ، ބާރަށް ނަގަންވީ. ނަގަންވީ، ނަގަންވީ،" ފަސް ރިސޯޓުގެ ވެރިޔާ ގާސިމް ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ ބޮޑެތި މަހުޖަނުންގެ ތެރޭގައި ހިމެނޭ ގާސިމް ވިދާޅުވީ، އޭނާއަށް "ﷲގެ މިންވަރުފުޅުގައި އޮތް ތަނެއް އަދި ކަމެއް ވިޔަސް" އެއްވެސް މީހަކަށް ނުހުއްޓުވޭނެ ކަމަށެވެ.
"އެއީ ކުރެވޭނެ ކަމެއް ނޫން. އެކަން ޔަގީން،" އަނެއްކާވެސް ވެރިކަމަށް ކުރިމަތިލާނެ ކަމަށް ބެލެވޭ ގާސިމް ވިދާޅުވި އެވެ.
އެ މެސެޖާ ވިއްދައި ގާސިމް ވަނީ ހީހީހަލާކުވުން ރަމްޒުކޮށްދޭ އިމޯޖީތަކެއް ވެސް ވަޓްސްއެޕް ގްރޫޕަށް ފޮނުއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ