ދައުލަތުގެ މީޑިއާ، ޕީއެސްއެމުން އިންތިޒާމުކޮށްގެން ބާއްވާ އިންޓަ ސްކޫލް ލަވަ މުބާރާތް އިއްޔެ ފަށައިފި އެވެ.
މި މަހުގެ 20 އާ ހަމައަށް ކުރިއަށް ގެންދާ މި މުބާރާތުގައި 32 ސްކޫލަކުން 267 ދަރިވަރުން ވާދަކުރެ އެވެ. މުބާރާތް ކުރިއަށް ގެންދަނީ ހަ އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 6 އަހަރުން ދަށް، 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 19 އަހަރުން ދަށެވެ.
މުބާރާތުގައި ދަރިވަރުން ލަވަތައް ހުށަހަޅައި ދޭނީ ދެ ދަންފަޅިއެއްގަ އެވެ. އެއީ ހަވީރާއި ރޭގަނޑު އެވެ. ހަވީރު ދަންފަޅީގެ ކުރިއަށް ދާނީ 4:00-6:00 އަށް އަދި ރޭގަނޑު ދަންފަޅި ކުރިއަށް ދާނީ 8:00-11:30 އަށެވެ. ހުށަހެޅުންތައް ޕީއެސްއެމްގެ "ޔެސް ޓީވީ" އިން ލައިވްކުރާނެ އެވެ.
އިންޓަ ސްކޫލް ލަވަ މުބާރާތުގެ ވަނަތައް އިއުލާން ކުރާނީ މި މަހުގެ 24 ގަ އެވެ. މުބާރާތުގައި ހަތް ޖަޖުން ހިމެނެ އެވެ. އެއީ ކާނަލް އަލި މަނިކު (ދާރި)، އާދަމް ނަސީރު އިބްރާހީމް، ޝިފާ ތައުފީގު، މުޙައްމަދު އާމިރު އަހުމަދު (ފަރެސް)، މަރިޔަމް އުނޫޝާ، މުހައްމަދު ސުހައިލް އަދި ފާތިމަތު ފެޒްލީން އެވެ.
"އިންޓަ ސްކޫލް ލަވަ މުބާރާތް" ބާއްވަނީ ޕީއެސްމާއި އާޓްސް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީގެ އިތުރުން ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) ގުޅިގެންނެވެ.
"އިންޓަ ސްކޫލް ލަވަ މުބާރާތް" އެންމެ ފުރަތަމަ ބޭއްވީ 1988 ގަ އެވެ. އަދި މުބާރާތް އެންމެ ފަހުން ބޭއްވީ 2015 ގަ އެވެ. އެހެންވެ މި އަހަރު މުބާރާތް މި ބާއްވަނީ 8 އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.
އިންޓަ ސްކޫލް ލަވަ މުބާރާތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ