ވޯލްޑްކަޕް 2022: އެކުއަޑޯގެ މައްޗަށް 2-1 އިން ކުރި ހޯދާ ސެނެގާލް ދެވަނަ ބުރަށް

ފީފާ ވޯލްޑްކަޕް މުބާރާތުގެ ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައި ސެނެގާލްއިން ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވި ސެނެގާލް ދެވަނަ ބުރަށް ދިޔައީ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި 2-1 އިން އެކުއަޑޯ ބަލިކޮށްގެންނެވެ.
މެޗު ފެށުމާއެކު ވެސް މޮޅު ކުޅުމެއް ދައްކާ ގިނަ ހަމަލާތައް އުފެއްދީ ސެނެގާލްއިންނެވެ. އަދި އެޓީމުން ވަނީ ފުރަތަމަ ހާފް ނިމެން ދަނިކޮށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެން މެޗުގެ ލީޑު ނަގާފައެވެ. މިގޯލް އެޓީމަށް ކާމިޔާބުކޮށް ދިނީ އިސްމާއިލާ ސާއެވެ.
ދެވަނަ ހާފްގައި އެކުއަޑޯއިން ކުޅުން ވަރުގަދަ ކުރި އިރު މިމެޗުން އެއްވަރުވެގެން ވެސް އެކުއަޑޯއަަށް ކުރިއަށް ދެވޭނެ މަގު އޮތެވެ. އެކުއަޑޯގެ އަމާޒު ކުރީ ވެސް މިމިސްރާބަށެވެ. މިގޮތުން މެޗުގެ 67 ވަނަ މިނެޓްގައި އެކުއަޑޯގެ ސެސައިޑޯ ލަނޑެއް ޖަހާ ސްކޯ ހަމަހަމަ ކުރިއެވެ.
އެހެން ނަމަވެސް އޭނގެ 3 މިނެޓް ފަހުން ސެނެގާލްއިން ލަނޑެއް ޖަހާ އަނެއްކާ ވެސް ލީޑު ނެގިއެވެ.މިލަނޑު އެޓީމަށް ޖަހާ ދިނީ ކެޕްޓަން ކަލިޑޫ ކުލަބާލީއެވެ. މިއީ އޭނާ ސެނެގާލްއަށް ޖަހާ ދިން ފުރަތަމަ ލަނޑެވެ.
މި ނަތީޖާއާއެކު މެޗު ނިމުނު އިރު ސެނެގާލް ދެވަނަ ބުރަށް ދިޔައީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ 6 ޕޮއިންޓް ހޯދައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ