ކުރިއަށް އޮތް 7 ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

ކުރިއަށް އޮތް 7 ދުވަހުވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ލަފާކޮށްފިއެވެ.
މެޓް އޮފީހުން "ވީނިއުސް" އާ ވާހަދެއްކި މީޓްރޮލިޖިސްޓަކު ވިދާޅުވީ، ކުރިއަށް އޮތީ މުޅި ރާއްޖެއަށް ވެސް މޫސުން ގޯސް ދުވަސްވަރެއް ކަމަށެވެ. އަދި ކުރިއަށް އޮތް 7 ވަރަކަށް ދުވަހު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ކަނޑާއި ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވިއެވެ.
އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށިގެންވާ ކަމަށްވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި މިދުވަސްވަރު އާންމު ގޮތެއްގައި ވައިޖެހޭނީ ހުޅަނގާ ހުޅަނގު އުތުރުން ގަޑިޔަކު 10 މޭލާއި 20 މޭލާ ދެމެދުގައެވެ. ވިލާގަނޑުގައި ގަޑިޔަކު 35 މޭލާއި 40 މޭލަށް ވައިގަދަވާނެ ކަމަށް ބެލެވެއެވެ.
ރާއްޖެ ސަރަހައްދަށް ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭއިރު ކުރިއަށް އޮތް 7 ދުވަހުގެ ތެރޭގައި މޫސުމީ ސަމާލުތައް ނެރުމަކީ އެކަށީގެންވާ ކަމެކެވެ. މޫސުން ގޯސްވެއްޖެނަމަ އާންމު ގޮތެއްގައި ހުދު ސަމާލު ނެރޭއިރު، ވަކި ވަރަކަށް ވުރެ ވައިބާރުވެ ކަނޑުތައް ގަދަވެއްޖެނަމަ ރީނދޫ ސަމާލު ނެރޭނެއެވެ.
ރީނދޫ ސަމާލު ނެރެފި ނަމަ ސަމާލު ނެރެފިނަމަ ސަމާލު ނެރޭ ސަރަހައްދުތަކުގައި 9 މީޓަރުން ދަށުގެ އުޅަނދުފަހަރުގައި ފަސިންޖަރުން އުފުލުމާއި އެނޫން ބޭނުމެއްގައި ވެސް ދަތުރުކުރުން މަނާ ވާނެއެވެ. ނަމަވެސް، މިކަމުގައި ސަލާމަތީ ބާރުތަކުގެ އުލަނދުފަހަރު އިސްތިސްނާވާނެއެވެ.
ކޮންމެ ދުވަހެއްގެ މޫސުމާބެހޭ މަޢުލޫމާތުތައް އާއްމުންނާ ހަމައަށް ތާޒާކޮށް ގެނެސްދިނުމަށް މެޓް އޮފީހުން މުހިންމު މަސައްކަތްތަކެއް ކުރެއެވެ. އެގޮތުން މޫސުމީ މަޢުލޫމާތު ގެނެސްދިނުމަށް މެޓް އޮފީހުގައި ސްޓޫޑިއޯއެއް ހަދާ، އެ މަޢުލޫމަތު ވީޑިއޯ ހިމެނޭހެން މީޑިއާތަކަށް ދަނީ ފޯރުކޮށްދެމުންނެވެ.
އަދި ކޮމިއުނިޓީ ވައިބަރ ގްރޫޕާ އަދި ވެބްސައިޓް މެދުވެރިކޮށް މި މަޢުލޫމާތުތައް އަބަދުވެސް ދަނީ އަޕްޑޭޓްކުރަމުންނެވެ.
އެހެންކަމުން ދަތުރަކަށް ފެއްޓެވުމުގެ ކުރިން މޫސުމީ މައުލޫމާތު ހޯދުމަކީ އެންމެ އެދެވޭ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ