ރާއްޖޭގައި ނެޝަނަލް އޮއިލްް ރިޒާވެއް ގާއިމު ކުރަނީ

ރާއްޖޭގައި ތެލުގެ ރިޒާވް ގާއިމް ކުރަން ސަރުކާރުން މަސައްކަތް ކުރަނީ ހަތަރު އަހަރުގެ ޕްލޭނެއްގެ ދަށުން ތިން ސަރަހައްދެއް ހާއްސަކޮށްގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ރައީސް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ ސޮވްރިން ޑިވްލޮޕްމަންޓް ފަންޑް (އެސްޑީއެފް) ފަދަ ތެލުގެ ރިޒާވެއް ރާއްޖޭގައި އުފައްދަން ޖެހޭ ކަމަށާ، އެކަމަށް ސަރުކާރުން މަސައްކަތް ފަށަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މިވަގުތު އެކަމަށްޓަކައި ކުރަން ޖެހޭ ދިރާސާތައް ހަދަން ފަށާފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ.ރައީސް ޑރ. މުއިއްޒު ވިދާޅުވީ ތެލުގެ ރިޒާވްއެއް ގާއިމްކުރަން ސަރުކާރުން ޕްލޭންކޮށްފައިވަނީ ހަތަރު އަހަރު ދުވަހުގެ ޕްލޭނެއްގެ ދަށުން ތިން ސަރަހަދެއްގައި މިކަން ކުރުމެވެ."އެހެންވީމާ އަޅުގަނޑުމެންގެ ވިސްނުމަކީ ދޮޅު އަހަރުން ފޭސް އެއްގޮތަށް ގާތްގަނޑަކަށް ހަތަރު އަހަރާއި ފަސް އަހަރުން ތިން ސަރަހައްދެއްގައި އޮއިލް ރިޒާވެއް ގާއިމުކުރުން. އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ ދިރާސާތަކެއް ދަނީ ކުރަމުން،" ރައީސް ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ ކޮންމެ ފިޔަވައްސަކަށް ގާތްގަނޑަކަށް 150 މިލިއަން ޑޮލަރު އިންވެސްޓްކުރަންޖެހޭ ކަމަށެވެ. އެ މަސައްކަތް ކުރާނީ އޭގެ ސަބަބުން ލިބޭނެ ފައިދާ އާއި ގެއްލުންތައް ބަލައި އެކަން ދެމެހެއްޓެނިވި ގޮތަކަށް ކުރެވޭނެ ގޮތަކަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. ރާއްޖެއަކީ ތެލަށް ބަރޯސާވެފައިވާ ގައުމަކަށްވުމާއެކު އެންމެ ފުރަތަމަ ދުނިޔޭގައި ހިނގާ ކަމަކުން ހާއްސަން އަންނަނީ ތެލަށެވެ. އަދި ކޮންމެ އަހަރަކު ރާއްޖެއަށް 900 މިލިއަން ޑޮލަރުގެ ތެޔޮ ރާއްޖެއަށް އެތެރެކުރަން ޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ