ފަރުހާންގެ އަސްކަރީ ފިލްމު އެމެޒޯން ޕްރައިމްއަށް

ބޮލީވުޑްގެ އެކްޓަރު/ޑައިރެކްޓަރު ފަރުހާން އަހްތަރު ލީޑް ރޯލް ކުޅެފައިވާ އަސްކަރީ ފިލްމު "120 ބަހާދުރު" އެމެޒޯން ޕްރައިމް ވީޑިއޯގައި ސްޓްރީމްކުރަން ފަށައިފިއެވެ. މިދިޔަ އަހަރުގެ ނޮވެންބަރު މަހު 21 ގައި ސިނަމާތަކުގައި އެޅުވި މި ފިލްމަކީ ފަރުހާންގެ އަމިއްލަ ފިލްމު ކުންފުނި އެކްސެލް އެންޓަޓެއިންމަންޓާއި ހެޕީ ސްޓޫޑިއޯ ގުޅިގެން ގެނެސްދިން ފިލްމެކެވެ. މި ފިލްމުގައި ފަރުހާން ފެނިފައިވަނީ ވަރަށް ހިތްވަރުގަދަ އަސްކަރީ އޮފިސަރެއްގެ ރޯލުންނެވެ. ފިލްމު "120 ބަހާދުރު"ގެ ވާހަކަ ބިނާކޮށްފައިވަނީ އިންޑިއާއާއި ޗައިނާއާ ދެމެދު 1962ވަނަ އަހަރުތެރޭ ކުރިއަށްދިޔަ ރެޒާންގެ ލާ ހަނގުރާމައިގެ ހާދިސާގެ މައްޗަށެވެ. ފިލްމުގައި ފަރުހާން ކުޅެފައިވަނީ އިންޑިއާގެ 120 އޮފިސަރުން ޗައިނާގެ ބާރުގަދަ 3000 ސިފައިންނާ ދެކޮޅަށް ކުރި ހަނގުރާމައިގައި އިންޑިއާގެ އަސްކަރީ ލަޝްކަރު ލީޑަރަކަށް ހުރި މޭޖާ ޝައިތާން ސިންގް ބާޓީގެ ރޯލެވެ. ފިލްމު "120 ބަހާދުރު"ގެ މަންޒަރެއްގައި ފަރުހާން--ފޮޓޯ/ވެރައިޓީ "ރަޒީ"ގެ ނަމުން މަޝްހޫރު ރަޒްނީޝް ގާއީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ފަރުހާން ކުޅުނު ކެރެކްޓާއަކީ މިހާތަނަށް ކެރިއަރުގައި ކުޅުނު އެންމެ އުނދަގޫ އަދި އެންމެ ބޮޑަށް އެ ކެރެކްޓާއަކަށް ތައްޔާރުވި ރޯލް ކަމަށް ފަރުހާން ވަނީ ބުނެފައެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި މާ ބޮޑު ކުރިއެރުމެއް ނުލިބުނު ނަމަވެސް ފިލްމުގައި ފަރުހާންގެ ކެރެކްޓާ ދައްކުވައިދީފައިވަނީ ވަރަށް ފުރިހަމައަށް ކަމަށް ބުނެ، ބެލުންތެރިންގެ އިތުރުން ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ވަނީ އެކްޓަރަށް ތައުރީފުކޮށްފައެވެ. އޭގެ ތެރޭގައި އެކްޓަރު ރިތިކް ރޯޝަން ހިމެނެއެވެ. ބައެއް ފިލްމު ކްރިޓިކުން ބުނެފައިވާ ގޮތުގައި ވިޔަފާރީގެ ގޮތުން މާ ބޮޑު ފައިދާއެއް ފިލްމަށް ނުލިބުނަސް މިއީ އިންޑިއާގެ ކޮންމެ މީހެއްގެ ސަމާލުކަން ވެސް ލިބެންޖެހޭ މުހިއްމު ފިލްމެކެވެ. ފަރުހާން މިހާރު މަސައްކަތް ކުރަމުން އަންނަނީ އޭނާ ޑައިރެކްޓްކުރާ ފިލްމު "ޖީ ލޭ ޒަރާ" އަދި އަމިއްލަ ފިލްމު ކުންފުނިން ގެނެސްދޭ "ޑޮން 3"ގެ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތަކުގައެވެ. ފަހުގެ ރިޕޯޓުތައް ބުނާގޮތުން ވަރަށް ބޮޑަށް ލަސްވެފައިވާ މި ދެ ފިލްމުގެ މަސައްކަތް ވަރަށް އަވަހަށް ފަށަން އަންނަނީ ތައްޔާރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ