ސިޔާސީ ވެރިންގެ މަގުބޫލުކަން އޮންނަ ވަރެއް ނަގާ ވޯޓަކުން ނުވަތަ ޕޯލަކުން އެނގޭ ވަރަށްވުރެ ރާއްޖޭގައި ކަންކަން އަގަޑަ ބަގަޑައެވެ. ކޮންމެ ކަމެއް ކޮންމެހެނެއް އޮތަސް "ދެން ކީއްކުރާނީ" ވެފައި އޮތް މުޖުތަމައެއްގައި އެކަމުގައިވެސް ކުރާނެކަމެއް ނުއޮންނާނެތާއެވެ. ދެ ފަހަރު އެއް ވާހަކައެއް އެއް ގޮތަކަށް ދައްކާ އުޅޭ މީހުން މަދުތަނެއްގައި ހެވެއް ނުބައެއް ވަތްކެއް ނުވާނެތާއެވެ.
ސިޔާސީ ވެރިން ރިސެޓް ވެލީމާ ބަދަލުވެގެން ދަނީ ކިލައެއް މިލައެއް ކުލައެއް ނެތް ސާފު ފެން ފޮދަކަށެވެ. ފެކްޓްރީ ރިސެޓް ހަދާލުމުން ކުރިން ކަމެއް ކުރި ކަމަށްވެސް ނުވެއެވެ. ކޮރަޕްޝަނާއި ފަސާދައާއި އަނިޔާއަކީ ހުވަފެނުންވެސް ދުށް ކަންކަމަކަށް ޢޭރަކުން ނުވެއެވެ.
ސިޔާސީ ވެރިން ބޭނުންވާ ކަމެއް ހާސިލު ކުރަންވީމާ ކައިރި ނުވެވޭ ވަރަށް ދުރުވެވޭ ކަމަކަށް ނުވެއެވެ. ވަތްކަނޑާލަން ވީމާ ކަމުދާއެއް ކަމެއްނެތި ރަތް މަހަށް ނުކުރާވަރު ކޮށްލުންވެސް މައްސަލައަކަށް ނުވެއެވެ. ކީހާ ޅެން ފަރިއްސަށް ހަދާ އެ ހިނދަކަށް މަންފާހުރި ގޮތަކަށް އެނބުރެމުން ސެނބުރެމުން ދިޔުމަކީ މޮޅުކަމެވެ. ކުޅަދާނަ ކަމެވެ. ކޮޅު ބަދަލު ކޮށްލުމާއި އެކު ނުރުހުމުގެ ލޮލަށް ފެނުނުހާ އައިބުތައް ފޮރުވި ދޮންފުތު ވެދެއެވެ.
ސިޔާސީ ވެރިން މަތި މައްޗަށް ދޮގުހެދުމާއި އޮޅުވާލުމާއި އުނބަށް ޖެހުމަކީ ސިޔާސީ ކަންކަމެވެ. އެއިން އެއްވެސް ކަމަކީ ވެރިންގެ ނިސްބަތުގައި ގޯހަކަށް ކުށަކަށް ނުވެއެވެ. ވެރިން ކުރާކޮންމެ ކަމަކީ ގައުމާއި ދީނާއި ރައްޔިތުންނަށްޓަކައި ކުރާކަންކަން ކަމަށް ދެކި ސަނާކިޔުން ނޫން ކަމެއް ނޯވެއެވެ.
ސިޔާސީ ވެރިންގެ ތެޔޮގުޅާ ސާދާކުރުމުގައި ރައްޔިތުން ތިބެންވީ ހުވަފެން ބަލަބަލައެވެ. ކޮށްދޭން ބުނާ ކަންކަމާއި ވާން ހުރި ކަންކަމުގެ ގިނަކަމާއި މޮޅުކަމާއި ފަސޭހައާއި ލުއިގެ އިންތިޒާރުގައެވެ. ކިޔަމަންތެރިކަމާއެކު ކުރާނެ ކަމެއް ނޭނގި ދެން ކީއްކުރާނީގައި ފަހަކުން ފަހަކުން އަހަރުތައް ގުނާ އުމުރު ހުސް ކުރުމުގައެވެ. ދިރި ތިބީންނަށް ނެތް މޮޅެއް އަންނަން ތިބި ދަރީންގެ ދަރިންނަށް ހޯދާދެވޭނެ ކަމުގެ އުންމީދުގައެވެ. ވޯޓްލުން ނޫން ހައްގެއް ނުލިބި ކޮނޑުހުޅުން ނެއްޓޭ ވަރަށް އަތްޖަހާލަ ޖަހާލައެވެ.
ސިޔާސީވެރިން ރިސެޓްވުމުން ކިލައެއް މިލައެއް ނުހުރޭ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ