ކައުންސިލް އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިމަހު 18 ގައި

މިމަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު އެއްވަރުވެގެން ދެވަނަ ބުރަށް ދިޔަ ކެނޑިޑޭޓުންގެ މެދުގައި ނަގާ ވޯޓު، މިމަހުގެ 18 ވަނަ (އަންނަ ހޮނިހިރު) ދުވަހު ބާއްވަން ނިންމާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.އެ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރަން ފެށުމުގެ ކުރިން، ދައުލަތުގެ މީޑިއާ މެދުވެރިކޮށް ޒާހިދު ދެއްވި ހިތާބުގައި ވިދާޅުވީ، ވޯޓުލުމުގެ ހައްގު ލިބިފައިވާ 294،576 މީހުންގެ ތެރެއިން 215،346 މީހުން ވޯޓު ދީފައިވާ ކަމަށެވެ.އެއީ ކައުންސިލާއި އަންހެނުންގެ ކޮމިޓީ އިންތިހާބެއްގައި އެންމެ ގިނަ މީހުން ވޯޓު ދިން ފަހަރު ކަމަށް އޭނާ ވިދާޅުވި އެވެ. "2026، ހަތަރެއް އޭޕްރީލް ވީ ހޮނިހިރު ދުވަހު ބޭއްވިގެން ދިޔަ އިންތިހާބުތަކަކީ މިނިވަންކަމާ އެކު،  އިންސާފުވެރިކަމާ އެކު ކުރިއަށް ގެންގޮސްފައިވާ އިންތިހާބުތަކެއް،" ޒާހިދު ވިދާޅުވި އެވެ.އެ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށް މިހާރު ވަނީ ނިމިފަ އެވެ. ބައެއް ދާއިރާތަކުގެ ވޯޓު އެއްވަރުވުމުން ދެ ވަނަ ބުރެއް ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ. ނަމަވެސް، އެ ދާއިރާތަކުގެ ތަފިސީލެއް އަދި ނުލިބެ އެވެ.ޒާހިދު ވިދާޅުވީ ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ. "އިންތިހާބުގެ ދެވަނަ ބުރަށް ދާ ދާއިރާތަކުގެ އިންތިހާބު މި މަހު 18 ވާ ހޮނިހިރު ދުވަހު ބޭއްވިގެން ދާނެ. އެކަމަށްޓަކައި ވާން ޖެހޭ ތައްޔާރީތައްވުމުގެ މަސައްކަތް މިހާރު އަޅުގަނޑުމެން ފަށައިފިން،" ޒާހިދު ވިދާޅުވި އެވެ. މިފަހަރު ލޯކަލް ކައުންސިލް އިންތިހާބުގައި އިންތިހާބުވި ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހު އެވެ. މިކަމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ލޯކަލް ގަވަމެންޓް އޮތޯރިޓީން ވަނީ ފަށާފަ އެވެ. އެގޮތުން ކައުންސިލަރުން ހުވާކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެންބަރުން އިޤްރާރުގައި ސޮއިކުރުން ކުރިއަށް ގެންދާނީ، އެއް ރަސްމިއްޔާތެއްގެ ތެރެއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ