ކުރީގެ ތެލެސީމިއާ ސެންޓަރުގައި ޖީޕީ ކްލިނިކެއް ހަދަނީ
ކުރީގެ ތެލެސީމިއާ ސެންޓަރު ހުރި ބިމުގައި ޖީޕީ ކްލިނިކެއް ހެދުމަށް އެ އިމާރާތް ތަޅާލާނެ ބަޔަކު ހޯދަން އައިޖީއެމްއެޗުން އިއްޔެ އިއުލާންކޮށްފި އެވެ. އައިޖީއެމްއެޗުން ކުރި އިއުލާނުގައި ވަނީ، ހެންވޭރު ޖީޕީ ކްލިނިކް އަޅަނީ، ކުރީގެ ތެލެސީމިއާ ސެންޓަރުގައި ކަމަށެވެ. އެ އިއުލާނުގައި ބުނީ، ހެންވޭރު ޖީޕީ ކްލިނިކް ހެދުމަށް ކަނޑައަޅާފައިވާ ކުރީގެ ތެލެސީމިއާ ސެންޓަރުގެ ޑިމޮލިޝަން މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ. އެ މަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އެ ކަމަށް ޝަރުތު ހަމަވާ އެންމެންނަށް މިހާރު ހުޅުވާފައިވާ ކަމަށް އެ އައިޖީއެމްއެޗުން ބުންޏެވެ. ބީލަން ހުޅުވުން އޮންނާނީ މި މަހު 15 ގަ އެވެ.ފާހަގަކުރެވޭ ގޮތުގައި، މިދިޔަ މަހު ނުވައެއްގައި މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވަނީ، ހެންވޭރުގައި ޖީޕީ ކްލިނިކެއް ގާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ވިދާޅުވެފައެވެ. އަދި، މަސައްކަތް ކުރަނީ، އެ ކްލިނިކާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ ކްލިނިކްގެ މަސައްކަތް އެއްކޮށް ނިންމައި ހުޅުވުމަށް ކަމަށް އޭރު ހަލީމް ވިދާޅުވިއެވެ.އައިޖީއެމްއެޗުގައި އޮންނަ ދިގު ކިއު ކުޑަކުރުމަށް ސަރުކާރުން ވަނީ މާލޭގެ އެކި ހިސާބުތަކުގައި ޖީޕީ ކްލިނިކްތައް ހެދުމުގެ މަސައްކަތް ފަށައިފަ އެވެ. އަދި ފުރަތަމަ ޖީޕީ ކްލިނިކް، އެސްޓީއޯ ހެޑް އޮފީހާ ޖެހިގެން ހުންނަ އިމާރާތުގައި ހަދައި، އެ ތަނުން ހިދުމަތް ދޭން މިދިޔަ އަހަރު ވަނީ ފަށައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ