ދިރާގުން ދޭ ދެ ސްޕީޑުބޯޓުގެ ތެރެއިން ފުރަތަމަ ސްޕީޑްބޯޓުގެ ނަސީބުވެރިޔާ ހޮވުން ހުކުރު ދުވަހު
ދެ ސްޕީޑްބޯޓެއް ދޫކުރާ ދިރާގުގެ 'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގެ ދަށުން ފުރަތަމަ ސްޕީޑްބޯޓު ލިބޭ ނަސީބުވެރިޔާ އަންނަ ހުކުރު ދުވަހު ހޮވާނެކަން، ދިރާގުން ހާމަކޮށްފިއެވެ. ދިރާގުން ބުނީ، ފުރަތަމަ ސްޕީޑްބޯޓުގެ ނަސީބުވެރިޔާ ހޮވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު ހަވީރު ހަތަރެއް ޖަހާއިރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ކަމަށެވެ. މި ޕްރޮމޯޝަނުގެ ދަށުން ހުށަހަޅާފައިވާ ފުރަތަމަ ސްޕީޑްބޯޓު ހޯދުމުގެ ފުރުސަތު ހަމަވިކަމުގައި ވިޔަސް، ދެވަނަ ސްޕީޑްބޯޓު ކާމިޔާބުކުރުމުގެ ފުރުސަތު އަންނަ މާރިޗު މަހުގެ ނިޔަލަށް އަދި އެބައޮތް ކަމަށް، ދިރާގުން ބުންޏެވެ. އެގޮތުން ދިރާގުގެ މިހާރުގެ ކަސްޓަމަރުންނަށާއި އާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނަށް ޚާއްސަ ޕޯޓަލް މެދުވެރިކޮށް މާރިޗު މަސް ނިމެންދެން ބައިވެރިވެވޭނެއެވެ. މި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ދިރާގުން ދިނުމަށް ހަމަޖެހިފައިވަނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެއް ކަމަށާއި،. މިއިން ކޮންމެ އުޅަނދެއްގައި ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް ވެސް އެކުލެވިގެންވާ ކަމަށް ދިރާގުން ބުންޏެވެ. މީގެ އިތުރުން، ދިރާގުން ބުނީ ދިރާގުޕޭއަށް ރަޖިސްޓަރީކޮށްގެން މި ޕްރޮމޯޝަންގެ ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށެވެ. އަދި މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގެ ތެރޭގައި ދިރާގުޕޭއަށް ރަޖިސްޓާކުރާ ކަސްޓަމަރުންނަށް ވެސް މި ފުރުސަތު ލިބި، މި އަގުހުރި އިނާމްތައް ހާސިލުކުރުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ. ދިރާގުން ބުނީ ދިރާގު ޕްރީޕެއިޑް ޕްލޭންތަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް ރީލޯޑްކުރާ ކަސްޓަމަރުން، ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށްވުރެ މަތީ ޕްލޭންތަކަށް، އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެން މަތިން ބިލްދައްކާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ. އަދި ދިރާގު ލިމިޓެއްނެތް ފައިބާ 40އެމް ނުވަތަ އެއަށްވުރެ މަތީގެ ޕްލޭންތަކުގެ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ލަކީ ޑްރޯގައި ބައިވެރިވެވޭނެކަމަށް ވެސް ދިރާގުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ