ސްމާޓް ޑިސްޕްލޭއަކާއެކު އެންކަރުގެ އާ ޗާޖަރު ދައްކާލައިފި

ޗާޖަރުގެ ބޭރުން ފެންނަން ހުންނަ ކުޑަ ސްމާޓް ޑިސްޕްލޭއަކާއެކު، ފޯނަށް ބޭނުންވާ މައުލޫމާތު ވަގުތުން ބަލާލެވޭ އާދަޔާޚިލާފު ޗާޖަރެއް އެންކަރު އިން ސީއީއެސް 2026 މައުރަޒުގައި ދައްކާލައިފިއެވެ. 'އެންކަރު ނެނޯ ޗާޖަރު'ގެ ނަމުން ނަންދީފައިވާ މި އުފެއްދުމަކީ، ޗާޖުކުރަމުންދާއިރު ބެޓެރީގެ ހާލަތާއި ކަރަންޓު ފޯރުކޮށްދޭ މިންވަރު ފަސޭހަކަމާއެކު ބަލާލެވޭނެ ގޮތަށް ފަރުމާކޮށްފައިވާ، އެންކަރުގެ އާ ލައިނަޕްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ އެއް އުފެއްދުމެވެ. މި ސްމާޓް ޗާޖަރަކީ 45 ވޮޓްގެ ބާރުމިނުގައި ޗާޖުކޮށްދޭ، އަދި 180 ޑިގްރީއަށް ފަތްޖަހާލެވޭ ގޮތަށް ފަރުމާކޮށްފައިވާ ކުޑަ ޗާޖަރެކެވެ. މީގެ އެންމެ ޚާއްޞަ ސިފައަކީ، ޗާޖަރާ ގުޅާލާފައި ވަނީ ކޮން މޮޑެލްއެއްގެ އައިފޯނެއްތޯ އަމިއްލައަށް ދެނެގަނެ، އެ ފޯނަކަށް އެންމެ އެކަށޭނަ މިންވަރަށް ބާރު ފޯރުކޮށްދިނުމެވެ. އަދި ބެޓެރީ ހޫނުވިޔަނުދީ ރައްކާތެރިކަމާއެކު ޗާޖުކޮށްދޭ "ކެއާ މޯޑް" ވެސް މި ޗާޖަރުގައި ހިމެނެއެވެ. މި މަހުގެ ފަހުކޮޅު ބާޒާރަށް ނެރޭ މި ޗާޖަރުގެ އަގަކީ 40 ޑޮލަރެވެ. މި ޗާޖަރުގެ އިތުރުންވެސް، އެންކަރުއިން ވަނީ ޒަމާނީ އެހެން އެކްސެސަރީޒްތަކެއް ވެސް ދައްކާލާފައެވެ. އޭގެ ތެރޭގައި ހިމެނޭ 'އެންކަރު ޕްރައިމް ވަޔާލެސް ޗާޖިން ސްޓޭޝަން' އަކީ އައިފޯން، އެޕަލް ވޮޗް އަދި އެއާޕޮޑްސް އެއްފަހަރާ ޗާޖުކޮށްލެވޭ 25 ވޮޓްގެ ހަލުވި ޗާޖަރެކެވެ. 150 ޑޮލަރަށް ވިއްކާ މި ސްޓޭޝަނަކީ ދަތުރުފަތުރުގައި ގެންގުޅެން ފަސޭހަވާނޭހެން ފަތްޖަހާލެވޭ ގޮތަށް ހަދާފައިވާ އެއްޗެކެވެ. މަސައްކަތުގެ މާހައުލަށް ޚާއްޞަކޮށް އެންކަރުއިން ވަނީ 70 ވޮޓްގެ އައުޓްޕުޓް ލިބޭ '10-އިން-1 ނެނޯ ޕަވާ ސްޓްރިޕް' އެއްވެސް ތައާރަފުކޮށްފައެވެ. މޭޒުގެ އަރިމަތީގައި ކްލޭމްޕް ޖަހާފައި ހަރުކޮށްލެވޭ މި ޕަވާ ސްޓްރިޕްގެ އަގަކީ 70 ޑޮލަރެވެ. މީގެ އިތުރުން، އެއްފަހަރާ ތިން ސްކްރީން ގުޅާލެވޭ '13-އިން-1 ނެނޯ ޑޮކިން ސްޓޭޝަން' އެއްވެސް އެންކަރު އިން ވަނީ ބާޒާރަށް ނެރެފައެވެ. މި ޑޮކިން ސްޓޭޝަން މިހާރު 150 ޑޮލަރަށް ގަންނަން ލިބޭނެއެވެ. އެންކަރުގެ މި އާ އުފެއްދުންތަކާއެކު، ޗާޖުކުރުމުގެ ދާއިރާއަށް "ސްމާޓް" އަދި "ވިޝުއަލް" ބަދަލުތަކެއް އަންނާނެ ކަމަށް މާހިރުން ލަފާކުރެއެވެ. އެންކަރު އަކީ މޯބައިލް ޗާޖިން ޓެކްނޮލޮޖީ އާއި ޕަވަ އެކްސެސަރީޒް އުފެއްދުމުގައި ދުނިޔޭގެ އެންމެ މަގުބޫލު އެއް ކުންފުންޏެވެ. ކޮންމެ އަހަރަކުވެސް އެމެރިކާގެ ލަސްވޭގަސްގައި ބާއްވާ 'ކޮންސިއުމާ އިލެކްޓްރޯނިކްސް ޝޯ' (ސީއީއެސް) އަކީ އެންކަރު އިން އެ ކުންފުނީގެ އެންމެ ފަހުގެ އީޖާދުތައް ދުނިޔެއަށް ދައްކާލާ މައިގަނޑު މައިދާނެވެ. ފާއިތުވި އަހަރުތަކުގައި އެންކަރ އިން ވަނީ 'ގޭން' ޓެކްނޮލޮޖީ ބޭނުންކޮށްގެން ޗާޖަރުތަކުގެ ސައިޒު ކުޑަކޮށް، ޗާޖުކުރާ ބާރުމިން ދުވަހުން ދުވަހަށް ވަރުގަދަކޮށްފައެވެ. މިއަހަރު އެކުންފުނިން ބޮޑު އިސްކަމެއް ދީފައިވަނީ އެޕަލްގެ އުފެއްދުންތަކާ އެންމެ ގުޅޭ 'ކިޔުއައި2' ވަޔަލެސް ޗާޖިން މިންގަނޑަށް ފެތޭ، އަދި ބޭނުންކުރާ ފަރާތްތަކަށް ލޯކުރިމަތިން މައުލޫމާތު ފެންނަން ހުންނަ "ސްމާޓް" އީޖާދުތައް ބާޒާރަށް ނެރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ