އިޒްރޭލުން މިއަދި ދިން ވައިގެ ހަމަލާއެއްގައި އީރާނުގެ އިންޓެލިޖެންސް މިނިސްޓަރު އިސްމާއިލް ހަތީބު އަވަހާރަވެފައިވާ ކަމަށް އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެެއްޖެ އެވެ.
މިއީ މިހާރު ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި އީރާނުގެ އިސް ސަފުގެ ބޭފުޅުން އަވަހާރަކޮށްލުމަށް ހިންގަމުންދާ ސިލްސިލާ ހަމަލާތަކުގެ ތެރެއިން އެންމެ ފަހުގެ ހާދިސާ އެވެ.
ޕެޒެޝްކިއަން ވަނީ މި ހަމަލާއަކީ ފިނޑި އަމަލެއް ކަމަށް ސިފަކުރައްވައި ކުށްވެރިކުރައްވާފަ އެވެ. އަދި އީރާން އޮތީ ފުން ހިތާމައެއްގައި ކަމަށާއި، ނަމަވެސް އެ ބޭފުޅުންގެ މަގު ކުރިއަށް ވުރެ ސާބިތުކަމާ އެކު ކުރިއަށްދާނެކަން ޔަގީންކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިޒްރޭލުން ބުނި ގޮތުގައި، ތެހެރާނަށް ދިން ހަމަލާއެއްގައި ހަތީބު ވަނީ "ނައްތާލާފަ" އެވެ. އެ ގައުމުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކާޓްޒް ވިދާޅުވީ، އީރާނުގެ އިސް އޮފިޝަލުން ނައްތާލުމަށް އިތުރު ހުއްދައަކާ ނުލައި ބާރުގެ ބޭނުން ކުރުމަށް ސިފައިންނަށް ބާރު ދީފައިވާ ކަމަށެވެ.
މިދިޔަ މަހުގެ 28ގައި ހަނގުރާމަ ފެށުނު ފަހުން، އީރާނުގެ ލީޑަޝިޕް ބަލިކަށިކުރުމަށް އިޒްރޭލާއި އެމެރިކާއިން ކުރަމުންދާ މަސައްކަތްތައް ވަރުގަދަކޮށްފައިވާއިރު، މި ހަމަލާއަކީ ސަލާމަތީ ކަންތައްތަކާ ބެހޭ ވެރިޔާ އަލީ ލަރީޖާނީ އާއި ބަސީޖް ކޮމާންޑަރު ގުލާމްރިޒާ ސުލައިމާނީ ހިމެނޭހެން އީރާނުގެ އިސް ބޭފުޅުންތަކެއް އިއްޔެ އަވަހާރަކޮށްލުމަށް ފަހު ދިން ހަމަލާއެކެވެ.
އީރާނުން ބުނީ މި ގެއްލުންތަކުގެ ސަބަބުން އެ ގައުމުގެ މަސައްކަތްތަކަށް ބުރޫ ނާރާނެ ކަމަށާއި ބަދަލުހިފާނެ ކަމަށެވެ. މި ހަނގުރާމައާ ގުޅުންހުރި ހަމަލާތަކުގައި މިހާތަނަށް ސަރަހައްދުގެ އެކި ގައުމުތަކުން މީހުން މަރުވެފައިވާއިރު، ގަލްފުގެ ބައެއް ގައުމުތަކުގައި ގޮވުންތަކާއި ޑްރޯން ހުއްޓުވުމުގެ ހާދިސާތައް ވަނީ ރިޕޯޓްކޮށްފަ އެވެ.
މި ހަނގުރާމައިގައި ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު، އީރާނުގެ ކަމާ ބެހޭ ފަރާތްތަކުން ބުނާ ގޮތުގައި 1,300އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ނަމަވެސް ތަޖުރިބާކާރުން އަންދާޒާކުރާ ގޮތުގައި މި އަދަދު މިއަށް ވުރެ މަތިވާނެ އެވެ.
ހަނގުރާމަ މަޑުޖެހޭނެ ކަމުގެ އެއްވެސް ނިޝާނެއް ނުފެންނައިރު، ހަކަތަ އުފުލާ މައިގަނޑު މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ތެލުގެ އަގު އުފުލި، ދުނިޔޭގެ ބާޒާރަށް ކުރާ ނޭދެވޭ އަސަރުތައް ދަނީ އިތުރުވަމުންނެވެ.
އީރާނުގެ އިންޓެލިޖެންސް ވަޒީރު އިސްމާއިލް ހަތީބު އަވަހާރަކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ