އަލިފާނުގެ ހާދިސާއާ ގުޅިގެން ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރުން މެދުކަނޑާލައިފި

މިރޭ މާފަންނުގައި ހުރި ކެމިކަލް ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓްރީގައި ކެންޑިޑޭޓުން ސޮއިކުރުމުގެ މަސައްކަތް މެދުކަނޑާލައިފި އެވެ.
ބުނީ ކީކޭ؟ - "އިންތިހާބާ ބެހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާތީ މިވަގުތަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓްރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް މެދުކަނޑާލާފައިވާ ވާހަކަ ދަންނަވަން،" އިލެކްޝަންސް ކޮމިޝަން (އީސީ)ން 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
އީސީން ބުނީ ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ އާ ތާރީހެއް ފަހުން އަންގާނެ ކަމަށެވެ.
އެނގުން މުހިންމު - މިރޭ އަލިފާން ރޯވީ ފުލޫނިޔާމަގުން، މ. ކައިރުގޭގައި ހުންނަ ޕްރައިމް ގޯޑައުންގަ އެވެ. އެއީ ގަސްކާނާ އާއި ކެމިކަލް ރައްކާކޮށްފައިހުރި ގުދަނެކެވެ.
ގުދަނުގައި ވަރަށް ބޮޑަށް ރޯވެ، އަނދާފައިވާއިރު، ފުލުހުންނާއި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އަދި އެމްއޭސީއެލްގެ ފަޔަ ލޮރީ ވެސް އެ ތަނުގައި ހަރަކާތްތެރިވެ އެވެ.
ގާތްގަނޑަކަށް ދެ ގަޑިއިރު ފަހުން އަލިފާންގަނޑު ކޮންޓްރޯލްކޮށްފައި ވިޔަސް، އަދިވެސް ގުދަނުގެ ތެރޭގައި އަލިފާން އެބަހުއްޓެވެ. އެހެންވެ، ފަޔާ އެންޑް ރެސްކިއުގެ ފަޔަފައިޓަރުން އަދިވެސް ދަނީ ގުދަނުގެ ތެރެއަށް ފެން ޖަހަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ