އަލިފާނުގެ ހާދިސާ: 4 ގެއަކުން 32 މީހުން ސޯޝަލް ސެންޓަރަށް
ތޮއިބާ މިސްކިތް ކައިރި ހުރި ގުދަނެއްގައި މިރޭ ރޯވި އަލިފާންގަނޑު މިހާރު ނިއްވާލާފައިވާއިރު، އެ ހާދިސާގައި ހާލުގައި ޖެހޭ މީހުންނަށް އެހީވާން ސޯޝަލް ސެންޓަރުގައި ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސައިފިއެވެ. އެމްއެންޑީއެފުން ބުނީ، މ. ތޮޢިބާ މިސްކިތް ކައިރީގައި ހުރި ގުދަނެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މި ހާދިސާ ހިނގީ މިއަދު 21:30 އެހާކަންހާއިރެވެ. މި ހާދިސާގައި ރޯވީ ގަސްކާނާއާއި ކެމިކަލް ހުރި ގުދަނެއްގައެވެ. އެހެންވެ، ވަރަށް ބޮޑަށް އަލިފާން ރޯވިއެވެ. މިރޭ ގާތްގަނޑަކަށް ގަނޑިން 23:15 އެހާކަންހާއިރު އަލިފާންގަނޑު ނިއްވާލީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭނުންކުރާ ފޯމްއިން އަލިފާން ނިއްވާ ފަޔާ ލޮރީ ވެސް ގެނެސްގެންނެވެ. އެހެންވެ، އަލިފާންގަނޑު ނިއްވާލި ނަމަވެސް އެ ސަރަހައްދުގައި ވަރަށް ދުން ބޮލެވެ. https://x.com/sunbrk/status/2034324147090969013 ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނީ، އަލިފާން ރޯވި ގުދަން ހުރި ސަަރަހައްދުގެ ހަތަރު ގެޔަކުން 32 މީހުން ސޯޝަލް ސެންޓަރުގައި މި ވަގުތު ގާއިމުކޮށްފައިވާ އިވެކިއުއޭޝަން ސެންޓަރަށް ވަގުތީގޮތުން ގެންގޮސްފައިވާ ކަމަށެވެ. އެ ސަރަހައްދުގައި ހުރި އެންޑީއެމްއޭގެ އޮފިޝަލަކު ދައުލަތުގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނީ، މި ހާދިސާއާ ގުޅިގެން އަސަރުކުރި މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު އެ އިދާރާއިން ކުރަމުން އަންނަ ކަމަށެވެ. އެހެންވެ، މި ހާދިސާއާ ގުޅިގެން އެހީވާން ސޯޝަލް ސެންޓަރުގައި ވަނީ ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ. https://sun.mv/219408 އެންޑީއެމްއޭއިން ބުނީ، ސޯޝަލް ސެންޓަރަށް ދުރުވާ ބޭފުޅުންގެ އިތުރުން، އެ އިދާރާއަށް އައިޑެންޓިފައިކުރެވޭ މީހުންނަށް ވެސް އެހީވުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި، މި ހާދިސާއާ ގުޅިގެން އެހީވާން މުޅި އެންޑީއެމްއޭ މިހާރު އެކްޓިވްކޮށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ޕްރައިމް ފާޓިލައިޒާގެ ގުދަނެއްގައެވެ. އެމްއެންޑީއެފުން ބުނީ އެއީ މ. ކައިރުގޭގައި ހުންނަ ގޯޑައުންއެއް ކަމަށެވެ. އެއީ، ގަސްކާނާއާއި ކެމިކަލް ބަހައްޓާފައި ހުރި ގުދަނެކެވެ. އެ ގުދަން ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު، މި ހާދިސާގައި ދުމުގެ އަސަރުކުރި އަންހެނަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ