ދިވެހި ރައްޔިތުން ދީނީ ގޮތުން ހޭލުންތެރި ކުރުވާ ދިވެހި މުޖްތަމައުގައި ދީނީ އިލްމު ފެތުރުމުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޝައިހް މުހައްމަދު އިބްރާހީމް (ނައިފަރީ)ގެ ހާލު ކުރިއަށް ވުރެ ރަނގަޅު ކަމަށް އެހީ ޖަމިއްޔާއިން ބުނެފި އެވެ.
ދަރުސް ދެއްވުމަށް މާލެ ވަޑައިގަތުމަށް ފަހު، ހުން ގަދަވެ ހާލުދެރަވުމުގެ ސަބަބުން އިތުރަށް ބެލުމަށާއި ފަރުވާ ހޯދުމަށް އިއްޔެ ވަނީ ޓްރީޓޮޕް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފަ އެވެ.
ޝައިހްގެ ސިއްހީ ކަންކަމުގައި އެހީ ފޯރުކޮށްދެމުންދާ "އެހީ" ޖަމިއްޔާގެ ރައީސް އަހްމަދް އިގްބާލް ވިދާޅުވީ މިހާރު އިއްޔެ ހެނދުނަށް ވުރެ ޝައިހްގެ ހާލު ރަނގަޅު ކަމަށެވެ. އަދި މިއަދު އިތުރު ޓެސްޓްތައް ހަދާނެ ކަމަށް އިގްބާލް ވިދާޅުވި އެވެ.
ޝެއިހް މާލެ ވަޑައިގެންނެވީ އަލް އަސްރު އަދި އެޗްޑީސީ ގުޅިގެން މިދިޔަ ހުކުރު ދުވަހު ބޭއްވި "ކަލަކުވޭ ބިރުވެތިވޭ" ދަރުސް ދެއްވުމަށެވެ.
ދެ ލޮލުގެ ފެނުން ގެއްލި ސިއްޙީ އެކިއެކި ކަންކަމަށް ފަރުވާކުރައްވަމުން ގެންދަވާ ޝައިހް އިބްރާހިމް ވަނީ 2023 ވަނަ އަހަރު ސިކުނޑީގެ ޓިޔުމަރު ނަގަން އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ. އެހީ ޖަމިއްޔާއިން މިދިޔަ މަހު ވަނީ، ޝައިޚްގެ ލޮލުގެ އޮޕަރޭޝަންކޮށް، ސިއްހީ ޓެސްޓުތަކެއް ހެދުމަށް ހަތަރު ލައްކައެއްހާ ރުފިޔާ ބޭނުންވާކަން އިއުލާންކޮށްފަ އެެވެ. އެއާއެކު، 24 ގަޑިއިރުތެރޭ އެހީގެ ގޮތުގައި ވަނީ 407،949 ރުފިޔާ ލިބިފަ އެވެ.
ދަރުސް ތަކުގެ އިތުރުން ޝެއިޚް އިބްރާހިމް ވަނީ ދިވެހިބަހުން އެތަކެއް ފޮތްތަކެއް ލިޔުއްވައި އަރަބި ފޮތްތައް ތަރުޖަމާ ކުރައްވާފަ އެވެ. އެގޮތުން ފާހަގަކޮށްލެވޭ ފޮތްތަކުގެ ތެރޭގައި ޙިސްނުލް މުސްލިމް، ކިތާބުއް ޞިޔާމު، ނަބީބޭކަލުންގެ ތަރިކަ، ތައުޙީދުގެ ޚުލަސާ، ކިތާބުއް ޞަލާތު ފަދަ މުހިންމު އެތަކެއް ފޮތެއް ހިމެނެ އެވެ.
ޝައިހު އިބްރާހިމްގެ ހާލު ކުރިއަށް ވުރެ ރަނގަޅު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ