ދޫކޮށްލައިގެން ތިބެއްޖެ ނަމަ ދަރަނި 200 ބިލިއަނަށް އަރާނެ

ދޫކޮށްލައިގެން ތިބެއްޖެ ނަމަ މި ފަސް އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 200 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެެ އެވެ.
އެމްޑީޕީން ޅ. ނައިފަރުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން އިބޫ ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ކޮވިޑުގެ ބަލިމަޑުކަން ކުރިމަތިވިއިރު ދައުލަތުގެ ބޭނުންކުރެވޭ ރިޒާވްގައި ހުރީ ދޮޅުމަސް ދުވަހު ރާއްޖެއަށް އިމްޕޯޓު ކުރެވޭ ވަރުގެ ފައިސާ ކަމަށާއި ކޮވިޑާއެކު މުޅި އިގްތިސާދު އަދި މުޅި ދުނިޔެ ވެސް ބަންދުވެގެންދިޔަ ކަމަށެވެ.
ރިޒާވްގައި އޭރި ހުރި ފައިސާ ކުރީ ސަރުކާރުން ބޭނުންކުރި އެންމެ ބޮޑު އެއް ކަމަކީ އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް 280 މިލިއަން ޑޮލަރު ދެއްކުމަށް ކަމަށާއި މިއީ ގަވާއިދާއި ގާނޫނާއި ހިލާފަށް ކުރި ކަމެއްގެ ސަބަބުން ދައްކަން ޖެހުނު ފައިސާތަކެއް ކަމަށް އިބޫ ވިދާޅުވި އެވެ. އަދި އެއާއެކު ރިޒާވްގައި ފައިސާ ނެތުމުން ފައިސާ ހޯދަން މަޖުބޫރުވި ކަމަށާއި ލޯނުތައް އޭރުގެ ސަރުކާރުން ނެގިއިރު، ލޯނުތައް ބަޔަކު ދެނީ އެ އަނބުރާ ދެއްކޭނެ ސިޔާސަތެއް ސަރުކާރުގައި އޮތުމުން ކަމަށްވެސް އިބޫ ވިދާޅުވި އެވެ.
"އެ ލޯނު ނެގީ އަނބުރާ ދެއްކޭނެ ކަމުގެ ޕްލޭނާއި ސިޔާސަތުތަކެއް އެކުލަވާލައިގެން. އެ ލޯނު ނުދެއްކިގެން އުޅޭކަށް ނުޖެހޭނެ. ރާއްޖޭގެ އިގްތިސާދުގައި އެ ހަކަތަ ހުންނާނެ. އެހެން ނަމަވެސް އެ މެނޭޖް ކުރަން ނޭނގޭ ބަޔަކު އުޅޭގޮތް މި ފެނިގެން އެދަނީ،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ މި ސަރުކާރަށްވީ ދެ އަހަރުގެ ތެރޭގައި އިގްތިސާދު ބަރާބަރަށް ހިނގާ ކަމަށާއި އަދި މުޅި ދުނިޔޭގެ އިގްތިސާދު ވެސް ރަނގަޅަށް އޮތްއިރު، ފާއިތުވި ދެ އަހަރުގެ ތެރޭގައި 38 ބިލިއަން ރުފިޔާއިން ދައުލަތް ދަރުވާލާފައިވާ ކަމަށެވެ.
"މުޅި ދައުލަތުގެ ދަރަނި 160 ބިލިއަނަށް އަރައިފި. މިހެން ދޫކޮށްލައިގެން ތިބެއްޖެއްޔާ މި ފަސް އަހަރު ނިމޭއިރުގައި 200 ބިލިއަނަށް މި ދައުލަތުގެ ދަރަނި ތިބޭފުޅުންގެ ބޮލުގައި އެޅިގެންދާނެ،" އިބޫ ވިދާޅުވި އެވެ.
އިބޫ ވަނީ މިކަން މިގޮތަށް ދިމާވަނީ ކަންކުރާނެ ގޮތް ނޭނގޭތީ ކަމަށާއި ސަރުކާރުގެ ގިނަ ކުންފުނިތައް ގެއްލުމުގައި ހިންގާއިރު، މިފަދަ ބޭފުޅުންގެ ސިޔާސަތުތަކާއި އެކީ އަންނަ ކައުންސިލްތައް ހިނގާނެ ގޮތެއް ނުވިސްނޭ ކަމަށްވެސް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ