"އަހަރެން ބުނަން މި އުޅޭ ވާހަކައާ މެދު ވަރަށް ގިނަ މީހުން ހިތްހަމަނުޖެހޭނެ. އެކަމަކު ވެސް ކޮންމެވެސް މީހަކު މި ވާހަކަ ދައްކަން އެބަ ޖެހޭ،" އިއްޔެ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ދިވެހި ރިސޯޓުތައް ތަމްސީލުކުރާ މައި އަދި އެންމެ ބޮޑު ޖަމިއްޔާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ 36 ވަނަ އަހަރީ އާންމު ޖަލްސާގެ އޯޕަން ޑިސްކަޝަންގައި ވާހަކަ ފަށަމުން މާލޭގެ ފުރަތަމަ މޭޔަރު އާދަމް މަނިކު ވިދާޅުވި އެވެ.
އޭނާގެ މައުޟޫއު ވަރަށް ސާފެވެ: ޓޫރިޒަމް ވިޔަފާރީގައި ދިވެހިންގެ ހިއްސާ ކުޑަވުމެވެ. މި ވިޔަފާރިއަށް ވަންނަން ދިވެހިންނަށް ހުރި ހުރަސްތަކުގެ ގިނަކަމެވެ. ދަތިކުރަމުން ކުރަމުން ގޮސް، ދިވެހިން އެއް ފަރާތަކަށް ޖައްސާލައި، ބޭރުގެ މަހުޖަނުން އަތަށް މި ވިޔަފާރި ދޫކޮށްލުމެވެ. ދިވެހިންގެ އަތުން ބިނާކުރި މި ސިނާއަތުގައި މުވައްޒަފުންގެ ދަރަޖައަށް ދިވެހިން ދިޔަ ގޮތުގެ ވާހަކަ އެވެ. އެއީ މަދު ދިވެހިން ފިޔަވަ އެވެ.
އެއީ ދޭސީންނާއި ބިދޭސީ ވިޔަފާރިވެރިން ތިބި ހޯލެކެވެ. އެންމެންނަށް ވެސް ސާފުވާނެ ގޮތަށް، އިނގިރޭސިބަހުން އާދަމްގެ ވާހަކަ ފެއްޓެވީ ދިވެހި ޓޫރިޒަމްގެ ވެސް ފެށި ހިސާބުންނެވެ. އެއީ އޭނާއަށް އެނގިވަޑައިގެންފައިވާ ގޮތުގައި %100 ދިވެހިންގެ މަސައްކަތެވެ.
އިޓަލީ ބައެއްގެ ފަރާތުން ކޮންމެވެސް ވަރަކަށް މާލީ އަދި އެ ނޫން އިތުރު އެހީތެރިކަން ލިބުނު ކަމުގައި ވިޔަސް އޭނާ ވިދާޅުވީ މި ވިޔަފާރި ފެށުމުގައި "ބޭރު ބައެއްގެ އެއްވެސް ކޮންޓްރިބިއުޝަނެއް ނެތް" ކަމަށެވެ.
"އެކަމަކު ދިވެހި ރިސޯޓު އިންޑަސްޓްރީން ދައްކުވައިދެނީ %100 ދިވެހިންގެ ހުރި ކުޅަދާނަކަމާއި ވިޔަފާރީގެ ވިސްނުން. ދިވެހިންގެ އަތުގައި މި އިންޑަސްޓްރީގެ %70 އަށް ވުރެ ބޮޑު ހިއްސާ އޮތް ޒަމާނެއް ވެސް ދިޔަ،" އޭނާ ވިދާޅުވި އެވެ.
ދިވެހި ޓޫރިޒަމްގެ ބާނީންގެ ގޮތުގައި ބަލަނީ ހަތަރު ބޭފުޅެކެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ ރާއްޖެއަށް ފުރަތަމަ ފަތުރުވެރިން ގެނައުމުގައި އިސް ދައުރެއް އަދާކުރެއްވި އިޓަލީގެ ރައްޔިތެއް ކަމަށްވާ ޖޯޖް ކޯބިން އެވެ.
އެކަމަކު އެއީ މިއަދު ފެންނަން އޮތް މަންޒަރެއް ނޫނެވެ. މަޑުމަޑުން ދިވެހިންގެ އަތުން ފަތުރުވެރިކަން ބީވެގެންދިޔައީ އެވެ. ސަބަބަކީ، އާދަމް ވިދާޅުވި ގޮތުގައި، ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓު (އެފްޑީއައި) އެވެ. އެކަމަކު އޭނާގެ ނަޒަރުގައި ދިވެހި ޓޫރިޒަމަށް ފޮރިން އިންވެސްޓްމަންޓް ބޭނުމެއް ނުވެ އެވެ.
"ފޮރިން އިންވެސްޓްމަންޓް އަންނަ އެއް ސަބަބަކީ 'އަންއެމްޕްލޮއިމަންޓް'ގެ މައްސަލަ ބޮޑުވުން. އެހެން ނޫނީ ބޭނުން ހިފޭނެ ވަސީލަތްތަކެއް އެތަނެއްގައި ހުރުން. އެކަމަކު މައްސަލައަކީ [ރާއްޖޭގައި ހުރި ވަސީލަތްތައް] ބޭނުންކުރަން ދިވެހިންނަށް ނޭނގުން،" އޭނާ ވިދާޅުވި އެވެ.
އާދަމް އެ ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ތަނަކަށް އިންވެސްޓުކުރަން ޝައުގުވެރިވާ ހުރިހާ ސަބަބުތައް ކަމަށް ނުވެދާނެ އެވެ. އެކަމަކު އެއީ އެ ޝައުގުވެރިކަމުގެ ފަހަތުގައިވާ މުހިންމު ބައެއް ސަބަބުތަކެވެ. އޭނާ ވިދާޅުވީ އެއީ ރާއްޖޭގައި ހުރި ހާލަތުތަކެއް ނޫން ކަމަށެވެ.
ވަޒީފާ ނުލިބުމުގެ މައްސަލަ ބޮޑު ގައުމުތަކުގެ މިސާލަކަށް އޭނާ ނެންގެވީ އަވަށްޓެރި ބަންގްލަދޭޝް އާއި ސްރީ ލަންކާ އެވެ. ބޭރު ވިޔަފާރިވެރިން އިންވެސްޓުކުރާ، ވަސީލަތްތައް ތިޔާގި ގައުމުތަކުގެ މިސާލަކަށް ނެންގެވީ އިންޑިއާ އާއި ޗައިނާ އެވެ.
އާދަމް މަނިކު ވިދާޅުވީ ރާއްޖޭގެ ހާލަތު، އެ ގައުމުތަކާ ވަރަށް ތަފާތު ކަމަށެވެ. ދިވެހިންނަކީ ކަމާ ކަން ފަށައި، ވަޒީފާ ހޯދަން ބޭރު ގައުމުތަކަށް ގޮސް އުޅޭ ބައެއް ނޫނެވެ. އދ.ގެ އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަންގެ މިދިޔަ ޖުލައިގައި އާންމުކުރި ދިރާސާއަކުން ދައްކާ ގޮތުގައި:
ޖުމްލަކޮށް އަންއެމްޕްލޮއިމަންޓް ރޭޓު ހުރީ %4.6ގައި
ޒުވާނުންގެ އާބާދީގައި އަންއެމްޕްލޮއިމަންޓް ރޭޓު ހުރީ %16.1ގައި
ދެން އޮތީ ވަސީލަތްތަކުގެ ވާހަކަ އެވެ. މިތަނުގައި ވިއްކައިގެން ނަފާ ލިބެން އޮތީ، އޭނާ ވިދާޅުވި ގޮތުގައި، ކަނޑުމަހުންނެވެ. އެއަށް ވެސް އަބަދުހެން މި އުޅެން ޖެހެނީ ހަމަ އަގެއް ނުލިބިގެންނެވެ.
އެ ހާލަތްތައް ނެތި، ބޭރު އިންވެސްޓަރުން ގެނައުމުގެ ނަތީޖާއަކީ، އޭނާ ވިދާޅުވި ގޮތުގައި، ދިވެހިންގެ އަތުން ފެށި ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހިން ބާކީވެ، އެއް ފަރާތް ކޮށްލުމެވެ.
ރާއްޖެއަކީ ޓޫރިޒަމްގައި ވަރުގަދަ ބްރޭންޑެކެވެ. މިއީ ބައިނަލްއަގްވާމީ ޓޫރިޒަމްގައި ވެސް އެންމެ އަގުބޮޑު އެއް ނަމެވެ. ބޭރު އިންވެސްޓަރުންގެ ހިއްސާ އެކަމުގައި އެބަ އޮތެވެ. އެކަމަކު އާދަމް ދެން ކުރެއްވީ ސުވާލެކެވެ. ބްރޭންޑް ރިކޮގްނިޝަން އާއި ބައެއް ހިދުމަތްތަކުގެ ފެންވަރު މަތިކުރުން ފިޔަވައި ބޭރުގެ އިންވެސްޓަރުން ކުރީ ކޮން ކަމެއް ހެއްޔެވެ؟ ރިސޯޓު އަޅާނެ ގޮތް ދިވެހިންނަށް ދަސްކޮށްދިނީ ބޭރުން ބަޔަކު އައިސްގެން ހެއްޔެވެ؟
"އަޅުގަނޑު ފޮރިން އިންވެސްޓްމަންޓާ ދެކޮޅުވަނީއެއް ނޫން. އެކަމަކު ފޮރިން އިންވެސްޓަރުން ގައުމަށް ގެނެސްދެނީ ކޮން އެއްޗެއް؟" އާދަމް ވިދާޅުވި އެވެ.
"ރިސޯޓެއް ހުޅުވާފައި މުސާރަ ދޭނެ. މުވައްޒަފުންގެ %90 މީހުންނަށް ތިބޭނީ ބިދޭސީން. މުދާ އިމްޕޯޓު ކުރާނެ. ޓެކްސް ދައްކާނެ. އެކަމަކު ދިވެހިން [މި ވިޔަފާރިކުރާ ނަމަ] އެ ފައިސާ ދައުރުވާނީ ރާއްޖޭގައި. އެ ފައިސާ ފެނުމުގެ ފުރުސަތު އޮވޭ."
އާދަމްގެ ވާހަކަ ކުރިއަށްގެންދެވީ ސަރުކާރުން ވިސްނަންވީ ކަންތައްތަކާ ބެހޭ ގޮތުންނެވެ. އެއީ ޓޫރިޒަމް ވިޔަފާރިއަށް ވަންނަން ދިވެހިންނަށް މިހާރު ހުރި ހުރަސްތައް ނައްތާލުމާއި، މި ސިނާއަތުގައި ދިވެހިންގެ ބައިވެރިވުން އިތުރުކުރާނެ ގޮތްތަކެވެ. އިތުރު މީހުން ވާހަކަދައްކަން ތިބި ކަމަށާއި ވާހަކަ ކުރުކޮށްލަން ޖަލްސާގެ ޕޯޑިއަމުން ދެމުންދިޔަ އިޝާރާތްތަކަށް އޭނާގެ މާ ބޮޑު ފަރުވާލެއް ނެތެވެ.
"ރިސޯޓެއް ހަދަން ލޯނެއް ނަގަން ބޭންކަށް ދާއިރަށް ބުނާނެ ފޮރިން އިންވެސްޓަރެއް ގެންނާށޭ. ނޫނީ ފޮރިން ސަބް ލެސީއެއް ގެންނާށޭ. ބޭރުން މެނޭޖްމަންޓް ކުންފުންޏެއް ގެންނާށޭ. އެހެން ނޫނީ ފައިސާއެއް ނުދޭނަމޭ. މިއީ ދިވެހިންނަށް ކުރިމަތިވާ މައްސަލައަކީ،" އޭނާ ވިދާޅުވި އެވެ.
"މިތަން ފުރާ މި ތިބީ ދިވެހި ޒުވާނުން. އެކަމަކު މި މީހުންނަށް ކުރިއަށް ދެވޭނެ މަގެއް ނުފެނޭ. އެއީ ކޮންމެވެސް ރިސޯޓެއްގެ މުވައްޒަފުން. ކޮންމެވެސް ދުވަހަކު އަމިއްލަ ރިސޯޓެއް ހިންގަން ދިވެހި ޒުވާނުން ވިސްނި ޒަމާނެއް ދިޔަ. އެ ފުރުސަތު މިހާރު މިއޮތީ ގެއްލިފައި. ސަރުކާރުން އެބަ ޖެހޭ މިކަމާ ވިސްނަން."
"އަހަރެމެންގެ ގައުމު ބޭރު މީހުންނަށް ވިއްކާލާނީތޯ؟ މިއީ ވަރަށް ކުޑަ، ވަސީލަތްތައް މަދު ގައުމެއްކަން ވިސްނާލަން ޖެހޭ. ބޭންކިން ސިނާއަތަށް މިވީ 50 ވަރަކަށް އަހަރު. މިތަނަށް [އިންވެސްޓް ކުރަން] އެބަ އާދޭ މުޅި ރާއްޖެއަށް ވުރެ 10 ގުނަ މުއްސަނދި ކުންފުނިތައް."
މިހެން ބުނެފައި ޝުކުރު އަދާކުރެއްވުމަށް ފަހު އާދަމް މަނިކުގެ ވާހަކަ ނިންމާލެއްވީ އެވެ.
ހޯލުގައި އޮތީ ނުތަނަވަސް ހިމޭންކަމެކެވެ. ނަމަވެސް އެ ހިމޭންކަމުގެ ތެރެއިން، އެތަނުގައި ތިބި ބައެއް ދިވެހި ޒުވާނުން މަޑުމަޑުން ބޯޖަހާލިތަން ފެނުނެވެ. އެއީ އޭނާ އެ ވިދާޅުވާ ފަދަ، އަމިއްލަ ރިސޯޓެއްގެ ހުވަފެން ބަލައި، އެ ފުރުސަތު ގެއްލިފައި ތިބި މީހުން ކަމަށް ވެދާނެ އެވެ.
އަނެއްކޮޅުން ސްޓޭޖުގައި ތިއްބެވި މަޓީގެ ހިންގާ ކޮމިޓީން އަވަސްވެގަތީ އާދަމް ފާޅުކުރެއްވި ހިޔާލުތަކަކީ އެ ޖަމިއްޔާގެ ވިސްނުމެއް ނޫންކަން ސާފުކޮށްދިނުމަށެވެ. ޖަމިއްޔާއެއްގެ ގޮތުގައި މަޓީއިން ރާއްޖޭގެ ހޮސްޕިޓާލިޓީ ސިނާއަތް ކުރިއަރުވަން މަސައްކަތްކޮށްދޭ ކޮންމެ މީހެއްގެ ވެސް އަގުވަޒަން ކުރެ އެވެ. އެއީ ދިވެއްސަކަށް ވިޔަސް، ބިދޭސީއަކަށް ވިޔަސް މެ އެވެ.
އާދަމް މަނިކުގެ ހިޔާލުތައް އޭނާއަށެވެ. މަދު ދިވެހިންތަކަކަށް ރިސޯޓު ވިޔަފާރީގެ ނަފާ ލިބުނު ނަމަވެސް، އަމިއްލަ ރިސޯޓެއްގެ ހުވަފެން ބަލާ ދިވެހި ޒުވާނުން އަދި ހޭލާނެ ކަމެއް ނެތެވެ. އެ ނިދިން ހޭލާނީ، ރައީސް މުހައްމަދު މުއިއްޒު އިއުލާންކުރެއްވި ކަންކަން ނިމުނީމަ އެވެ. މަދުވެގެން 10 ރިސޯޓުގެ ހިއްސާއާ އެކު، 2030 ހިސާބުގަ އެވެ. ދިވެހި ކޮންމެ ރައްޔިތަކަށް އަހަރަކު 400 ވަރަކަށް ޑޮލަރު ވެސް ލިބޭނެ ކަމަށްވެ އެވެ.
'އަމިއްލަ ރިސޯޓެކޭ؟ ދިވެހި ޒުވާނުންނަށް އެ ފުރުސަތު ގެއްލުވާލައިފި'
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ