ހުކުރު ދުވަހު ޕާކިސްތާނުގައި އެމެރިކާއާއެކު މަޝްވަރާތައް ފަށާނެކަމަށް އީރާނުން ބުނެފި

އެމެރިކާއާއެކު ދެ ހަފްތާގެ ހަނގުރާމަ ހުއްޓާލުމަށް އީރާނުން އެއްބަސްވެފައިވާއިރު، އީރާނުން ހުށަހެޅި 10 ނުކުތާގެ ހުށަހެޅުމަކަށް ބިނާކޮށް، ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުކުރު ދުވަހު އެމެރިކާއެކު މަޝްވަރާތައް ފަށާނެ ކަމަށް އެ ގައުމުގެ ގައުމީ ސަލާމަތީ މަޖިލީހުން ބުނެފިއެވެ. އީރާނުން އެގޮތަށް ބުނެފައި ވަނީ އީރާނު ސުންނާފަތިކޮށްލާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޒާރަށްފަހު، ހަމަލާތައް ނުދޭން ނިންމަވައި ދެ ހަފްތާއަށް ހަނގުރާމަ މެދުކަނޑާލާފައިވާކަން ޓްރަމްޕް އިއުލާނުކުރެއްވި ފަހުންނެވެ. ޓްރަމްޕް ވިދާޅުވީ ހަނގުރާމަ މެދުކަނޑާލަން ނިންމީ ގަލްފާއި އަރަބި ކަނޑާ ގުޅުވައިދޭ އަދި ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ ހަނި ކަނޑުއޮޅި ކަމަށްވާ ސްޓްރޭޓް އޮފް ހުރްމުޒް ރައްކާތެރިކަމާއެކު ވަގުތުން ހުޅުވުމަށް އީރާނުން އެއްބަސްވުމުން ކަމަށެވެ. އިސްރާއީލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ދޭ ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ހަރްމޮޒް ކަނޑުއޮޅިން އުޅަނދުތައް ދަތުރުކުރުން ހުރަސްއަޅާފައެވެ. އޭގެ ސަބަބުން މުޅި ދުނިޔޭގެ ވިޔަފާރިއަށް ބުރޫއަރާ، ތެލުގެ އަގު އުފުލި، ތެލުގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ. އީރާނުގެ ރައްދު ހަމަލާތައް ގަލްފުގެ ހުރިހާ ހިސާބަކަށް ދެމުން އަންނައިރު، ލުބުނާނުގެ ހިޒްބުالله އާއި ޔަމަނުގެ ހޫތީން ވެސް ވަނީ އިސްރާއީލަށް ހަމަލާދީ، ހަމަނުޖެހުން ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. އީރާނުން ހުށަހެޅި 10 ނުކުތާގެ ހުށަހެޅުމެއް އެމެރިކާއަށް ލިބިފައިވާ ކަމަށާއި، "އެއީ މަޝްވަރާ ކުރުމަށް މަސައްކަތް ކުރެވޭނެ އަސާސެއް ކަމަށް ގަބޫލު ކުރައްވާ" ކަމަށް ޓްރަމްްޕް ވަނީ ވިދާޅުވެފައެވެ. ގާތްގަޑަކަށް އެ ހުރިހާ ނުކުތާތަކަކީވެސް އެމެރިކާ އާއި އީރާނާ ދެމެދު އެއްބަސްވެފައިވާ ނުކުތާތަކެއް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އަދި ދެ ހަފްތާގެ މުއްދަތަކުން އެއްބަސްވުން ފައިނަލްކޮށް ނިންމާލެވޭނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ހަނގުރާމަ މެދުކަނޑާލުމަށް އެއްބަސްވެފައިވާކަން ކަށަވަރުކޮށްދެއްވައި އީރާނުގެ ޚާރިޖީ ވަޒީރު، އައްބާސް އަރަގްޗީ ވިދާޅުވީ ކަނޑުއޮޅިން އިން ރައްކާތެރިކަމާއެކު އުޅަނދުތަަކަށް ދަތުރުކުރެވޭނީ އީރާނުގެ ސިފައިންނާ ކޯޑިނޭޓްކޮށްގެން ކަމަށާއި އެ ނިންމުން ނިންމީ އިރާނުގެ 10 ނުކުތާގެ ހުށަހެޅުމުގެ އާންމު އޮނިގަނޑު މުއާމަލާތްތަކުގެ އަސާސެއްގެ ގޮތުގައި ޓްރަމްޕް ގަބޫލުކުރެއްވުމުން ކަމަށެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވީ ހަނގުރާމަ ކުރަމުންދާ ފަރާތްތަކުން އެއްބަސްވެފައި ވަނީ ލުބުނާނާއި އެހެނިހެން ތަންތަން ހިމެނޭ ގޮތަށް ހުރިހާ ތަނެއްގައި ވަގުތުން ހަނގުރާމަ މެދިކަނޑާލުމަށް ކަމަށެވެ. ޝަރީފް ވަނީ އެމެރިކާ އާއި އީރާނަށް ޝުކުރު އަދާކުރައްވައި، އެއްބަސްވުމަކަށް އިތުރަށް މަޝްވަރާ ކުރުމަށް 10 އޭޕްރީލް 2026 ވާ ހުކުރު ދުވަހު އިސްލާމްއާބާދަށް ދެ ފަރާތުގެ ވަފުދުތަކަށް ދައުވަތު ދެއްވާފައެވެ. އީރާނުގެ 10 ނުކުތާގެ ހުށަހެޅުމުގައި ހޮރްމޮޒް ކަނޑުއޮޅި ބަލަހައްޓައި ކޮންޓްރޯލު ކުރާނީ އީރާނުން ކަމަށް ބުނެފައިވާއިރު، އެއީ އީރާނަށް "ތަފާތު އިގްތިސާދީ އަދި ޖިއޮޕޮލިޓިކަލް މަގާމެއް" ލިބޭނެ ކަމެއް ކަމަށް އެ ގައުމުގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ބުނެއެވެ. އަދި މެދުއިރުމަތީގައި ހުރި މަރުކަޒުތަކުން އެމެރިކާގެ ހުރިހާ ހަނގުރާމަވެރި ބާރުތައް އަނބުރާ ގެންދިއުމަށާއި މުޅި ސަރަހައްދުގައި ގުޅިފައިވާ ހަތިޔާރު އެޅި ޖަމާއަތްތަކާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންތައް ހުއްޓުވުމަށް ވެސް ހުށަހެޅުމުގައި ބުނެފައިވެއެވެ. އަދި ހަނގުރާމައިގެ ގެއްލުންތަކަށް "ފުރިހަމަ ބަދަލު" ދިނުމުގެ އިތުރުން އެމެރިކާއާއި އދ ގެ ސަލާމަތީ މަޖިލީހާއި ބައިނަލްއަގްވާމީ އެޓޮމިކް އެނާޖީ އެޖެންސީން އަޅާފައިވާ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އުވާލުމަށް ވެސް ހުށަހެޅުމުގައިވެއެވެ. އަދި ބޭރުގައި ފްރީޒްކޮށްފައިވާ އީރާނުގެ އެސެޓްތައް ދޫކުރުމަށްވެސް ހުށަހެޅުމުގައި ބުނެފައިވެއެވެ. އީރާނުގެ ކައުންސިލުން އިތުރަށް ބުނީ ތެހެރާނުން މަޝްވަރާތަކަށް އެއްބަސްވެފައިވާއިރު، އެކަން ކުރަނީ އެމެރިކާއަށް ފުރިހަމަށް އިތުބާރުކޮށްގެން ނޫން ކަމަށެވެ. އެގޮތުން މި މަޝްވަރާތަކަށް އީރާނުން ދެ ހަފްތާ ދޫކުރާނެ ކަމަށާއި އެ މުއްދަތު "ޕާޓީތަކުގެ އެއްބަސްވުމަކުން އިތުރުކުރެވޭނެ" ކަމަށް ކައުންސިލުން ބުނެފައިވެއެވެ. ކައުންސިލުން އިތުރަށް ބުނީ ދުޝްމަނުންނަށް ކުޑަވެސް ގޯހެއް ހަދައިފިނަމަ، "ފުރިހަމަ ބާރަކުން" ޖަވާބުދާރީވުމަށް އީރާނުން ތައްޔާރަށް އޮތް ކަމަށެވެ. ހަނގުރާމަ މެދުކަނޑާލުމާ ގުޅިގެން އިސްރާއީލުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއްނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ