މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ނިމުނު މާރިޗްމަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 20 ފްލައިޓް ކެންސަލްވިކަމަށް މިނިސްޓަރ އޮފް ޓުއަރިޒަމް އެންޑް އެންވައިރަމަންޓް ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ތޯރިގް މިހެން ވިދާޅުވީ، މެދުއިރުމަތީގައި ހަމަނުޖެހުންތަކާއި ގުޅިގެން، ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރައްވާ މަސައްކަތްތަކުގެ އަދާހަމަ މަޢުލޫމާތު ދެއްވުމަށް، ރައީސް އޮފީހުގައި އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެހެންނަމަވެސް، ދިވެހި ސަރުކާރުން މިހާތަނަށް ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ފްލައިޓްތަކުގެ ސީޓް އޮކިއުޕަންސީ 65 ޕަސެންޓުން 70 ޕަސެންޓަށް މަތިކޮށް، ކެންސަލްވާ ފްލައިޓްތަކުގެ އަދަދު 20 އިން 16 އަށް ދަށްކުރެވިފައިވާކަމަށް މިނިސްޓަރު ތޯރިގް ވިދާޅުވިއެވެ.
"ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ފްލައިޓްތައް މަދުވިޔަސް، ރާއްޖެއަށް އަންނަން ބޭނުންވާ ވަރަށް ގިނަ ފަރާތްތަކެއް އެކި ގޮތްގޮތުން ރޫޓު ހޯދައިގެން އަންނަމުން ދަނީ. އެއީ ވަރަށް ރަނގަޅު ފާލެއް،" ޠާރިގު ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ، މިހާރު ރާއްޖެ އަންނަ އެއާލައިންތަކުގެ ފްރިކުއެންސީ އިތުރު ކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، އޭގެ ތެރެއިން އެއްކަމަކީ ކުރިއަށް އޮތް ސަމާ ސީޒަންގައި ޓާކިޝް އެއާލައިންގައި ހަފްތާއަކު ފަސް ފްލައިޓުން ހަ ފްލައިޓަށް އިތުރު ކުރުމެވެ. އަދި އަހަރު ފަހުކޮޅު ހަފްތާއަކު 10 ފްލައިޓުން 14 ފްލައިޓަށް އިތުރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެއާލައިނުން ބުނެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މާރިޗް މަހު އެވްރެޖްކޮށް ދުވާލަކު 20 ފްލައިޓް ކެންސަލްވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ