ހަނިމާދޫ އެއާޕޯޓާއި ވެލާނާ އެއާޕޯޓް ޕްރައިވެޓް ކުންފުންޏަކަށް ދޭން ފެނޭ: ނަޝީދު ހަނިމާދޫ އެއާޕޯޓާއި ވެލާނާ އެއާޕޯޓް ޕްރައިވެޓް ކުންފުންޏަކަށް ދޭން ފެނޭ: ނަޝީދު

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަމިއްލަ ކުންފުންޏަކަށް ދޭން ފެންނަ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޕްރައިމަރީގައި މާލޭ މެޔަރަކަށް ވާދަކުރައްވާ އަލީ އާޒިމް ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ނަޝީދު ވިދާޅުވީ ހަނިމާދޫ އެއާޕޯޓު އިންޑިއާގެ ވަރަށް ރަނގަޅު ކުންފުންޏަކަށް ދޭން އުޅޭއިރު، އެއީ ވަރަށް ރަނގަޅު ކަމެއް ކަމަށް ދެކޭ ކަމަށެވެ.
މީގެކުރިން އެމްޑީޕީގެ ވެރިކަމުގައި އެއާޕޯޓު އިންޑިއާ ކުންފުންޏަކަށް ހަވާލުކުރުމުން އިދިކޮޅު ހެދި މީހުން މިއަދު އެކަމާ އެއްބަސްވާތީ ނުސީދާ ރާގަކަށް ނަޝީދު ވަނީ މަލާމާތްކުރައްވާފަ އެވެ. ނަމަވެސް ނަޝީދު ވިދާޅުވީ އެއީ ރަނގަޅު ކަމަކަށްވާތީ "އުނބަށް ޖެހިއޭ" ވިދާޅުވެ ނަހަދާނެ ކަމަށެވެ.
"މިހާރު އަޅުގަނޑު އެބަ އަޑުއަހަން ސަރުކާރުން ހަނިމާދޫ އެއާޕޯޓް ހިންގަން އިންޑިއާ ހަމަ ވަރަށް ރަނގަޅު ކުންފުންޏަކަށް ދޭށޭ. އެއީ ވަރަށް ރަނގަޅު ކަމެއް. އަޅުގަނޑު މިކަމާ ކުޑަކޮށް ހިނި އަންނަ ކަމަކީ މި ބޭފުޅުން މިއާ އިދިކޮޅަށް އެ ދެއްކެވި ވާހަކަ،" ނަޝީދު ވިދާޅުވި އެވެ.
"އެހެންނަމަވެސް އަޅުގަނޑަކީ މީހަކު އަޅުގަނޑު އެދޭ ކަންތައް ކުރަމުންދާއިރު އެކަންކަން ހުއްޓުވުމަށް ކޮންމެހެން އޭ ކޮބާ އުނބަށް ޖެހީއޭ ގޮވައެއް ނުހަދާނެ. ހަމަ އެނގޭ މިރި ހުރިކަން ހެވާ ހުރިކަން އެއްލާލިއިރު، އުނބު އެއްލާލިއިރު ފެންކޮޅު ބޮއެލާފައި. ބަލާ އަންނަންތާ ޖެހޭނީ. އެހެންވެގެންނޭ އައީ އަނބުރާލާފައި ބަލާ."
މިދިޔަ ހުކުރު ދުވަހު ނަޝީދު ވިދާޅުވީ ސަރަހައްދީ އެއާލައިނެއް ހަދައި، އެ އެއާލަައިނުގެ ހަބަކަށް ހަނިމާދޫ އެއާޕޯޓު ހެދުމުން، އެ އެއާޕޯޓު ހިންގުމުން ދިވެހިންނަށް ލިބޭނެ ފައިދާ ބޮޑުވެ، މުޅި އުތުރުގެ ތަރަައްގީއަށް ފަހިވާނެ ކަމަށެވެ.
މީގެއިތުރުން ނަޝީދު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑު ދަރަންޏެއް ނަގައިގެން ހިންގަމުންދާ ކަމަށާއި އެ ލޯނު ދައްކަނީ ދިވެހި ރައްޔިތުންގެ ފައިސާއިން ކަމަށެވެ.
ނަމަވެސް ދިވެހި ރައްޔިތުން އެ ދަރަނި ދެއްކުމަށްވުރެ ރައްޔިތުންނަށް ތަނަވަސްކަން ލިބޭނެ ގޮތަށް އެކަން ކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ހުޅުލޭ އެއާޕޯޓް ވެސް އަޅުގަނޑަށް ފެނޭ، މިހާރު އެދަނީ ދަރަނީގައި ހިންގަމުން. މިހާރު އެދަނީ ބޮޑުސިންގާ ލޯނެއް އޮތް ތަނެއް. ދެން ކޮންމެ އަހަރަކު، ކޮންމެ އަހަރަކު މި ދަރަނި އަރަމުން އަރަމުން މިދަނީ. މި މާލޭ މަގުމަތީ ރާއްޖޭ ގޭގޭ ތިބި މީހުންގެ ޖީއެސްޓީން މި އެއާޕޯޓުގެ ލޯނު ދައްކަންވީ. ދެން އަޅުގަނޑުމެން ހަމަ އަތްޖަހާލަ ޖަހާލާ ތިބެންވީ ގައުމަށްޓަކާ އެކަމާ ދޭތެރޭގައި،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ޕްރައިވެޓައިޒޭޝަނަށް އަބަދުވެސް ތާއީދުކުރައްވާ ކަމަށެވެ. މިގޮތުން ސަރުކާރުން ސިޔާސަތުތައް ކަނޑައެޅުމާއި، ގާނޫނާއި ގަވާއިދުތައް ހެދުމުގެ އިތުރުން ކަންކަން ރަނގަޅު މަގުން ހިންގަމުންދާތޯ ބެލުމުގެ އިތުރުން ކަންކަން ހިންގުމަށް ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ