އިތުރު ދަރަންޏެއް ނުނަގައި ސުކޫކް ދެއްކުމަކީ ހިތްވަރެއް: ނަޝީދު

އިތުރު ދަރަންޏެއް ނުނަގައި ސަރުކާރުން ސުކޫކް ބޮންޑު އެއްކޮށް ދައްކައި ހަލާސްކުރުމަކީ ވަރަށް ބޮޑު ހިތްވަރެއް ލިބޭ ކަމެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.ފިނޭންސް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސުކޫކުގެ ފައިދާގެ ގޮތުގައި ދައްކަަންޖެހޭ 24.68 މިލިއަން ޑޮލަރާއެކު ޖުމްލަ 524.68 މިލިއަން ޑޮލަރު ސަރުކާރުން ދައްކަައި ހަލާސްކޮށްފައިވާ ކަމަށެވެ. މިދަރަނި އަދާކުރެވުމާއެކު ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންވަރު ދަށްވެފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ. މި ސުކޫކަކީ ކުރިން ސަރުކާރުން ނެގި 250 މިލިއަން ޑޮލރުގެ ސަނީ ސައިޑް ބޮންޑު އަދާކުރުމަށ 2021 ވަނަ އަހަރު އެއިރުގެ ސަރުކާރުން ވިއްކި ސުކޫކެކެވެ. މި ސުކޫކު ވިއްކީ އެއިރުގެ މާލީ ބާޒާރުގެ އަގުތަކާ އަޅާބަލާއިރު ބޮޑު އަގެއްގައިކަން ފާހަގަކުރުމާއެކު ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ އެ ސުކޫކު ވިއްކީ އަނބުރާ އެ ފައިސާ ދެއްކޭނެ ހަރުދަނާ ސިޔާސަތެއްވެސް ނެތި ކަމަށެވެ. ސަރުކާރުން ސުކޫކް ބޮންޑު އެއްކޮށް ދައްކުމުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، އާ ދަރަންޏެއް ނުނަގައި، ދައުލަތުން ދައްކަންޖެހޭ ބޮޑު ދަރަންޏެއް މިގޮތަށް ދެއްކުމަކީ އިގުތިޞާދީ ގޮތުން ލިބުނު ކުރިއެރުމެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ދަރަނިތަކާ ހެދި ކުރިމަތިވި އިގުތިސާދީ ދަތިތަކާ ގުޅިގެން ސުކޫކް ދެއްކިދާނެ ކަމާ މެދު ބައެއް ފަރާތްތަކުން ޝައްކު އުފެއްދަމުން އައި ނަމަވެސް ސަރުކާރުން އަބަދުވެސް ބުނަމުން އައީ ކަނޑައަޅާފައިވާ ތާރީހަށް ސުކޫކް ދެއްކޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ