ސިދާންތުގެ ފުރަތަމަ ބައޮގްރަފިކަލް ފިލްމު، މި އަހަރުގެ ނޮވެމްބަރު މަހު ނެރެނީ
ބޮލީވުޑްގެ އެކްޓަރު ސިދާންތު ޗަތުރުވެދީ ސޮއިކުރި ފުރަތަމަ ބައޮގްރަފިކަލް ޑްރާމާ "ވީ ޝަންތަރަމް" މި އަހަރުގެ ނޮވެމްބަރު މަހު ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ރިލީޒްކުރުމަށް އަމާޒު ހިފާފައިވާ މި ފިލްމަކީ، އިންޑިއާގެ ސިނަމާގެ ތާރީޚުގައި ފާހަގަކޮށްލެވޭ ކުރީގެ މަޝްހޫރު ފިލްމީ ޝަޚްސިއްޔަތު، ވީ ޝަންތާރާމްގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ބައޮޕިކްއެކެވެ. އެކަން އިއުލާނުކުރަމުން ވީ ޝަންތާރާމްގެ ދަރިފުޅު ކިރަން ޝަންތާރާމް ބުނީ، މި ފިލްމަކީ އިންޑިއާގެ ސިނަމާއަށް އޭނާގެ ބައްޕަ ކޮށްދެއްވާފައިވާ އަގުނުކުރެވޭ ފަދަ ޚިދުމަތްތަކުގެ ހަނދާން އާކުރުމުގެ ގޮތުން ތައްޔާރުކުރާ ފިލްމެއް ކަމަށެވެ. ފިލްމު "ދަޅަކް"ގެ މަންޒަރެއްގައި ސިދާންތު އަދި ބަތަލާ ތުރިޕްތީ-- ފޮޓޯ/ އެންޑީޓީވީ ވީ ޝަންތާރާމްއަކީ ސިނަމާގެ ކަޅާއި ހުދުގެ ދައުރުން ފެށިގެން، އަޑާއި ކުލަ ފިލްމުތަކަށް ސިނަމާ ބަދަލުވެގެން ދިޔަ ދުވަސްވަރު އިންޑިއާގެ ފިލްމީ ސިނަމާ ބައްޓަންކުރުމުގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ފިލްމުގައި ވީ ޝަންތާރާމްގެ ކެރެކްޓާ ކުޅޭ ސިދާންތު ޗަތުރުވެދީއަށް އެ ރޯލް ހުށަހެޅީ ސިދާންތުއަށް އޮތް އިތުބާރުގެ ބޮޑުކަމުން ކަމަށާއި ސިދާންތުއަކީ ވަރަށް ހުނަރުހުރި އެކްޓަރެއްކަން ފާހަގަކޮށް ކިރަން ވަނީ ސިދާންތުއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. މި ބައޮޕިކްގައި ވީ ޝަންތާރާމްގެ އާޓިސްޓިކް ދަތުރާއި، އިންޑިއާގެ ސިނަމާއަށް އޭނާ ގެނައި އިންގިލާބީ ބަދަލުތައް ދައްކުވައިދޭނެއެވެ.އޭނާގެ ފިލްމުތަކަކީ އިޖުތިމާޢީ މައްސަލަތަކާއި ސިނަމާގެ އާ އުކުޅުތައް އެކުލެވޭ، އިންޑިއާގެ ފިލްމީ ދާއިރާގައި ދާއިމީ ނުފޫޒެއް ފޯރާފައިވާ އުފެއްދުންތަކެކެވެ. އެގޮތުން ފާހަގަކޮށްލެވޭ ފިލްމުތަކުގެތެރޭ "އަމަރު ބޫޕާލީ"، "ދޯ އާންކޭ ބަރާ ހާތު" އަދި "ޕިންޖާރާ"ގެ ނަމުގައި އުފެއްދި ފިލްމުތައް ހިމެނެއެވެ. މި ފިލްމަކީ، ސިދާންތު ޗަތުރްވެދީގެ ކެރިއަރުގައި މިހާތަނަށް ލިބުނު އެންމެ މުހިންމު އެއް މަސައްކަތް ކަމަށް އެކްޓަރު ވަނީ ސިފަކޮށްފައެވެ. ފިލްމު "ގަލީ ބޯއި"އިން ބޮޑު މަޤްބޫލުކަމެއް ހޯދި ސިދާންތު ބުނީ، ވީ ޝަންތާރާމްގެ ބައޮގްރަފިކަލް ޑްރާމާއަކީ ކުރިއަށް އޮތް އައު ޖީލުތަކަށް ކޮންމެހެންވެސް ކިޔައިދިނުން މުހިއްމު ވާހަކައެއް ކަމަށެވެ. ސިދާންތު އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރު ދަރުމާއިން ގެނެސްދިން ލޯބީގެ ފިލްމު "ދަޅަކް 2"އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ