ހޮރްމުޒް ކަނޑުއޮޅިއަށް މަނަވަރު ފޮނުވަން ޖަޕާނާއި އޮސްޓްރޭލިއާއިން ދެކޮޅު ހަދައިފި

މުހިންމު ކަނޑުގެ ދަތުރުފަތުރުގެ މަގު ހިމާޔަތްކުރުމަށް އެކުލަވާލާ ކޯލިޝަނެއްގައި ބައިވެރިވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކުވެރި ގައުމުތަކަށް ގޮވާލެއްވި ނަމަވެސް، ހޮރްމުޒް ކަނޑުއޮޅިއަށް ކަނޑުގެ ސިފައިންގެ އުޅަނދުފަހަރު ފޮނުވުމުގެ އެއްވެސް ރޭވުމެއް ނެތް ކަމަށް ޖަޕާނާއި އޮސްޓްރޭލިއާއިން އިއްޔެ ބުނެފި އެވެ.
ދުނިޔޭގެ ހަކަތައިގެ ސަޕްލައިގެ ގާތްގަނޑަކަށް %20 ދަތުރުކުރާ މި ކަނޑުގެ މަގަށް ބޮޑެތި ބުރޫތަކެއް އަރާފައިވަނީ، މިދިޔަ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާތަކެއް ދީ، ސަރަހައްދީ ފުޅާ ހަނގުރާމައެއް ފެށުނު ފަހުންނެވެ.
ގަލްފުގެ ތެލަށް ބަރޯސާވާ ގައުމުތަކުން ކަނޑުއޮޅީގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް އެހީތެރިވުމަށް ޓްރަމްޕް ބާރުއެޅުއްވި އެވެ.
"އަޅުގަނޑު މި އެދެނީ އެ ގައުމުތަކުން އައިސް އެ މީހުންގެ އަމިއްލަ ސަރަހައްދު ހިމާޔަތްކުރުމަށް. ސަބަބަކީ އެއީ އެ މީހުންގެ ސަރަހައްދު ކަމަށްވާތީ. އެއީ އެ މީހުންނަށް ހަކަތަ ލިބޭ ތަން،" އެއާ ފޯސް ވަން މަތިންދާބޯޓުގައި ތިބި ނޫސްވެރިންނާ ވާހަކަދައްކަވަމުން އޭނާ މިދިޔަ ހޮނިހިރު ދުވަހު ވިދާޅުވި އެވެ.
ނަމަވެސް، ޖަޕާނުގެ ބޮޑުވަޒީރު ސަނައޭ ތަކައިޗީ ވިދާޅުވީ، އަސްކަރީ އޮޕަރޭޝަންތަކާ ގުޅޭ ގޮތުން ގާނޫނުއަސާސީގައި ހުރި ހުރަސްތަކުގެ ސަބަބުން، ކަނޑުގެ ސިފައިންގެ އުޅަނދުފަހަރު ފޮނުވުމަށް ޖަޕާނުން އެއްވެސް ނިންމުމެއް ނިންމާފައި ނުވާ ކަމަށެވެ.
"އެސްކޯޓް އުޅަނދުފަހަރު ފޮނުވުމާ ބެހޭ ގޮތުން އަޅުގަނޑުމެން އެއްވެސް ނިންމުމެއް ނުނިންމަން،" އޭނާ ގާނޫނު ހަދާ މަޖިލީހުގައި ވިދާޅުވި އެވެ.
އޮސްޓްރޭލިއާއިން ވެސް ބުނީ އެކަމަށް އެހީތެރިވުމަށް އެދިފައި ނުވާ ކަމަށާއި އުޅަނދުފަހަރު ނުފޮނުވާނެ ކަމަށެވެ.
"އެއީ އަޅުގަނޑުމެންގެ ކިބައިން އެދިފައިވާ ކަމެއް ނޫން. އަދި އަޅުގަނޑުމެން އެކަމުގައި ބައިވެރިއެއް ވެސް ނުވަން،" ކެބިނެޓް މިނިސްޓަރު ކެތަރިން ކިންގް އިއްޔެ ވިދާޅުވި އެވެ.
ޗައިނާ، ފްރާންސް، ޖަޕާން، ދެކުނު ކޮރެއާ އަދި އިނގިރޭސިވިލާތް ހިމެނޭ ގޮތަށް ބައެއް ގައުމުތަކުން މިކަމުގައި ބައިވެރިވުމަށް ޓްރަމްޕް ބާރުއަޅުއްވާފައިވާއިރު، އެކުވެރި ގައުމުތަކުން މި މަސައްކަތަށް އެއްބާރުލުން ނުދީފި ނަމަ ނޭޓޯއަށް ވަރަށް ގޯސް މުސްތަގުބަލަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު އޭނާ އިއްޔެ ދެއްވި އެވެ.
މި ހަމަނުޖެހުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުތަކަށް ބުރޫއަރަމުންދާއިރު، އޭޝިއާގެ ބާޒާރުގައި ބްރެންޓް ކްރޫޑް ތެލުގެ އަގު ފީފާއަކަށް 104 ޑޮލަރަށް ވުރެ މައްޗަށް ވަނީ އަރާފަ އެވެ.
މި ދަނޑިވަޅުގައި، ހަނގުރާމައާ ގުޅުންހުރި ޑްރޯން ހަމަލާތަކެއްގެ ސަބަބުން ތެޔޮ ޓޭންކެއްގައި އަލިފާން ރޯވެ، ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުގެ ފްލައިޓްތައް ވަގުތީ ގޮތުން މެދުކަނޑާލަން މިއަދު ޖެހުނުއިރު، ސައުދީ އަރަބިއްޔާއިން ވަނީ އެ ގައުމުގެ އިރުމަތީ ސަރަހައްދުން އެއް ގަޑިއިރު ތެރޭގައި 34 ޑްރޯން ހުއްޓުވާފަ އެވެ.
މަޝްވަރާ ކުރުމަށް ގޮވާލާ ގޮވާލުންތަކަށް އީރާނުން ވަނީ ދެކޮޅު ހަދާފަ އެވެ. ހާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވީ ތެހެރާނުން އަމިއްލަ ގައުމު ދިފާއުކުރުން ކުރިއަށް ގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެން ދުވަހަކު ވެސް ހަމަލާ ބަދަލުކުރުން ހުއްޓާލުމަކަށް ނޭދެން އަދި މަޝްވަރާއަކަށް ވެސް ނޭދެން. ކިތަންމެ ދުވަހެއް ނެގިޔަސް އަޅުގަނޑުމެން މިތިބީ އަމިއްލަ ގައުމު ދިފާއުކުރަން ތައްޔާރަށް،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ