ކާބޯތަކެތީގެ ރައްކާތެރިކަން ހޯދޭނީ ރައްޔިތުންނަށް

ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ދެމެހެއްޓެނިވި ގޮތުގައި ހޯދޭނީ ރައްޔިތުންނަށެވެ. މީގެ ކުރިން ވެސް ރަށުފެންވަރުގައި އެކަންކޮށްފައި ވަނީ ރައްޔިތުންނެވެ. ދަނޑުވެރިކަމުގެ ސިޔާސަތު ފަރުމާކުރުމަށް ފޭލުވެ، ދަނޑުވެރިކަމުގެ ސިނާއަތަށް އިހުމާލުވެފައިވަނީ ސަރުކާރުތަކުންނެވެ. އަދި ރާއްޖޭގެ ރަށްރަށުގެ ބިންތައް ހަލާކަށް ހުށަހަޅާ، އެ ބިންތަކުގެ ގުދުރަތީ މުއްސަނދިކަން ހީނަރުކުރުމުގައި ސަރުކާރުތަކުގެ ދައުރު ފުޅަލެވެ. މިކަން ހާމަވާ މުހިންމު އެއް ސަބަބަކީ އަދު ރާއްޖޭގެ ދަނޑުވެރި ބިންތަކަކީ ކެމިކަލް ވިޔަފާރީގެ ޝިކާރައަކަށްވެ، ތަގައްޔަރުވެފައިވާ އެއްޗަކަށް ވާތީ އެވެ. ރަށްރަށުގެ ވެށްޓަށް ބޮޑެތި ގެއްލުންދީ، ގުދުރަތީ ދިރުންތަކުގެ ބެލެންސް ގެއްލިއްޖެ އެވެ. ވިހަ މާއްދާތައް ފަސްގަނޑަށް އެޅުމުގެ ސަބަބުން އާންމު ސިއްހަތަށް ނުރައްކާވާ ފަދަ ބަލިމަޑުކަން ވަނީ ފެންމަތިވެފަ އެވެ. މި ހާލަތު ފަހިކޮށްފައިވަނީ ސަރުކާރުތަކުންނެވެ. މި ހާލަތުން އަރައިގަތުމަށް ފޫގަޅަން ޖެހެނީ ރައްޔިތުންނެވެ. އެއީ ރަށްތަކާއި މީސްތަކުންގެ އަމިއްލަ ސަލާމަތާއި ދުޅަހެޔޮކަމާއި ރައްކާތެރިކަން ހޯދުމަށް ކުރުން މަޖުބޫރު ކަމަކަށް ވާތީ އެވެ.
ދުނިޔޭގައި ހަނގުރާމައިގެ އަޑުފައްގަނޑު ދަނީ ގުގުމަމުންނެވެ. އިންސާނީ ވަންތަކަމާއި އިންސާނިއްޔަތުކަން ދަނީ ފަނޑުވެ ގެއްލެމުންނެވެ. އެއީ ހަނގުރާމަވެރި ވެރިންގެ ބާރު ދުނިޔޭގެ ކަންކޮޅުތަކުގައި ގަދަވުމުގެ ސީދާ ނަތީޖާ އެވެ. ދުނިޔޭގެ ބޮޑުހަނގުރާމަތަކުގެ ގިލަންވެރި ހިތި އަސަރުގެ ތަޖުރިބާ ކުރި މީހުން ދުނިޔެއިން މުޅިން ނެތިނުދަނީސް، އެ ބިރުވެރި ނާމާންކަން ތަކުރާރު ނުކުރުމަށް ދުނިޔޭގެ ގައުމުތަކުން ވައުދުވެ ވީ އިއްތިފާގު ހަނދާނުން ފުހެވިއްޖެ އެވެ. އޭގެ ހެކިތައް ފަލަސްތީނާއި ސީރިއާ އާއި ޔަމަނާއި ޔޫކްރެއިނާއި އިރާނުން ސާފުކޮށް ހާމަވަމުންދާތާ ދުވަސްތަކެއް ވެއްޖެ އެވެ. މި ހަނގުރާމަތައް އަދު ހިނގަނީ އަހަރެމެންނަށް އޭގެ އަޑުތަކާއި މަންޒަރުތައް ވަގުތުން ލިބި ފެންނަން އޮތް ދުނިޔެއެއްގަ އެވެ. އިންސާނުންނަށް ވީތީ އަހެރެމެންގެ އިންސާނީ ކުލުނު އޮންނަ ކުދިބޮޑު އެހެން އިންސާނުންނަށް ލިބެމުންދާ ބޮޑެތި އަނިޔާތަކާއި ވޭން ކޮންމެ ދުވަހަކު ފެންނަން އޮތް ދުނިޔެއެއްގަ އެވެ. އަހަރެމެން ދިރިތިބުމަށް ބަރޯސާވާ ފެނުގެ ވަސީލަތްތަކާއި ބިމާއި ފަސްގަނޑާއި ތެލުގެ ވަސީލަތްތަކާއި ކާބޯތަކެތީގެ ދަނޑުތަކަށް ހަނގުރާމަވެރިން ގަސްތުގައި ހަމަލާދެމުންދާ ދުނިޔެއެއްގަ އެވެ. މީގެ އިތުރުން މޫސުމީ ކާރިސާގެ ސަބަބުން ދަނޑުބިންތަކަށް ދިމާވަމުންދާ ހިރާސްތައް ގިނަވަމުންދާ ދުނިޔެއެއްގަ އެވެ.
އަހަރެމެން މިތިބީ ހަނގުރާމައިގެ މައިދާނާއި މާދުރު، އަމާންކަމެއްގައި ކަމަށް ހީވެދާނެ އެވެ. ނަމަވެސް، ހަމައިންނެއްޓިފައިވާ ހަނގުރާމަވެރި ވެރިންތަކެއް ފާޅުވެފައިވާ ދުނިޔެއެއްގައި ހަމަޖެހުމާއި އަމާންކަން އަހަރެމެންގެ ސަރަހައްދުގައި ދެމިއޮތުމަކީ ކަށަވަރުކުރެވޭނެ ކަމެއް ކަމުގައި ދެކިގެން ނުވާނެ އެވެ. ދާދި އިހަކަށް ދުވަހު އަވަށްޓެރި ސްރީލަންކާގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރަމުންދިޔަ އިރާނުގެ އަސްކަރީ އުޅަނދެއް ފައްތާ، ފަޅުވެރިން މެރުމަށް އެމެރިކާގެ ހަނގުރާމަވެރި ހަމަލާ އަމާޒުކުރި ކުރުން މިއަށް ހެކިދެ އެވެ. ދުނިޔެއަށް ވެރިވެފައިވާ މި ނުރައްކާ ހާލަތާއި ގުޅިގެން ރާއްޖޭގެ އިގްތިސާދީ ފަންނުވެރިން ދަނީ އިގްތިސާދީ ލޮޅުންތަކަކަށް ތައްޔާރުވުމަށް ސަރުކާރާއި ރައްޔިތުން ސަމާލުކަންދިނުމަށް ނަސޭހަތްތެރިވެ، ކަންބޮޑުވުމުގެ ރަނގަބީލުތައް ޖަހަމުންނެވެ. މި އިންޒާރުތަކުގެ އަޑުއިވޭ ސަރުކާރެއް އޮތްތޯ އެއީ އުފެދޭ ސުވާލެކެވެ. ނަމަވެސް އާންމު ރައްޔިތުން މިއަޑުތަކަށް ކޮންމެހެންވެސް އިޖާބަދޭން ޖެހެ އެވެ.
މާ ދުރުގައި ހިނގާ މިކަންކަމާ އަހަރެމެންގެ ކާބޯތަކެއްޗާއި އޮތީ ކޮން ގުޅުމެއްތޯ ސުވާލު އުފެދިދާނެ އެވެ. އެ ސުވާލުގެ ޖަވާބު ވަރަށް ސާފެވެ. ތަރައްގީގެ އޮއިވަރުގައި ޖެހި، އަދު ދިވެހިންނަކީ އަހަރެމެންގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް ސަމާލުކަމެއްދޭ ބައެއް ނޫނެވެ. އަހަރެމެން މިތިބީ ޖަންގަލް ބުކް ވާހަކައިގާ އުޅޭ ހަރުފަ، "ކާ" ހަމައެކަނި އޭނައަށް އިތުބާރު ކުރުމަށް ބުނެ މައުގްލީއަށް ކިޔައިދޭ ލަވައިގެ ޖާދޫގައި އޭނާ ޖެހިފައިވާ ގޮތަށް ހިޕްނޮޓައިޒް ވެފަ އެވެ. އަހަރެމެން ގަބޫލުކުރަނީ އަހަރެމެންގެ ކޭންބުއިމުގެ ހުރިހާ ކަމަކަށް މަރުކަޒީ ސަރުކާރަށާއި އެސްޓީއޯއަށް ބަރޯސާވުމަކީ އެކަން އޮންނަންޖެހޭ ގޮތް ކަމެވެ. އަދި ކާބޯތަކެއްޗަށް ގައުމުން ބޭރަށް ބަރޯސާވެގެން ތިބުމަކީ ލިބިފައިވާ ކުރިއެރުމެއް ކަމެވެ. އެގޮތުން ރާއްޖޭގައި ކައިބޮއެއުޅޭ އަސާސީ އާންމު ތަކެތި (ނުވަތަ ސްޓޭޕަލް) ކާނާގެ %100އަކީ ރާއްޖެއަށް އެތެރެކުރާ (އިމްޕޯޓުކުރާ) ތަކެއްޗެވެ. އަދި އެހެނިހެން ކާބޯތަކެތީގެ %90އަކީ ވެސް އިމްޕޯޓުކުރާ ތަކެއްޗެވެ.
މި ޒަމާނީ ކުރިއެރުމުގެ ތެރޭގައި އަހަރެމެންގެ ކޭންބުއިމުގެ ސަގާފަތް މުޅިން ބަދަލުވެއްޖެ އެވެ. އާންމުކޮށް ކައިބޮއެ އުޅުމަށް މާޒީގައި ބޭނުންކޮށްއުޅުނު ކާނާގެ ބައެއް ބާވަތްތަކަކީ ރަށްރަށުގައި ހައްދަން ނޫޅުނަސް ހެދޭ ގަސްގަހާގެއްސެވެ. ނަމަވެސް ތާޒާކޮށް ލިބެން ހުއްޓަސް އެއީ އަދު އާންމުކޮށް ކެއުމަށް ޚިޔާރު ނުކުރާ ތަކެއްޗެވެ. އޭގެ ތެރޭގައި ސިއްހަތަށް ފައިދާ ހުރި މުރަނގަތޮޅި ފަދަ ފަސޭހައިން ހެދޭ ބާވަތްތަކާއި ފަލަމަޑީގެ ބާވަތްތައް ހިމެނެ އެވެ. ހައްޓަށް ފައިދާވާ ގުދުރަތީ ކާނާއަށް ވުރެ ބޭރުގެ ފެކްޓަރީއެއްގައި އުފައްދައިގެން، ޕްލާސްޓިކުން ބަންދުކޮށްފައި ހުންނަ ތަކެތީގެ މަގްބޫލުކަން މާ ބޮޑެވެ. އެއީ ތެދު ދޮގު އޮޅުންފިލުވޭނެ ގޮތެއް ނެތް، ވިއްކާމީހާ ބޭނުން ގޮތަކަށް ތައްޔާރުކުރެވޭ ވިޔަފާރި އިޝްތިހާރުތަކުގެ ނުފޫޒަށް ރައްޔިތުން އަނބުރާލާފައިވާ މިންވަރުގެ ވެސް ހެއްކެކެވެ. ދުނިޔޭގެ ކަނޑުތައް ހުރަސްކޮށްފައި ގެންނަ އަގުބޮޑު އަދި ތާޒާކަމެއްނެތް އުފެއްދުންތަކަކީ އަހަރެމެންގެ ވިސްނުމުގައި "ތަރައްގީ" ވެފައިވާ މިންވަރު ރަމްޒުކޮށްދޭ ކާނާ އެވެ. ރަށުގައި ހެދޭ ދޮންކޭލަށް ވުރެ ބޭރުން ގެންނަ އާފަލާ އޮރެންޖު މާ ބޭނުމެވެ. ނަމަވެސް ހަނގުރާމަ އާއި އާލަމީ ވަބާތަކުގެ ނުރައްކަލަށް ހުށަހެޅިފައިވާ ދުނިޔެއެއްގައި، ކާބޯތަކެއްޗަށް ގައުމުން ބޭރަށް %100 ބަރޯސާވުމަކީ ކުރިއެރުމެއް ކަމަށް ބެލުމަކީ ހަމަޖެހޭ ވިސްނުމެއް ނޫނެވެ.
މި ތަރައްގީގެ ޒަމާނުގައި ރާއްޖޭގެ ރަށްރަށުގައި ރައްޔިތުން ހައްދަމުން ބަލަހައްޓަމުން އައި ވާވަލާއި ދަނޑުތަކާއި ގަސްގަހާގެހި ގާތްގަނޑަކަށް އޮތީ ކެންސަލް ކޮށްފަ އެވެ. ރާއްޖޭގެ ކުދި ރަށްތަކުގައި ދަނޑުވެރިކަން ކުރަމުން އައި ފަސްކޮޅު ވެސް މިހާރު އޮތީ ހީނަރުވެފަ އެވެ. ޒަމާނީ ތަރައްގީގެ އިންގިލާބުގައި ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާއަށް ފެތުރިގެންދިޔަ ޒަމާނީ ވިހަ ކެމިކަލްތަކުގެ ސަބަބުން ރާއްޖޭގެ ދަނޑުވެރިކަމާއި ފަސްގަނޑަށާއި އާންމު ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތާ ދަހަރުތަކެއް ވެއްޖެ އެވެ. ރާއްޖޭގައި އުފައްދާ މަދު ކާބޯތަކެތި އުފެއްދުމަށް ގެންގުޅޭ ވިހަ "ބޭސް" ކެމިކަލްތަކުގެ ކަންބޮޑުވުމަކީ މިހާރު އޭގެ އަޑު ގަދަވަމުންދާ މައްސަލައެކެވެ. ދަނޑުވެރި ބ. ގޮއިދޫގައި ކެންސަރު ގިނަވުމުގެ ކަންބޮޑުވުމުގެ ވާހަކަ އަދު ދެކެވެމުންދަނީ ރައްޔިތަކު އެކަން ސިއްހީ އިދާރާތަކަށް ހުށަހެޅުމުންނެވެ. ވިހަ ކެމިކަލުގެ ނުރައްކަލާ ބެހޭ މި ކަންބޮޑުވުން އޮތީ ކިތައް ރަށުގައިކަން ސާފުވާނީ ސިއްހަތާ ބެހޭ އިދާރާތަކުން އެފަދަ މައްސަލަތައް ބަލައި ދިރާސާކޮށް، ރައްޔިތުންނާއި ހިއްސާކުރުމުންނެވެ. މިއީ ވެސް ސަރުކާރުތަކަށް ނުކޮށް ދޫވެފައިވާ އަދި ރައްޔިތުންނަށް ވަމުންދާ އިހުމާލުގެ މިސާލެކެވެ.
ޒަމާނީ ތަރައްގީގައި ކާބޯތަކެއްޗާއި ދޭތެރޭ ދެކޭ ގޮތް ބަދަލުވެގެން ގޮސްފައިވަނީ ތަފާތު ގޮތްގޮތަށެވެ. ރަށަކަށް ކުރި ދަތުރެއްގައި މަގުމަތިން ދިމާވި މީހަކާ ދެކެވުނު ވާހަކައިން ވެސް ހާމަވީ އެ ރަށަކީ ފަހަކާ ޖެހެންދެން މަގުތަކުގައި ވެސް ކާބޯތަކެތި ލިބޭ ގަސްތައް ތަނަވަސްކޮށް އޮތް ރަށެއް ކަމެވެ. ނަމަވެސް ރަށު ކައުންސިލުގެ ޒަމާނީ ފިކުރަކީ ހަމައެކަނި ދުއްވާ އެއްޗެއްސަށް މަގުތައް ޚާއްސަކުރުމެވެ. އަދި ރަށު ރައްޔިތުން ތާޒާ ކާނާ ހޯދުމަށް ބަންޑާރަ ބިމުގައި ހައްދާފައި ހުރި ރުއްތަކާއި ގަސްގަހާގެހި ކަނޑާ ތިރިކުރުމެވެ. މަގުތަކުގެ ފެހިކަމާއި ފިނިކަން ކަނޑުވާލާ ހަނަފަސްކަން ގެނައުމެވެ. މީހުން ހިނގާބިނގާވެ އުޅުމަށް މުޅި ރަށުތެރެ ބީރަށްޓެހިކޮށް، ރޯއަވީގެ ތަކުލީފު ރައްޔިތުންނަށް ގެނެސްދިނުމެވެ. ނުވިތާކަށް ކައިރި ރިސޯޓުތަކުން ރަށުގައި ހުރި ބޮޑެތި ގަސްތައް އުފުރައިގެން ގެންދިއުމުގެ މަގު ފަހިކުރުމަކީ ވެސް ރަށާއި ރައްޔިތުންނަށް އޮތް ނުރައްކަލެކެވެ. ގެއްލިގެން ދިޔަ ގަސްތަކާއި ކާނާގެ މުހިންމުކަން ފާހަގަ ކުރެވުނީ ކޯވިޑް-19ގައި ދަތުރު ފަތުރަށް އައި ލޮޅުންތަކުގެ ސަބަބުން އޮޑިފަހަރު ނައުމުން ކާނާ ނުލިބި ރައްޔިތުން ތިބެންޖެހުމުންނެވެ. ކާބޯތަކެއްޗަށް ރަށުންބޭރަށް ބަރޯސާކޮށްފައި އޮތްއޮތުމުގެ ތަކުލީފު ތަޖުރިބާ ކުރަން ރައްޔިތުންނަށް މަޖުބޫރުވުމެވެ.
ޒަމާނީ ތަރައްގީގެ ސަބަބުން ރާއްޖޭގެ ކާބޯތަކެތި ހެއްދުމަށް ގުދުރަތީ ގޮތުން ރޯދިކުރައްވާފައިވާ މުއްސަނދި ފަސްގަނޑާއި ޗަސްބިންތައް މިހާރު އޮތީ ހަލާކުގެ ތެރެއަށް ވައްޓާލެވިފަ އެވެ. އޭގެ އާހިރު ނަތީޖާއަކީ ގުދުރަތީ ވެށި ތަގައްޔަރުވެ، ހީނަރުވެ، އަހަރެމެން ދިރިތިބުމަށް ބަރޯސާވާ ދިރިއޮތް ވެށި ގުދުރަތީ ބެލެންސުން ނެއްޓިފައި އޮތުމެވެ. ދިވެހިންނަކީ ކެއުމުގައި އާންމުކޮށް ކާށި ބޭނުންކުރާ ބައެކެވެ. ރާއްޖޭގެ ރަށްތަކަކީ ރުކުގެ ރޯދި ތަނަވަސް ރަށްތަކެކެވެ. ނަމަވެސް އެ ދުވަސް ވެސް މާޒީވެ ހިނގައްޖެ އެވެ. ދިވެހިރާއްޖޭގެ ނިޝާން ފުރިހަމަ ކޮށްދޭ ދިވެހިރުކާއި އެއިން ލިބޭ ނަފާއަކީ ވެސް ތަދު އެއްޗަކަށް ވެއްޖެ އެވެ. 2017 އިން ފެށިގެން ރާއްޖެއަށް ކާށި އިމްޕޯޓުކުރަން ޖެހިފައި އޮތް ތާރީހީ ދެރަ ބަދަލަކީ ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ފޭލުވެފައިވާ މިންވަރު ހެކިދޭ ހަގީގަތެކެވެ. ދިވެހިރުކުން ލިބޭ ކާނާގެ އިތުރުން ރާއްޖޭގެ ރައްޔިތުން އެއިން ހޯދާ އާމުދަނީގެ ނަފާއަށް ވެސް އޮތީ ހުރަސްއެޅިފަ އެވެ. ޒަމާންވީ އަސާސީ ކާނާއެއްގެ ރޯދި ދެމެހެއްޓުމަށް ރާއްޖޭގެ ސަރުކާރުތަކުން މުޅިން ފޭލުވެފައިވާއިރު، ގައުމިއްޔަތު ވުޒާރާއެއް ހެދުމަކީ ދިވެހިރުއް ފަދަ ގުދުރަތީ ގައުމީ ތަރިކައެއް ސަލާމަތް ކުރެވޭނެ ކަމެއް ނޫނެވެ.
ސަރުކާރުތަކުގެ އެހީތެރިކަމާ އެކު ރިސޯޓު ހެދުމަށްޓަކައި ނައްތާލަމުންދާ ފަރުތަކާއި ފަޅުތަކުގެ ހަނަފަސް ފަސްގަނޑު ފެހިކުރުމަށްޓަކައި ރަށްރަށުން ރައްޔިތުންގެ ރުއްގަސް އުފުރައިގެން ގެންދިއުމަކީ ވެސް ޒަމާނީ ތަރައްގީން ރައްޔިތުންނަށް ސީދާގޮތުން ލިބެމުންދާ ގެއްލުމެވެ. އަދި ޒަމާނުއްސުރެ ރައްޔިތުން ކާނާއަށް ބަރޯސާވަމުންދިޔަ ފަޅުރަށްތައް ފަތުރުވެރިކަމުގެ ނަމުގައި އަތުލާ، އޭގެ ނަފާއިން ރައްޔިތުން މަހުރޫމުކުރުމަކީ ވެސް ދެމުންދާ ގެއްލުމެކެވެ. ރަށުގެ ފަސްގަނޑަށް ސީދާ ގެއްލުން ދިނުމުގެ އިތުރުން، ސަގާފީ އަދި ހުނަރުވެރި މަސައްކަތްތަކުން އާމުދަނީ ހޯދަމުންދާ އަންހެނުންނަށް މީގެ ސަބަބުން ލިބެމުންދަނީ ފަގީރުކަމުގެ ތަކުލީފެވެ. ރުއްތައް އުފުރައިގެން ގެންދިއުމުން ފަނާއި ކާށި ލިބޭނެ ގޮތް ބަންދުވެ، ފަންގިވިނުމުގެ މަސައްކަތުގެ އާމުދަނީއަށް ހުރަސްއެޅި، ކާނާ އާއި އާމުދަނީގެ ވަސީލަތްތަކުން ރައްޔިތުން މަހުރޫމު ކުރެވެ އެވެ. ފަނުގެ ފަންގީގެ ބަދަލުގައި ބޭރުން ޕްލާސްޓިކް "ފޭކު" ފަންގި ގެނައުމަކީ ރާއްޖޭގެ އިގްތިސާދަށާއި ދިރިއޮތް ވެށި ތަގައްޔަރު ވުމަށް ހުޅުވުނު އިތުރު ދޮރެކެވެ. ބޯޅަކުޅޭ ދަނޑުތަކުގައި ހެދެމުން ދިޔަ ގުދުރަތީ ވިނަ ބަދަލުކޮށް، ޕްލާސްޓިކުގެ ވިހަ މާއްދާތަކާއި ނެތިނުދާނޭ މައިކްރޯ ޕްލާސްޓިކުގެ ނުރައްކަލަށް ރަށުގެ ފަސްގަނޑު ގުރުބާން ކޮށްފި އެވެ. މިއީ އެއް ބަޔަކު ދެކޭ ގޮތުގައި ކުރިއެރުމެވެ. ރަށުގެ ދިރިއޮތް މުއްސަނދި ފަސްގަނޑަކީ ކިހާވަރެއްގެ ރައުސްމާލެއްކަން ދަންނަ ސަރުކާރެއް ނެތެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ ކަޅު ކޫޑީގެ މުސީބާތުން ރުއްގަސް ސަލާމަތް ކުރެވިފައި ނެތުމަކީ ވެސް ސަރުކާރުތައް މިކަންކަމުގައި ފޭލުވެފައިވާ މިންވަރު ހެކިދޭ ކަމެކެވެ. ރާއްޖޭގެ އުތުރުގެ ރަށެއްގައި އުޅޭ ރައްޓެއްސަކާއި ދެކެވުނު އާދައިގެ ވާހަކައަކުން ހާލަތު އޮތްގޮތް ސާފުވި އެވެ. ރޭގަނޑުގެ ކެއުމާ ދޭތެރޭ އަހާލެވުނު ސުވާލެކެވެ. ކާންހުރީ ބަތާއި ރިހާކުރެވެ. ފަތްކޮޅެއް ހުރިތޯ އަހާލުމުން އޭނާ ބުންޏެވެ. މުރަނގަފަތް ގަހެއް ގޯތީގައި ހުއްޓަސް، ކަޅުކޫޑީގެ ސަބަބުން އެ ކެވޭކަށް ނެތެވެ. އަމިއްލަ ގޯތީގައި ހައްދާ ގަހުގެ ރޯދިވެސް ނުލިބޭ ހިސާބަށް ރައްޔިތުންގެ ހާލަތު ދަނީ ދަށަށެވެ.
ފަރުތައް ހިއްކައިގެން އަޅާ ރިސޯޓުތައް ފެހިކުރުމުގެ އިތުރުން، ޒަމާނީ ތަރައްގީ އާއި ފުރޮޅުލީ އުޅަނދުގެ އަވައިގާ ވެސް ރާއްޖޭގެ ރަށްރަށުގެ ހޭޅިފަށް ދަނީ ނައްތާލަމުންނެވެ. ރަށު ކައުންސިލުތަކާއި ގުޅިގެން، ހޭޅި އާއި ނެތެމުންދާ ވަލުގައި ހުރި ރުއްގަހާއި މަދު މިދިލި ގަސްތަކަކީ ވެސް "ސައިކަލު ބުރު" ޖަހަން ބޭނުންވާ ބަޔަކަށް ހަދައިދިނުމަށް ބޭނުންވާ "ރިންގު ރޯޑު"އަށްޓަކައި ގުރުބާންކުރަމުންދާ އަގުހުރި ގުދުރަތީ ވަސީލަތްތަކެވެ. ކާބޯތަކެތީގެ އިތުރުން ރަށުގެ ހޭޅި އާއި ވަލަކީ ރަށާއި ރައްޔިތުންގެ މޫސުމީ ރައްކާތެރިކަމަށް ވެސް މުހިންމު ގުދުރަތީ ހަޒާނާއެކެވެ. ޒަމާނީ ތަރައްގީ ކަމަށް ދެކޭ އިންޖީނުލީ އުޅަނދުފަހަރާއި އެތަކެތީގައި "ފިނިބުރު ޖަހަން" ހިތްއެދޭ ތާރު މަގުތަކަކީ ކާބޯތަކެތީގެ ރައްކާތެރިކަމަށް ވުރެ މާ މުހިންމު އިސްކަމެއް ދޭ އެއްޗެއްސަށް ވަނީ ވެފަ އެވެ. ހައިހޫނުކަމެއް ކުރިމަތިވާ ދުވަހެއްގައި ރަށުގެ ރިންގުރޯޑެއް ނުކެވޭނެ އެވެ. ފިނިބުރު ޖަހާނެ ތެލެއް ސައިކަލުތަކަށް އެޅޭނެ ގޮތެއް ނޯންނާނެ އެވެ. އަދުގެ ކަންބޮޑުވުންތަކަކީ އެފަދަ ދުވަހަކަށް ތައްޔާރުވުން ކުޑަތަންވެ އޮތް ކަމާ މެދު ފުންކޮށް ފިކުރުކުރަން ޖެހިފައި އޮތުމެވެ. ފިކުރުކުރަން ވަގުތު އޮތްތޯ ވެސް ސުވާލު އުފެދެ އެވެ. ސާފުވަނީ މިކަމާ ދޭތެރޭ އަމަލުކުރަން ފަސްޖެހޭނެ ވަގުތެއް ނެތް ކަމެވެ.
ދިވެހި ތާރީހު ހެކިދެނީ ރާއްޖޭގެ ރަށްތަކުގެ ކުޅި ފާ އަދި ޗަސްބިންތަކުގައި ހެދޭ ކަނޑޫ، ރަނޑޫ، އަލަ އާއި ކެޔޮ އަދި އެހެނިހެން ކާނާގެ ބާވަތްތަކަކީ މާޒީގައި ދިވެހިން ކާބޯތަކެއްޗަށް ދަތިވާހިނދު ބޭނުންކުރުމަށް ރަށުން ލިބެންހުރި ގުދުރަތީ ރޯދިކަމެވެ. ނަމަވެސް، އަދުގެ ޒަމާނީ ކުރިއެރުމާއި ތަރައްގީގެ ތިލަ ވިސްނުމަކީ ކުޅި ފާ ޗަސްބިންތައް ނައްތާލާ، އެ ތަންތަނަށް ފަސްއަޅާ، ބިންހަދައިގެން އެއާޕޯޓާއި ތާރު މަގާއި އެހެނިހެން އުމްރާނީ ތަރައްގީގެ ކޮންކުރީޓަށް ދާއިމަށް ބަދަލުކުރުމެވެ. ހދ. ކުޅުދުއްފުށީގެ މަށިކުޅިއަކީ ރައްޔިތުންގެ އެތައް ރުއްގަހަކާއި ކެޔޮގަހެއް، ހިޔާލެއް ނެތި ފަނާކޮށްފައި އޮތް އިޔާދަނުކުރެވޭނެ ރައުސްމާލެކެވެ. އައްޑޫ ސިޓީ ކައުންސިލުން، ސ. ހިތަދޫގެ އަލަދަނޑުތަކެއް ނައްތާލަން ރަށު ކައުންސިލުން މަސައްކަތް ކުރުމުން، އެކަމާ ރައްޔިތުން ދެކޮޅު ހެދި އެވެ. އަދި މަދަނީ ޖަމްއިއްޔާއަކުން އާރާސްތުކުރުމަށް މަސައްކަތް ފަށާފައި އޮތް ސ. ހިތަދޫގެ މަޝްހޫރު ރުއްފަށާގެ ރުއްތައް ވެސް ރައްޔިތުންނަށް "ސިއްރުން" އެއް ދުވަހު އަލިވިލުނުއިރު އޮތީ ނެތިކޮށްފަ އެވެ. ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތުގައި ލިބޭ ކާބޯތަކެތީގެ ރައްކާތެރިކަން ފޯރުކޮށްދެމުންއައި ގުދުރަތީ ވަސީލަތްތަކަކީ އަދު ފައިދާއެއް ނެތް އެއްޗެތީގެ ގޮތުގައި ދެކި، ރަށު ފެންވަރުގައި ވެސް އެއީ ދާއިމަށް ނެތިކުރަމުންދާ އަގުނުކުރެވޭވަރުގެ ވަސީލަތްތަކެވެ. މިއީ އެތައް ޒަމާނަކުން އުފެދި ފައްކާވެފައިވާ، އަލުން އަނބުރާ އެގޮތުގައި ގެނެވޭނެ ގުދުރަތީ ދިރުންތަކާއި މާހައުލުތަކެއް ނޫނެވެ. މިފަދަ ގުދުރަތީ މުއްސަނދިކަމުން ލިބެމުންދިޔަ ރޯދި ނައްތާލަމުންދަނީ މާދަމައަކަށް ބެލުމެއް ނެތި އެވެ. މިއީ ކުރިއެރުމެއްކަމަށް ދެކެނީ ބުއްދީގެ ކޮން ހަމައަކުންތޯ ސުވާލުކުރަން ޖެހެ އެވެ.
މިދާކަށް ދުވަހު އޭގެ ހިތި ތަޖުރިބާކުރަން ޖެހުނު ކޯވިޑް-19ގެ ވަބާއަކީ ވެސް ދިވެހި ސަރުކާރުތަކަށާއި ރަށު ފެންވަރުގައި ކަންކަން ނިންމަން ތިބޭ ފަރާތްތަކަށް ފިލާވަޅެއް ލިބުނު ގައުމީ ކާރިސާއެއް ކަމުގައި ބުނެވޭކަށް ނެތެވެ. ރަށު ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމަށް ކުރެވިދާނެ ކަންކަމަކީ ކޮބައިތޯ ބަލާ އެކަމުގައި އަމަލީ ގޮތުން ހަރަކާތްތެރިވާ ފަރާތެއް ފެންނާކަށް ނެތެވެ. ގައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ހޯދުމަށް ސިޔާސަތެއް ކަނޑައަޅާފައިވާ ކަމެއް ފެންނާކަށް ނެތެވެ. ފެބްރުއަރީ 2026ގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވެސް ޝަކުވާ އުފުލާފައިވަނީ ދިވެހި އިގްތިސާދުގައި ދަނޑުވެރިކަމަށް "ސަރުކާރުތަކުން ސަމާލުކަން ދީފައިނުވާ" ކަމަށް ދެކި އެވެ. މި ސަރުކާރުގެ ދައުރު ދެބައިވުމާ ގާތް ކުރާއިރު މިއީ ރިޔާސީ ބަޔާނެއްގައި ހިމަނަން މާ ހަރުދަނާ ވާހަކައެއް ކަމަކަށް ނުދެކެމެވެ. ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ: "ވިލުންތެރި އިގްތިސާދެއް ސާއިމުކުރުމަށްޓަކައި ރާއްޖޭގައި އުފެއްދޭ ކާބޯތަކެތީގެ ބާވަތްތަކުގެ ތެރެއިން މައިގަނޑު ބާވަތްތައް، ރާއްޖޭގެ އާބާދީއަށް އެކަށީގެންވާވަރަށް އުފެއްދުމަށް މަސައްކަތްކޮށް، ފުޑް ސެކިއުރިޓީ ގާއިމުކުރުމަކީ، މި ސަރުކާރުގެ ސިޔާސަތު" ކަމަށެވެ. މިއީ ޑރ. މުހައްމަދު މުއިއްޒު 2018ގެ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގައި ބޭނުންކުރެއްވި "ދިވެހީންގެރާއްޖެ" މެނިފެސްޓޯގައި ކަރުދާހުގައި ލިޔެވިފައިވާ ސިޔާސަތެއް ކަމަކަށް ފާހަގައެއް ނުކުރެވެ އެވެ. ސިޔާސަތަކީ ބަދަލުކުރެވޭ އެއްޗަކަށްވީ ނަމަވެސް، އެއީ ހިތޯބެއްގައި އަނގަބަހުން ބުނެލައިގެން ތަންފީޒުކުރެވޭ ބަދަލުތަކެއް ކަމަކަށް ނުބެލެވޭނެ އެވެ. ހަގީގަތުގައި ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކުރިއަރުވާ ދަނޑުވެރިކަން ހަރުދަނާ ކުރުމަށް އެކަށީގެންވާ ސިޔާސަތެއް ނެތެވެ. ދަނޑުވެރިކަމާ ބެހޭ ވަޒީރުގެ ވާހަކައިން ވެސް މިކަން ހާމަވެ އެވެ. ދާދި ފަހުން އެކަމަނާ ވެސް ވިދާޅުވެފައިވަނީ ދަނޑުވެރިކަމުގައި ބޭނުންކުރާ ވިހަ ކެމިކަލް (ޕެސްޓިސައިޑް) އާއި ބެހޭ ގާނޫނެއް އޮތަސް އަދި ސިޔާސަތެއް ނެތް ކަމަށެވެ. ދައުލަތް ހިނގުމުގެ އިސް މަގާމުތަކުގައި ތިބޭ ފަރާތްތަކުން އެ މީހުންގެ ޒިންމާތައް ފޮޅާލާ "މަށެއް ނޫން" އަދި "ކުރީ ސަރުކާރު" ބީދައިން ދެކެވޭ ވާހަކަތަކަކީ ބިނާކުރަނިވި ވާހަކަތަކެއް ނޫނެވެ.
މި ދަށް ހާލަތުން އަރައިގަތުމަށް ރައްޔިތުން އަދު ހަރަކާތްތެރިވާން ޖެހެ އެވެ. ސަރު"ކާ"ރު ގެ ޖާދޫގައި ޖެހިފައި ތިބިތިބުމުން ހޭއަރަން ޖެހެ އެވެ. ރައްޔިތުންގެ ކާބޯތަކެތީގެ ރައްކާތެރިކަން ގާއިމްކުރުމަށް ރައްޔިތުން އިސްވެ ލަސްނުކޮށް އަމަލުކުރަން ޖެހެ އެވެ. އޭޕްރިލް 2026ގެ ލޯކަލް ކައުންސިލު އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުން ރައްޔިތުން ސާބިތުކަމާ އެކު ޑިމާންޑު ކުރަންވީ ކާބޯތަކެތި ހެއްދުމަށް ރަށުގެ ބިންތައް ރައްޔިތުންނަށް ލިބޭނޭ ގޮތް ހެދުމަށެވެ. ބަންޑާރަ ބިންތަކަކީ ރައްޔިތުންގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް ހާއްސަކުރާ ބިންކަމުގައި ހެދުމަށެވެ. ލިބެންހުރި މައުލޫމާތުން ހާމަވަނީ ރާއްޖޭގެ 58 ރަށަކީ "ބިން ހިއްކާ"ފައިވާ ރަށްތައް ކަމެވެ. މީގެ ގިނަ ބިންތަކަކީ ކޮންމެ ސަރުކާރަކުން ވެސް ގެދޮރުގެ އަވާމެންދުރެއް ރައްޔިތުންނަށް ދައްކާފައިވާ، އަހަރުތައް ފާއިތުވާއިރު ވެސް ހަނަފަސްކޮށް އޮތް ބިންތަކެވެ. މިއީ ރައްޔިތުންގެ ބޮލުގައި އޭގެ ގެއްލުންތަކާއި ދަރަނީގެ ޒިންމާ އެޅިފައިވާ ބަންޑާރަ ބިމެވެ. މި ބިންތަކުގައި ގަސްގަހާގެހި ހެއްދުމަށް ރައްޔިތުންނަށް ހުރަހެއް އޮވެގެން ނުވާނެ އެވެ. ތަދުމަޑުކަމުގެ ހާލަތެއް މެދުވެރިވާނެ ދުވަހަކަށް ރައްޔިތުން ނުވާ ތައްޔާރެއް، މިކަންކަމަށް ތާއަބަދު އިހުމާލުވަމުންދާ ސަރުކާރަކަށް ނުވެވޭނެ އެވެ. ހައިހޫނުކަން ފިލުވުމުގެ ހައްގަކީ ފައިސާވެރިކަމާއި ގުޅިފައިވާ އެއްޗަކަށް ހަދާފައިވާ ޒަމާނީ ނިކަމެތިކަން ނިމުމަކަށް ގެނެވޭނީ ވެސް މިފަދަ ފަންވަރު ރައްޔިތެއްގެ ކިބައިގާ ހުރެގެންނެވެ. ރަށުގެ ބިމަކީ ރައްޔިތުންގެ މަސްލަހަތު އޮންނަ ބަންޑާރަ ތަރިކަ އެވެ. އެ ބިންތަކުން ކާބޯތަކެތީގެ ރައްކާތެރިކަން ހޯދާ ކަށަވަރުކުރުމުގެ ހައްގު ރައްޔިތުން އަދު ލަސްނުކޮށް ލިބިގަންނަން ޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ