ހޮރްމުޒް ކަނޑުއޮޅި އެންމެ ފަސޭހައިން ހުޅުވޭނީ އީރާނާ ވާހަކަދައްކައިގެން: އިންޑިއާ

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ހަކަތަ އުފުލާ މުހިންމު މަގުތަކަށް ބުރޫއަރާފައިވާއިރު، ހޮރްމުޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުން އަލުން އިއާދަކުރުމަށް އޮތް އެންމެ ފައިދާހުރި ގޮތަކީ އީރާނާ އެކު ސީދާ މަޝްވަރާކުރުން ކަމަށް އިންޑިއާގެ ހާރިޖީ ވަޒީރު ސުބްރަމާނިއަމް ޖައިޝަންކަރު އިއްޔެ ވިދާޅުވެއްޖެ އެވެ.
ފިނޭންޝަލް ޓައިމްސްއަށް ދެއްވި އިންޓަވިއުއެއްގައި ޖައިޝަންކަރު ވިދާޅުވީ، ތެހެރާނާ އެކު ކުރެވުނު ޑިޕްލޮމެޓިކް މަޝްވަރާތަކުގެ ނަތީޖާ މިހާރު ވެސް ފެންނަން ފަށާފައިވާ ކަމަށެވެ. އެގޮތުން، އިންޑިއާގެ ދިދަ ޖަހާފައިވާ ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) އުފުލާ ދެ އުޅަނދެއް ދާދި ފަހުން އެ ކަނޑުއޮޅިން ދަތުރުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"ވާހަކަދައްކައިގެން ބައެއް ނަތީޖާ ވަނީ ހާސިލުވެފައި،" ޖައިޝަންކަރު ވިދާޅުވި އެވެ.
ގާތްގަނޑަކަށް 92,712 މެޓްރިކް ޓަނުގެ އެލްޕީޖީ އުފުލި 'ޝިވާލިކް' އަދި 'ނަންދާ ދޭވީ' ނަމަކަށް ކިޔާ ދެ އުޅަނދު ހޮރްމުޒް ކަނޑުއޮޅި ހުރަސްކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ އުޅަނދުތައް މިހާރު ދަތުރުކުރަމުންދަނީ އިންޑިއާއަށެވެ.
"ޔަގީނުން ވެސް އިންޑިއާގެ ނަޒަރުގައި، އެއްވެސް ކަމެއް ނުކޮށް ތިބުމަށް ވުރެ، ވާހަކަދައްކައިގެންނާއި ގުޅިގެން މަސައްކަތްކޮށްގެން ހައްލެއް ހޯދުން މާ ރަނގަޅު،" އޭނާ ވިދާޅުވި އެވެ.
މި މޭރުމުން އޭނާ ވާހަކަދައްކަވާފައި މިވަނީ، ސްޓްރެޓީޖިކް ގޮތުން މުހިންމު މި ކަނޑުގެ މަގު ހުޅުވާފައި ބޭއްވުމަށް އެހީތެރިވުމަށްޓަކައި ޗައިނާ، ފްރާންސް، ޖަޕާން، ދެކުނު ކޮރެއާ އަދި އިނގިރޭސިވިލާތް ހިމެނޭހެން ބައެއް ގައުމުތަކުން ހަނގުރާމަމަތީ މަނަވަރުތައް ފޮނުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައްވާފައި ވަނިކޮށެވެ.
އިންޑިއާގެ އުޅަނދުތަކަށް ދަތުރުކުރެވޭނެ ކަމުގެ ފުރިހަމަ އެއްބަސްވުމެއް ނެތް ކަމަށާ އަދި މިގޮތަށް ދަތުރުކުރުމުގެ ހުއްދަ ލިބުމުގެ ބަދަލުގައި އީރާނަށް އެއްވެސް ލުޔެއް ދީފައިނުވާނެ ކަމަށް ޖައިޝަންކަރު ކަށަވަރުކޮށްދެއްވި އެވެ.
ކޮންމެ ގައުމަކުން ވެސް އީރާނާ އެކު ބާއްވާ ގުޅުން ތަފާތުވާނެކަން ފާހަގަކުރައްވަމުން، ގަލްފް ސަރަހައްދުގެ ދަތުރުފަތުރުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތުގައި، އިންޑިއާގެ ޑިޕްލޮމެޓިކް އުސޫލުތައް ޔޫރަޕްގެ ސަރުކާރުތަކާ ހިއްސާކުރުމަށް އިންޑިއާ ތައްޔާރަށް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ