އިންޑިއާގެ 20 އަހަރުން ދަށުގެ ޓީމުގެ ކޯޗަކަށް މަހޭޝް ގޯލީ އިންޑިއާގެ 20 އަހަރުން ދަށުގެ ޓީމުގެ ކޯޗަކަށް މަހޭޝް ގޯލީ

މި މަހު ފަހުކޮޅު ރާއްޖޭގައި ފަށާ ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި އިންޑިއާގެ ހެޑް ކޯޗަކަށް މަހޭޝް ގޯލީ ހަމަޖައްސައިފި އެވެ.
މަހޭޝް އަކީ އެންމެ ފަހުން، 2023 ވަނަ އަހަރު ބެންގަލޫރުގައި ބޭއްވި ސާފް ޗެމްޕިއަންޝިިޕްްގައި އިންޑިއާގެ އެސިސްޓަންޓް ކޯޗެވެ. އިންޑިއާ އިން އަންނަނީ މި މަހުގެ 23 އިން އަންނަ މަހުގެ 3 އަށް ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕަށް މަހޭޝްގެ އިރުޝާދުގެ ދަށުން ތައްޔާރީތައް ކުރިއަށްގެންދަމުންނެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އިން ފުރަތަމަ ގެންގުޅުނު ވިސްނުމަކީ، މަހޭޝް، އެސިސްޓަންޓް ކޯޗަކަށް ބެހެއްޓުމަށް ފަހު، ތަޖުރިބާކާރު ބިދޭސީ ކޯޗެއް ގެނައުމެވެ. އެކަމަކު، އޭއައިއެފްއެފްގެ ޓެކްނިކަލް ކޮމިޓީގެ ބަައްދަލުވުމަކަށް ފަހު، މަހޭޝްއާ ޓީމުގެ ހެޑް ކޯޗުގެ ޒިންމާ ހަވާލުކުރަން ވަނީ ނިންމަައިފަ އެވެ.
އިންޑިއާ އޮތީ ބަންގްލަދޭޝާއި ޕާކިސްތާނާ އެކު ގްރޫޕް ބީގަ އެވެ. އިންޑިއާ އިން ފުރަތަމަ މެޗުގައި، މި މަހު 26 ގައި ޕާކިސްތާނާ ކުޅުމަށް ފަހު، ދެ ވަނަ މެޗުގައި ބަންގްލަދޭޝާ ކުޅޭނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.
ސާފް އިން އާންމު ގޮތެއްގައި 20 އަހަރުން ދަށުގެ މުބާރާތް ބާއްވަނީ ބަހާލައިގެންނެވެ. އެ ގޮތުން، ބައެއް ފަހަރު މި މުބާރާތް 19 އަހަރުން ދަށަށް ހާއްސަކޮށް ވެސް ބާއްވަ އެވެ.
ސާފް 20 އަހަރުން ދަށުގެ މުބާރާތަށް ބަންގްލަދޭޝް އިން އިނގިރޭސި ކޯޗެއް ކަމަށްވާ މާކް ކޮކްސް ހަމަޖައްސައިފަ އެވެ. ޕާކިސްތާންގެ 20 އަަހަރުން ދަށުގެ ކޯޗަކީ، ސީނިއާ ޓީމުގެ އެސިސްޓަންޓް ކޯޗަަކަށް މަސައްކަތްކުރި ޝެހެޒާދު އަންވަރު އެވެ. ރާއްޖޭގެ ޓީމުގެ ކޯޗަކީ، ސީނިއާ ޓީމުގެ ހެޑްކޯޗު، ހަންގޭރީގެ އިސްތަވާން އުރްބާނީ އެވެ. އަދި، ސްރީ ލަންކާ އިން ވަނީ ގަތަރުގެ ކޯޗު އަހުމަދު އަލް-މައްނާއީ ކޯޗަކަށް ހަމަޖައްސައިފަ އެވެ. އަލް-މައްނާއި ވަނީ މީގެ ކުރިން ސްރީ ލަންކާގެ 23 އަަހަރުން ދަށުގެ ފުޓްބޯޅަ ޓީމާއި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ލަންކާ ޓިމުތަކަށް ކޯޗުކޮށްދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ