ހަކަތަ އުފައްދާ މަރުކަޒުތަކަށް ދޭ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި
އިޒްރޭލުން އީރާނުގެ ސައުތު ޕާސް ގޭސް ފީލްޑާއި ގުޅުވާފައިވާ ހަކަތަ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް ދިން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ. ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ހަކަތައިގެ އިންފްރާސްޓްރަކްޗާއަށް މިފަދަ ހަމަލާތައް ދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފުވުން ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ސަރަހައްދު އިތުރަށް ހަލަބޮލިވެ، ދުނިޔޭގެ ހަކަތައިގެ ރައްކާތެރިކަމަށް އޮތް ނުރައްކާ އިތުރުވާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ. ހަމައެއާއެކު ސަޢޫދީ ޢަރަބިއްޔާ، ޔޫއޭއީ، ޤަތަރު އަދި ކުވައިތުގައި ހުންނަ ހަކަތައިގެ ވަސީލަތްތަކަށް އީރާނުން ދިން ހަމަލާތައް ވެސް ރާއްޖެއިން ވަނީ ކުށްވެރިކޮށްފައެވެ. މިފަދަ ހަމަލާތަކުގެ ސަބަބުން ސަރަހައްދީ ސަލާމަތާއި ހަމަޖެހުން އިތުރަށް ބަލިކަށިވާނެކަން އެ ބަޔާނުގައި ފާހަގަކުރިއެވެ. "ތެޔޮ އިންސްޓޯލްމަންޓްތަކާއި، ޑީސެލިނޭޝަން ޕްލާންޓްތަކާއި، އެއާޕޯޓްތައް ފަދަ މުހިންމު ތަންތަން ހިމާޔަތް ކުރުމުގެ މުހިއްމުކަން މީގެ ސަބަބުން ހާމަވޭ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ. މި ސަރަޙައްދުގެ އަމަންއަމާންކަމާއި ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުމަށްޓަކައި މިހާރުން މިހާރަށް ހަނގުރާމަ ހުއްޓާލުމަށް ތަކުރާރުކޮށް ގޮވައިލާ ކަމަށް ސަރުކާރުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ