ކައުންސިލް އިންތިހާބަކީ ރާއްޖޭގައި ދެފުށް ފެންނަ ގޮތަށް ބާއްވާ ފަހު އިންތިހާބަށް ވެދާނެ: ޝާހިދު ކައުންސިލް އިންތިހާބަކީ ރާއްޖޭގައި ދެފުށް ފެންނަ ގޮތަށް ބާއްވާ ފަހު އިންތިހާބަށް ވެދާނެ: ޝާހިދު

އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަކީ ދިވެހިރާއްޖޭގައި ޓްރާންސްޕޭރެންޓުކޮށް ބޭއްވޭޭ ފަހު އިންތިހާބަށް ވެދާނެ ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ޒުވާނުންނަށް އަމާޒުކޮށް ޝާހިދު ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިހާބަކީ ޒުވާނުންނަށް ރާއްޖޭގައި ޓްރާންސްޕޭރެންޓުކޮށް އިންތިހާބެއްގައި ވޯޓުލެވޭ އެންމެ ފަހު ފަހަރު ކަމަށް ވެދާނެ ކަމަށެވެ.
"ރާއްޖޭގެ ވަރަށް ބޮޑު އާބާދީއަކީ ޒުވާނުން. އަޅުގަނޑު ޒުވާނުންނަށް ދަންނަވާލަން ބޭނުން މި ވެދާނެއޭ ހަގީގަތުގައި، ލޯކަލް ކައުންސިލް އިންތިހާބަކީ ހަގީގަތުގައި ދިވެހިރާއްޖޭގައި ރައްޔިތުންނަށް ޓްރާންސްޕޭރެންޓުކޮށް ވޯޓެއް ލާން ލިބޭ އެންމެ ފަހު ފުރުސަތު ކަމަށް،" ޝާހިދު ވިދާޅުވި އެވެ.
"އަޅުގަނޑު މިކަހަލަ ވާހަކަ ބައެއްފަހަރު ދަންނަވާލީމަ ބޭފުޅުން ހިތްޕުޅަށް އަރާވަޑައިގަންނަވާ ކަންބޮޑުކޮށްގެން ވާހަކަ ދައްކަނީއޭ. ނޫން. އަޅުގަނޑަކީ ކަންބޮޑުކޮށްގެން ވާހަކަ ދައްކާ މީހެއް ނޫން. އަޅުގަނޑަކީ އަޅުގަނޑަށް ފެންނަ ކަންތައްތައް ވަރަށް ސާފުކޮށް އޮޅުވާލުމެއް ނެތި ދަންނަވާ މީހެއް. މިދިޔަ ރިޔާސީ އިންތިހާބުގައި އަޅުގަނޑު ދެންނެވިން ހުދުމުހުތާރު ވެރިޔެކޭ ތިޔަ އިންތިހާބުކުރައްވަނީ. މިހާރު އެއޮތީ ފެންނަން."
ޝާހިދު ޒުވާނުންގެ އަރިހުން އެދިވަޑައިގަތީ ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާ ދެކޮޅަށް ވޯޓު އެޅުމަށެވެ. އޭނާ ތަކުރާރުކޮށް ވިދާޅުވީ ޕީއެންސީއަށް ވޯޓުލައިގެން ދެފުށް ފެންނަ އިންތިހާބެއް ކުރިއަށް އޮތް ދުވަސްތަކުގައި ދެން ނުބޭއްވޭނެ ކަމަށެވެ.
"އަޅުގަނޑު ހަމަ އެގޮތަށް މިދަންނަވަނީ ޒުވާނުންނަށް ނިކުމެވަޑައިގަންނަވާށޭ ވޯޓު ފޮށްޓަށް ތިޔަ ބޭފުޅުން ޕީއެންސީއާ އިދިކޮޅަށް ވޯޓު އަޅުއްވާށޭ. މި ވެދާނެއޭ އެންމެ ފަހު ފަހަރު ކަމަށް ދިވެހިރާއްޖޭގައި އެތައް ޒަމާނެއް ވަންދެން ވޯޓެއްލާން ލިބޭނެ. ވޯޓެއް ލާން ލިބޭނެއޭ މި ދަންނަވަނީ ސާފުކޮށް ލާން ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން ޝާހިދު ވިދާޅުވީ މި ސަރުކާރުގެ މިސްރާބު ހުރީ ދުނިޔޭގެ ބައެއް ގައުމުތަކުގައި އޮޅުވާލުމުގެ ތެރޭގައި ސަރުކާރުން ބޭނުންވާ ގޮތަސް ވޯޓު އޮޅުވާލުމުގެ ނިޒާމާ ދިމާލަށް ކަމަށެވެ.
ނަމަވެސް ގައުމުގެ ބޮޑު އާބާދީއަކީ ޒުވާނުން ކަމުން ގައުމު އޮތީ ޒުވާނުންގެ އަތްމަތީގައި ކަމަށާއި މި ސަރުކާރުގެ މިސްރާބު ބަދަލުކޮށް ހަމަ މަގަށް އެޅުވުމަށް ޝާހިދު ވަނީ އެދިވަޑައިގެންފަ އެވެ.
އެގޮތުން ޝާހިދު ވިދާޅުވީ އެމްޑީޕީން ރާއްޖޭގެ އެންމެ އުތުރުން ދެކުނަށް ވަރުގަދަ އަޒުމަކާ އެކީ ނިކުމެ ރުކުރުވާލާފައި އޮތީ އެންމެ އިންޗިއެއްވެސް ފަހަތަށް ޖެހޭ ގޮތަށް ނޫން ކަމަށެވެ.
ކައުންސިލް އިންތިހާބު އޮތީ އަންނަ އެޕްރީލް 4، ވަނަ ދުވަހު އެވެ. އެ އިންތިހާބުގައި ޖުމްލަ 225 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކާއި ޑަބްލިއުޑީސީއަށް މެންބަރުން އިންތިހާބުކުރާނެ އެވެ. އިންތިހާބުގައި ވޯޓުލުމަށް ޖުމްލަ 621 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ