ޕީއެންސީއަށް ތާއީދުނުކުރާތީ ކޮލަމާފުށި ފެނަކައިގެ އިސް މުވައްޒަފަކު ވަކިކޮށްފި ޕީއެންސީއަށް ތާއީދުނުކުރާތީ ކޮލަމާފުށި ފެނަކައިގެ އިސް މުވައްޒަފަކު ވަކިކޮށްފި

ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ތާއީދުނުކުރާތީ ގއ. ކޮލަމާފުށި ފެނަކައިގެ އިސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި އެވެ.
ފެނަކައިގެ ވަޒީފާ 2015 އިން ފެށިގެން އަދާކުރަމުންދިޔަ ގއ. ކޮލަމާފުށި، ވެލާނާގެ، އަބްދުﷲ ނާސިރު ކޮލަމާފުށި އިންޖީނުގެއާއި ފެނަކަ އޮފީސް ހިންގުމުގެ އެންމެހާ ކަންކަމާ ހާވާލުވެ ހުއްޓައި، މި ސަރުކާރުން ވެރިކަމަށް އައިސް އޭނާގެ މަގާމު އެސިސްޓެންޓް މެނޭޖަރަކަށް ބަދަލުކޮށް ދުވަސްތަކެއް ފަހުން ވަކިކުރީ މިދިޔަ އާދީއްތަ ދުވަހު އެވެ.
އެކަމާ ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެކްސް ގައި ވިދާޅުވީ އަބްދުﷲ ނާސިރު ފެނަކައިގެ ވަޒީފާއިން ވަކިކުރީ މީގެ ކުރިންވެސް އޭނާއަށް އެތައް އިންޒާރެއްދީ، ވަޒީފާގެ މަގާމު ދަށްކުރުމުން ވެސް މިނިވަން ސިޔާސީ ފިކުރު ފާޅުކުރުން އޭނާ ހުއްޓާނުލުމުން ކަމަށެވެ.
މިއީ މިނިވަންކަމާއެކު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ހުރިހާ މުވައްޒަފުންނަށް ބިރުދައްކަން ސަރުކާރުން ކުރި ފިނޑި އަމަލެއް ކަމަށް ފައްޔާޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިފަދަ ކަންކަން ހުއްޓުވޭނީ ރައްޔިތުން ނިކުމެ މި ސަރުކާރު ހުއްޓުވައިގެން ކަމަށެވެ.
"ރައީސް މުއިޒު ބޭނުންފުޅުވަނީ ހުރިހާގޮތަކުން ރައްޔިތުންގެ މައްޗަށް ފުރިހަމަ ބާރާ ކޮންޓްރޯލް ގާއިމުކުރަން. އެކަން ހާސިލުވަންދެން ކޮންމެ ދުވަހަކު މިފަދަ ކަންކަން ކުރައްވަމުން ގެންދަވާނެ. ހުއްޓުވޭނީ ރައްޔިތުން ނުކުމެ މި ސަރުކާރު ހަމަމަގަށް އަޅުވައިގެން،" ފައްޔާޒް ވިދާޅުވި އެވެ.
އަބްދުﷲ ނާސިރު ވަޒީފާއިން ވަކިކުރީ އަހްލާގީ މިންގަނޑު ރަނގަޅުކުރުމަށް އިސްލާހީ ފިޔަވަޅު އެޅުމުންވެސް މަސައްކަތުގެ އަހްލާގު އިސްލާހުކޮށްފައި ނުވާތީ، ވަޒީފާ ކަމަށް ވަޒީފާއިން ވަކިކުރި ލިޔުމުގައި ފެނަކައިން ބުނެފައިވެ އެވެ.
މި ސަރުކާރުން ވެރިކަމަށް އައި ފަހުން ސަރުކާރަށް ފާޑުކިޔައި، އިދިކޮޅު ޕާޓީތަކަށް ތާއީދުކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ސަރުކާރުގެ ކުންފުނިތަކުން ވަނީ ވަކިކޮށްފަ އެވެ. މިގޮތުން ސަރުކާރު ކުންފުނިތަކަށް އެއަށްފަހު މި ސަރުކާރަށް ތާއީދުކުރާ ގިނަ މުވައްޒަފުން ވަނީ ނަގާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ