އީފާހުގެ ދުސްތޫރީ މައްސަލައިން ރަޖިސްޓްރާގެ އިހުތިސޯސާ މެދު ސުވާލެއް

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލާން އީފާސް ބޭނުންކުރަން ޖެހުމަކީ ބައެއް ފަރާތްތަކުގެ އޮތް ކަންބޮޑުވުމެކެވެ. ރާއްޖޭގެ ބޮޑު އާބާދީއެއް އީފާސް ބޭނުމެއް ނުކުރެ އެވެ. ކައުންސިލް އިންތިހާބުގައި މަގާމުތައް ގިނަވެފައި ކުރިމަތިލާން ތިބި މީހުން ވެސް ގިނަ އެވެ. އަދި އަމިއްލަ ގޮތުން ވާދަކުރަން 50 މީހުންގެ ތާއީދު އީފާހުން ފުރުވަން ޖެހޭތީ ވަރަށް ބޮޑެތި އުނދަގޫތަކެއް ހުއްޓެވެ. އެއީ އިންތިހާބީ ހައްގު ހަނިވި ކަމެއް ގޮތުގައި އެއް ބަޔަކު ދެކުނެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އެ ނިންމުމަކީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނާއި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނާ ހިލާފް ނިންމުމެއް ކަނޑައަޅައިދޭން އެދި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފުން ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅި އެވެ. އެއީ މިހެން އީފާސް ބޭނުންކުރަން މަޖުބޫރުކުރުވިއިރު އެއީ ގާނޫނު ދަންނަ ކަމަކަށް ނުވާތީކަން ފާހަގަކޮށްފަ އެވެ. ދުސްތޫރާ ގުޅޭ ކަމެއްގައި އުފެދިފައިވާ ހިލާފެކެވެ.
އިންތިހާބަށް ކުރިމަތިލާން ހުޅުވާލި މުއްދަތު މިދިޔަ އާދީއްތަ ދުވަހު ހަވީރަށް ހަމަވެ، އެ ދުވަހުގެ ރަސްމީ ވަގުތު ނިމިގެން ދިޔައިރު ވެސް އެ މައްސަލަ ބަލައިގަތުމާ މެދު ކޯޓުން ގޮތެއް ނުނިންމަ އެވެ. އިންތިހާބަށް ކުރިމަތިލުމާ ގުޅޭ މައްސަލައެއްގައި، މުއްދަތު ހަމަވުމުގެ ހަފުތާއެއް ކުރިން އަދި މުއްދަތު ހުޅުވާލިތާ ހަފުތާއެއް ފަހުން ކޯޓަށް މައްސަލަ ހުށަހަޅާފައިވާއިރު އެއީ ނިޔާ އަވަސްވާން ޖެހޭ މައްސަލައެކެވެ.
ކުރިމަތިލާން ހުޅުވާލި މުއްދަތު ހަމަވެ، ޖެހިގެން އައި ދުވަހު ހައި ކޯޓުން މައްސަލަ ބަލައިނުގަންނަން ރަޖިސްޓްރާގެ ނިންމުން އައި ގޮތް ގާނޫނީ ދާއިރާގެ ބައެއް ތަޖުރިބާކާރުންނަށް ކަމަކު ނުދިޔަ އެވެ.
ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަދި މި ވަގުތު ޕީއެންއެފްގެ ވެސް ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު، ރަޖިސްޓްރާގެ ނިންމުން ސިފަކުރެއްވީ ފަނޑިޔާރެއްގެ ހުކުމެއް ގޮތަށެވެ. މައްސަލަ ހުށަހެޅި ފަރާތާއި ރައްދުވާ ފަރާތުގެ ވާހަކަތައް ވެސް އަޑުނާހާ 'އެހާ ގިނަ ހާސަރުތަކެއް ދެމި' ގޮތަކާ މެދު ވެސް ޖަމީލު ސުވާލު އުފެއްދެވި އެވެ. 
"ހައި ކޯޓުން މައްސަލަ ބަލައި ނުގަނެ މުއްދަތު ފަހަނަޅާ ދާންދެން ތިބީ ކީއްވެ؟ މައްސަލަ ބަލައިނުގަންނަން ނިންމި ނިންމުމުން ފެންނަން އޮތީ ބޮޑު ޖަޖްމަންޓެއް ގޮތަށް. ދެ ފަރާތުގެ ވާހަކަތައް އަޑުނާހާ ކޮން ތަނަކުން ނެރުނު ހާސަރުތަކެއްތޯ؟ ހައި ކޯޓުތޯ މިކަމުގައި އީސީގެ ވަކީލަކީ؟ ޑިސްގަސްޓިން،" ފަނޑިޔާރުކަން ވެސް ކުރައްވާފައިވާ ޖަމީލުގެ އެކްސް ޕޯސްޓްގައިވެ އެވެ.
މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ސޮއިކުރައްވާފައިވާ ނިންމުމުގައި ތިން ސޮފްހާ ހިމެނެ އެވެ.
ރަޖިސްޓްރާ ފުރަތަމަ ބަޔާންކުރައްވާފައިވަނީ ހައި ކޯޓުން އިންތިހާބުތަކާ ގުޅޭ ގޮތުން ހުށަހެޅޭ މައްސަލަތަކުގައި ބަލަން ޖެހޭ ގާނޫނީ ނައްސުތަކެވެ. އެ ގޮތުން:
އިންތިހާބުތަކާއި ފެންނަ ނުފެންނަ ވޯޓުތަކުގައި، އީސީގެ ނިންމުމަކާ މެދު ނުވަތަ ނަތީޖާއާ މެދު ނުވަތަ އިންތިހާބާ ގުޅޭ ނިންމުމެއް ގާނޫނާއި ގަވާއިދާ ހިލާފުވާނަމަ ހައި ކޯޓަށް ހުށަހެޅިދާނެ ކަމަށް ގާނޫނުއަސާސީގެ 172 ވަނަ މާއްދާގައި ބަޔާންކުރާ ބައި
އެފަދަ ޝަކުވާތަކާ މެދު އަމަލުކުރާނެ ގޮތް އިންތިހާބުތަކުގެ ގާނޫނުގައި ކަނޑައަޅަން ވާނެ ކަމަށް ގާނޫނުއަސާސީގެ އެ މާއްދާގައި ބަޔާންކޮށްފައިވޭ
އިންތިހާބުތަކުގެ ގާނޫނުގައި އޮންނަނީ އެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދަކާއި އުސޫލަކާ ހިލާފު އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ، ނުވަތަ ޝަކުވާއަކާ ގުޅިގެން އީސީން ނިންމުމަކާ މެދު ހިތްހަމަނުޖެހޭ ނަމަ ހައި ކޯޓަށް ހުށަހެޅޭނެ
ދެން ފާހަގަކުރައްވާފައިވަނީ ހައި ކޯޓަށް ޕީއެންއެފުން ހުށަހެޅި މައްސާލަގައި ހިމެނޭ ގާނޫނީ ނުކުތާތަކެވެ. އެއީ:
ކައުންސިލް އިންތިހާބަށް ކުރިމަތިލެވޭ މީހުންގެ ޝަރުތުތައް ކައުންސިލް އިންތިހާބުގެ ގާނޫނުގައިވޭ؛ އީފާހުގެ ވެރިފައިޑް 50 އެކައުންޓުން ތާއީދު އޮތްކަން ހުށަހެޅުމަކީ އޭގައި ހިމެނޭ ޝަރުތެއް ނޫން
އިންތިހާބުތަކުގެ އާންމު ގާނޫނުގައި އިންތިހާބަކަށް ކުރިމަތިލާއިރު ހުށަހަޅަން ޖެހޭ މައުލޫމާތުތައް ބަޔާންކޮށްފައި އޮންނައިރު، އީފާސް ބޭނުންކުރުމަށް ކުރި ޝަރުތަކީ އެއާ ހިލާފު ކަމެއްކަން
ރަޖިސްޓްރާ މައްސަލަ ބަލައިނުގަންނަނީ ގާނޫނުގެ އެ މާއްދާތަކާ އީސީގެ ނިންމުން ހިލާފުވާ ގޮތް ގާނޫނީ އަސްލުތަކުގެ މަތީގައި ބުނެދީފައިނުވާތީ ކަމަށް ބުނެ އެވެ.
ގާނޫނާ ހިލާފުވާ ގޮތް އެއްވެސް ވަރަކަށް ބަޔާންނުކުރާ ނަމަ މީގެ ކުރިން ވެސް ހައި ކޯޓުގެ ރަޖިސްޓްރާ މައްސަލަ ބަލައިނުގަންނަން ނިންމާފައިވެ އެވެ. މި ހުށަހެޅުމުގައި ގާނޫނުގައި ނެތް ޝަރުތުތަކެއް ހިމެނުމަކީ ގާނޫނާ ހިލާފްވާ ކަމެއް ގޮތުގައި ކުޑަމިނުން ފާހަގަކޮށްފައިވެ އެވެ.
ޖަމީލުގެ އިތުރުން މިއީ ރަޖިސްޓްރާއަށް މި ގޮތަށް މައްސަލައެއް ބަލައިނުގަންނަން ނިންމުމުގެ އިހުތިސޯސް ނެތް ކަމަށް ވިދާޅުވީ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.
"ރަޖިސްޓްރާގެ މަސްއޫލިއްޔަތަކީ، ވަކިން ހާއްސަކޮށް މި ބާވަތުގެ ދުސްތޫރީ އަދި އިންތިހާބީ މައްސަލަތަކުގައި ފޯމަލިޓީސް ފުރިހަމަވޭތޯ ބަލައި، ފުރިހަމަ ވަންޏާ މައްސަލައިގެ އަޑުއެހުމެއް ތާވަލުކުރުން،" އަހުމަދު އަބްދުﷲ ދީދީ ކުރެއްވި އެކްސް ޕޯސްޓެއްގައިވެ އެވެ.
މީގެ ތަފްސީލާ ގުޅޭ ގޮތުން 'ދައުރު'އާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މި ފަހުން އައިސް ގަވާއިދުތަކުގައި ރަޖިސްޓްރާއަށް ދީފައިވާ ބާރުތައް މުޅިން ސާފުނުވި ނަމަވެސް ވަރަށް ގިނައިން ފާހަގަކުރެއްވި ކަމަކީ ގާނޫނީ އުސޫލުތަކަށް ބަލައިގެން ރަޖިސްޓްރާއަށް މައްސަލަ ބޭރުކުރެވިގެން ނުވާނެ ކަމަށެވެ.
"ރަޖިސްޓްރީ ބަލަން ޖެހޭނީ ފޯމަލިޓީސް އެކަނި. މިސާލަކަށް ހުށަހަޅާފައިވަނީ ހުށަހެޅޭނެ ފަރާތަކުންތޯ އާއި އެ އޮންނަ ޓައިމްލައިންގެ ތެރޭގައިތޯ. އެ ކަހަލަ ފޯމަލިޓީސް ފުރިހަމަނުވަންޏާ ބޭރުކުރަން ޖެހޭނީ. އެހެން ނޫނީ އޭނާ ޖެހޭނީ މައްސަލަ ތާވަލުކޮށް، ފަނޑިޔާރުންނަށް ދެން ހުރި ކަންކަން ދޫކޮށްލަން،" އޭނާ ވިދާޅުވި އެވެ.
އީފާހުގެ މައްސަލައަށް އިޝާރާތް ކުރައްވަމުން ދީދީ ވިދާޅުވީ އޭގައި ގާނޫނީ ބަހުސެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެއީ އިންތިހާބުތަކުގެ ގާނޫނާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގައި ވެސް ނުހިމެނޭ ކަންތައްތަކެއް މިހެން ޝަރުތުކުރުމަކީ އިންތިހާބީ ހައްގާ ގުޅޭ ކަމަކަށް ވާތީ އެވެ. އެއީ ހައްގު ހަނިކުރެވިގެންދާނެ ކަމެކެވެ.
އިންތިހާބަށް ކުރިމަތިލާން ތިބި މީހުންނަށް ކުރިއާލާ ފެންނަން އޮންނާނެ އުސޫލަކީ ގާނޫނެވެ. ގާނޫނުގައި ނެތް އުސޫލެއް ޝަރުތުކުރުމަކީ ހަނިކުރުމެއް ކަމާއި ދުސްތޫރާ ގުޅޭ ބަހުސެއް އޭގައި ހިމެނޭ ކަމީ ގަބޫލުކުރަން ޖެހޭ ކަމެއް ކަމަށް ދީދީ ވިދާޅުވި އެވެ. އެހެންވީތީ ވެސް ރަޖިސްޓްރާ މައްސަލަ ބަލައިގަންނަން ގާނޫނީ ނައްސުތަކަށް ބަލާކަށް ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"އީީސީން ނިންމީ ގާނޫނާ އެއް ގޮތް ކަމެކޭ. މިހެން ނިންމުމުގެ ބާރު އެބައޮތޭ. ނޫނީ ހުށަހެޅުމުން ގާނޫނީ ބުރަދަނެއް ނުފެނެއޭ އީސީއަށް އެ ބާރު ނޯންނަން ކަމުގެ. މި ކަންކަން ޖަސްޓިފައި ކުރަން ޖެހޭނީ ފަނޑިޔާރުން،" ދީދީ ވިދާޅުވި އެވެ.
ހައި ކޯޓުގެ ގަވާއިދަށް ބެލުމުން އެ ކޯޓަށް ލިބިދޭ އިހުތިސޯސް އާއި ހުށަހެޅުމެއްގެ ގާނޫނީ ތަފްސީލަށް ރަޖިސްޓްރާ ބެލުން ހިމަނާފައިވެ އެވެ. މައްސަލައެއް އިސްލާހުކުރުމަށް އެންގުން ނުވަތަ ބަލައިނުގަންނަން ނިންމިދާނެ ހާލަތްތަކުގެ ގޮތުގައި ގަވާއިދުގައިވާ ހާލަތްތަކަކީ:
ދައުވާ ބެލުމުގެ ނުވަތަ ހުށަހެޅިފައިވާ މައްސަލަ ބެލުމުގެ އިހުތިސޯސް ކޯޓަށް ނެތުން
ދައުވާ ފޯމުގައި ނުވަތަ ހުށަހެޅުން ހުށަހަޅާ ފޯމުގައި ހުންނަން ޖެހޭނެ ކަމަށް ބުނެފައިވާ މައުލޫމާތު ނެތުން ނުވަތަ މި ގަވާއިދާ ހިލާފަށް ފޯމު ފުރާފައިވުން
ހުށަހަޅަން ޖެހޭ ފޯމު ނޫން އެހެން ފޯމަކުން މައްސަލަ ހުށަހަޅާފައިވުން
ރަޖިސްޓްރާގެ ނަޒަރުގައި އެ ދައުވާއެއް ނުވަތަ ހުށަހެޅުމެއް ހުށަހަޅާފައިވަނީ ކޯޓުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށް ނުވަތަ ކޯޓުގެ ވަގުތު ނަގާލެވޭ ގޮތަށް ކަމަށް ނުވަތަ މީހަކަށް އުނދަގުލެއް ދިނުމަށް ކަމުގައިވުން
ހައި ކޯޓަށް މައްސަލައެއް ހުށަހެޅުމަށް އޮންނަ މުއްދަތު ހަމަވުމުގެ ފަހުން ހުށަހަޅާފައިވާ ދައުވާއެއް ނުވަތަ މައްސަލައެއް ކަމުގައިވުން
ބެލެވޭ ގޮތުގައި ގާނޫނީ ނައްސުތަކަށް ރަޖިސްޓްރާ ރިއާޔަތްކުރަން ޖެހެނީ އެއީ ކޯޓުގެ އިހުތިސޯސްގައި ހިމެނޭ މައްސަލައެއްކަން ބެލުމަށާއި ކޯޓުގެ ވަގުތު ނަގާލަން ޖެހޭ މައްސަލައެއްތޯ ބެލުމަށެވެ. ގާނޫނާ ހިލާފުވާ ގޮތުގެ ތަފްސީލް ނެތުމުން މައްސަލަ ބަލައިނުގަންނަނީ އެހެންވެ ކަމަށް ބެލެވެ އެވެ.
ނަމަވެސް ދީދީގެ ނަޒަރުގައި އެހެން އެ ގޮތަށް އޮންނަ ނަމަވެސް އެއީ ގާނޫނުއަސާސީއާ ހިލާފަށް އޮތް ކަމެކެވެ.
"އޭރަށް މި ބާވަތުގެ ދުސްތޫރާ ގުޅޭ ގޮތުން އޮތް ހިލާފުތަކުގައި އިންސާފު ލިބުން ވެސް ލަސް މި ވަނީ،" ދީދީ ވިދާޅުވި އެވެ.
ކޮންމެއަކަސް ރަޖިސްޓްރާގެ ނިންމުން މުރާޖައާކުރަން ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅެ އެވެ. ހުށަހަޅައިފި ނަމަވެސް ނިޔާ ކަނޑައެޅުމުގައި އަނެއްކާ ވެސް މި އަންނަނީ ލަސްތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ