ޓްރީ ޓޮޕް ހޮސްޕިޓަލުން ކާމިޔާބުކަމާއެކު ހިތާނީ ކޭމްޕް ނިންމާލައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުން ކޮންމެ އަހަރަކު ކުރިއަށްގެންދާ ޚިތާނީ ކޭމްޕް ޑިސެމްބަރު މަހުން ފެށިގެން ޖެނުވަރީ މަހުގެ ނިޔަލަށް ބޮޑު ކާމިޔާބީއަކާއެކު ނިންމާލައިފިއެވެ. އެ ހޮސްޕިޓަލުން ވަނީ މި ފަހަރުގެ ކޭމްޕުގައި 200 އަށްވުރެ ގިނަ ކުދިން ޚިތާނުކޮށްފައެވެ. އެ ހޮސްޕިޓަލުން ބުނީ މި ކޭމްޕުގެ އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ތަޖުރިބާކާރު ސާޖިކަލް އަދި ޔޫރޮލޮޖީ ޓީމަކުން ކަމަށެވެ. ޖުމްލަ ހަ ޑޮކްޓަރުން ހިމެނޭހެން ކުރިއަށްގެންދިޔަ އެ ކޭމްޕުގައި ބައިވެރިވި ޑޮކްޓަރުންގެ ޓީމުގައި، ޑރ. މޫމިންއާއި ޑރ. އުކްތަމް އަދި ޑރ. ހުސައިންގެ އިތުރުން ޑރ. ޝަރީފާއި ޑރ. އޯޑާ އަދި ޑރ. އުބައިދު ހިމެނެއެވެ. ޑޮކްޓަރުންގެ ޓީމުގެ ފަރާތުން ކުދިންނާއި ބެލެނިވެރިންނަށް ދިން އަޅާލުމާއި އޯގާތެރިކަމުގެ ސަބަބުން، މިއީ ބިރުވެރިކަމެއް ނެތް ހިތްހަމަޖެހޭ ތަޖުރިބާއަކަށް ކުދިންނާއި ބެލެނެވެރީންނަށް ވެގެންދިޔަކަން ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފައެވެ. އެ ހޮސްޕިޓަލުން ވަނީ މި ކޭމްޕަށް ތައާރަފްކުރި ޕެކޭޖަކީ ބެލެނިވެރިންނަށް ލުއިފަސޭހަވާނެހެން ހުރިހާ ޚިދުމަތެއް ހިމެނޭހެން ފަރުމާކޮށްފައިވާ ޕެކޭޖެއް ކަމަށް ބުނެފައެވެ. އެގޮތުން ޚިތާނުކުރުމުގެ ކުރިން ހަދަންޖެހޭ ލެބޯޓްރީ ޓެސްޓުތަކާއި ކޮންސަލްޓޭޝަންތަކުގެ އިތުރުން، އޮޕަރޭޝަން ވަގުތުގެ ހުރިހާ ޚަރަދަކާއި، ބޭނުންވާ ބޭހާއި، އަދި އޮޕަރޭޝަނަށްފަހު ދޭންޖެހޭ ފޮލޯ އަޕް ޚިދުމަތްތައް ޕެކޭޖުގައި ހިމެނޭކަން ވަނީ ފާހަގަކޮށްފައެވެ. އަދި ކޮންމެ ކުއްޖަކަށް ޚާއްޞަ ހަދިޔާއެއް ދީފައިވާއިރު، ހޮސްޕިޓަލުގެ ރޫމް އަޕްގްރޭޑް ކުރުމުގެ ފުރުސަތުވެސް ޚާއްޞަ އަގުތަކެއްގައި ފޯރުކޮށްދީފައި ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފައެވެ. ޓްރީ ޓޮޕުން ބުނީ މި ކޭމްޕަށް ބެލެނިވެރިންގެ ފަރާތުން ލިބުނު ތަރުހީބުގެ ސަބަބުން ކުރިއަށް އޮތް އަހަރުގެ ކޭމްޕް ބޭއްވުމުގެ ތައްޔާރީތައް މިހާރު ފަށާފައި ވާކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ކޭމްޕްގެ ތާރީޚުތައް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ. ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ޚިދުމަތްތައް ތަޢާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ޤައުމުތަކަށް ޞިއްޙީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ޞިއްޙީ ޚިދުމަތުގެ ޚަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ފަރުވާތަކުގެ ޚިދުމަތްތަކާއި އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ