މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވަން ނިކުމެވަޑައިގަންނަވަނީ މީގެ ކުރިން އެ މަގާމުގައި ހުންނަވައިގެން މާލޭ ސިޓީއަށް ހިދުމަތްކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްކެވި މިސާލަކީ ނަމޫނާއެއްކަމަށް ބައްލަވައިގެންކަމަށް ޕީއެންސީގެ މާލޭ މޭޔަރު ކެންޑިޑޭޓު މޭޖާ ޖެނަރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލު ވިދާޅުވެއްޖެއެވެ.
ޖަލީލު މިފަދައިން ފާހަގަކުރެއްވީ އިންތިހާބުގެ ކެމްޕެއިން މަސައްކަތްތައް ރަސްމީކޮށް ފެށުމުގެ ގޮތުން ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ މާލޭގައި ބޭއްވުނު ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި އެވެ. ޖަލީލުގެ ކެމްޕެއިން އޮފީހެއްގެ ގޮތުގައި ހުޅުވާފައިވަނީ މާލޭގައި މީގެ ކުރީން ޕީއެންސީގެ ޖަގަހައެއްގެ ގޮތުގައި ބޭނުންކުރަމުންއައި ކާނިވާ ސަރަހައްދުގައި ހުންނަ ޖަގަހައެވެ.
މިރޭގެ ރަސްމިއްޔާތުގައި ޖަލީލު ދެއްކެވި ވާހަކަފުޅުގައި ވަނީ މޭޔަރަކު ލައިގެން ސިޓީ ކައުންސިލު ހިންގުމުގެ ނިޒާމަށް މާލެ ހިންގަަން 2011 ވަނަ އަހަރު ފެށުނު ފަހުން ދިހަ ވަރަކަށް އަހަރު ފާއިތުވީ މާލޭ ރައްޔިތުންނަށް ކައުންސިލުން އާރުލާ އެކަށީގެންވާ ހިދުމަތްތަކެއް ނުދެވިކަން ފާހަގަކުރައްވައި އެކަން ބަދަލުކުރެއްވީ 2022 ވަނަ އަހަރު މިހާތަނަށް މާލޭ ރައްޔިތުން އެންމެ ގިނަ ވޯޓު ދީގެން މާލެ ސިޓީގެ މޭޔަރުކަމަށް އިންތިހާބުކުރި މޭޔަރު މިހާރުގެ ރައީސް ޑރ.މުޢިއްޒުގެ މޭޔަރު ކަމުގައި ވިދާޅުވެފައި އެވެ.
ޖަލީލުވަނީ މޭޔަރުކަމުގައި މާލޭގެ ހިންގެވުމަށް ރައީސް ގެންނެވި ބަދަލުތަކާއި އެމަނިކުފާނު މަސައްކަތްކުރެއްވި ގޮތް ހުލާސާ ގޮތެއްގައި ވިދާޅުވެދެއްވައި މޭޔަރުގެ ހައިސިއްޔަތުން ރައީސް ކުރެއްވި މުހިއްމު ހިދުމަތްތަކަށް ތައުރީފްކުރައްވާފައި އެވެ. ރައީސްގެ ހިދުމަތްތަކުގެ ލިސްޓު ފާހަގަކުރެއްވުމަށްފަހު ޖަލީލު ވިދާޅުވީ އޭނާ މާލެ ސިޓީ މޭޔަރުގެ މަގާމަށް އިންތިހާބުވެވަޑައިގަތުމުގެ މަސައްކަތްޕުޅަށް ނިކުމެވަޑައިގަތީ ރައީސް ހިންގެވި މަގުން ހިންގެވުމުގެ އަޒުމުގައި ރައީސްގެ ހިދުމަތަކީ ނަމޫނާއެއް ކަމުގައި ބައްލަވަމުން ކަމަށެވެ.
ޖަލީލް ވަނީ މިފަހުން ރައީސް މާލޭ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން އެ ރައްޔިތުންގެ އިހުސާސްތައް އަޑުއެއްސެވުމަށްފަހު، ގައުމީ ހިދުމަތުގައި އެތައް އަހަރެއް ހޭދަކުުރެއްވުމަށްފަހު ގެއަށް ވަދެވަޑައިގަންނަވަންވީތޯ ހިތްޕުޅުގައި ސުވާލު އުފެދުނުކަން ފާހަގަކުރައްވައި ހަށިގަނޑުގައި ބާރުހުރެ، ހިދުމަތުގައި އެތައް ތަޖުރިބާއެއް ލިބިފައިވާއިރު، ރައީސް ޑރ.މުޢިއްޒު ފަދަ ހީވާގީ ލީޑަރެއްގެ ފަހަތްޕުޅުގައި ގައުމަށް ހިދުމަތްކުރުމަށް މިއީ ރަނުގެ ފުރުސަތެއް ކަމަށް ކަމުގައި ދެކެވަޑައިގެން މޭޔަރުގެ މަގާމަށް ކުރިމަތިލައްވަން ނިންމެވީ ކަމަށް ވިދާޅުވެފައި އެވެ.
މޭޔަރުގެ މަގާމަށް ނިކުމެވަޑައިގަތީ ރައީސް މުއިއްޒު މޭޔަރުކަމުގައި ކުރި ހިދުމަތަކީ ނަމޫނާއެއް ކަމުގައި ބަލައިގެން - މޫސާ އަލީ ޖަލީލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ