ކައުންސިލްތަކުގެ ބޭނުމެއް ބާރެއް މިއަދަކު ނެތް

ކައުންސިލުގެ ހުއްދައާއި ނުލާ މަޝްރޫއުތައް ހިންގޭ އިސްލާހެއް މުއިއްޒުގެ މަޖިލިހުން 27 ނޮވެމްބަރ 2025 ގައި ވަނީ ފާސްކޮށްފައެވެ. މި ކަމުން ބުނެދެނީ ސަރުކާރުން ހިންގަން ބޭނުން އެއްވެސް ޕްރޮޖެކްޓެއް ހިންގަން ކައުންސިލްއާއި މަޝްވަރާއެއްކޮށްލާން ވެސް ނުޖެހޭނެކަމެވެ. ނަމަވެސް ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުންނާއި ސަރުކާރުގެ އެތެރޭގެ އިންތިޒާމުތަކުގެ ދޯދިޔާކަމުން އަތޮޅު ތެރޭގައި ހިންގަން ފަށާފައިވާ ގިނަ މަޝްރޫއުތަކެއް ވަނީ ފަސްކުރެވިފައެވެ. މަޑުޖެހިފައެވެ. ހުއްޓިފައެވެ. 
ޕީއެންސީގެ އޮފީސް ހުޅުވި ރަސްމިއްޔާތުގައި 8 ޖެނުއަރީ 2026ގައި ރައީސް މުއިއްޒު ވިދާޅުވި ބަސްކޮޅެއް ހިއްސާ ކޮށްލަން ޖެހެއެވެ. “… ސޮއިކޮށްފައި ހުރި ބައެއް މަޝްރޫއުތައް ފަށައި ނުގަނެވިގެން އުޅެނީ ބިން ހަވާލުނުކޮށްގެން…”ކަމަށް ވަނީ ވިދާޅުވެފައެވެ. މުއިއްޒުގެ ހަނދުމަފުޅުގައި ނެތުނީ އެމަނިކުފާނުގެ ސީދާ ލަފައާއި އިރުޝާދުގެ ދަށުން ފާސްކުރި އިސްލާހުން ކައުންސިލުން ބިމެއް ނުދެއްކިއަސް ބިން ހޯދައިގެން މަޝްރޫއުތައް ހިންގޭ ގޮތަށް ގާނޫނަށް އިސްލާހެއް ހުށަހަޅާ ފާސްކޮށްފައިވާ ކަމެވެ.
އާންމު ހަމައިން ލޯކަލް ކައުންސިލްގެ އިންތިހާބުތަކުގައި ގާތްގަނޑަކަށް ކޮންމެ ރަށަކުންވެސް ބަލަނީ އެ ރަށަކަށް އެންމެ ނަފާ ހުރި ގޮތެކެވެ. އެ މަގުސަދަށް ކައުންސިލްތަކަށް މީހުން ހޮވައެވެ. ޕީއެންސީ އޮފީސް ހުޅުވިރޭ މުއިއްޒު ވިދާޅުވި އަނެއް ވާހަކައަކީ “ ކައުންސިލުތަކުގައި މެމްބަރުން ތިބެނީ ސަރުކާރު ޖަވާބުދާރީ ކުރުވާކަށް ނޫން” ކަމަށެވެ. ބަހުގެ މާނަ ވަރަށް ސާފެވެ. ސަރުކާރުން ކުރާ ކަމަކަށް ޗުއްޕުވެސް ނުބުނެވޭނެކަމެވެ. މަޝްރޫއެއް ކުރިއަށް ނުދާ ސަބަބެއް ނުބެލޭނެކަމެވެ. ސަރުކާރުން ޖަވާބުދާރީ ވާން ނުޖެހޭނެ ކަމެވެ. 
ރާއްޖޭގެ ވެރިކަމުގެ ނިޒާމު އެތުރިފައިވާ ހަމައިން ނަމަ ރައްޔިތުންގެ މަޖިލިހަކީ ހަގީގީ މާނައިގައި ސަރުކާރު ހަމަ މަގުގައި ގެންގުޅޭ އެއް ގުނަވަނެވެ. ނަމަވެސް މުއިއްޒުގެ މަޖިލިހުން ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ ހުއްދަ ކަމެއް ނޫނެވެ. ކައުންސިލްތަކަކީ ރައްޔިތުންގެ ފަރާތުން ސަރުކާރުތަކާއި މަޖިލިސް މެމްބަރުންނާއި ގުޅުވާދޭ ފާލަމެކެވެ. ނަމަވެސް އެ ފާލަމުގެ ބޭނުމެއް ބާރެއް މިއަދަކު ނެތެވެ.
ސަރުކާރު ޖަވާބުދާރީ ކުރުވާނެ ބަޔަކު، ސަރުކާރުގެ އިދާރާއެއްގެ އޯޑިޓެއް ކުރާނެ ބަޔަކު، ސަރުކާރު ތެރެއިން ހިންގާ ކޮރަޕްޝަން ބަލާނެ އިދާރާއެއް ނެތެވެ. މިއަދު ހުރިހާ މުއައްސަސާތަކަކީ ސަރުކާރުގެ ގުނަވަންތަކެކެވެ. ސަރުކާރުގެ ހިންގުމުގެ ނިޒާމާއި މެދު ފާޑު ކިޔަނީ ސަރުކާރާއި ވާދަވެރިންނެއް ނޫނެވެ. ސަރުކާރުގެ ތެރެއިންނެވެ. ކުރުސީއަށް މައުލޫމާތު ދެނީ ސަރުކާރު ތެރެއިންނެވެ. ޕީއެންއެފް އޮފީހުގެ ޖަލްސާ ތަކަށް މައުލޫމާތު ދެނީ ސަރުކާރުގެ ތެރެއިންނެވެ. ހަމަ ގަބޫލުކުރާ ބަޔަކު އަދިވެސް ގައުމުގައި އެބަތިއްބެވެ. ސަރުކާރުގެ ތެރޭގައިވެސް މާޔޫސްކަމުގައި އުޅޭ ބަޔަކު އެބަ ތިއްބެވެ. މަޖިލިހުގައިވެސް އެބަތިއްބެވެ. 
ކުޅުދުއްފުށީ ސިޓީގެ މޭޔަރު ނޫހަކަށް ދިން މައުލޫމާތެއްގައި ސަރުކާރުގެ ހުދުމުހުތާރު ކަމުގެ ވާހަކަ ހާމަ ކުރިއެވެ. ރައީސް މުއިއްޒު އާއި ހަވާލާދީ އެ މަނިކުފާނު ދޮގުހެއްދެވީކަމަށް ވިދާޅުނުވެ ހާމަކުރީ ތިން ކަމެއްގެ ވާހަކައެވެ. އެއީ ހުދު ރައީސަށް ވެސް ރައީސްގެ ބާރުތައް އެނގިވަޑައި ނުގަންނަވާ ވާހަކައާއި، ވަޒީރުން ރައީސްލައްވާ ގަޅި ހައްދަން ނުބައި މައުލޫމާތު ދޭ ވާހަކައާއި ނުވަތަ ހުރިހާ ކަމެއްގެ ހަގީގަތް އެނގިހުރެ ރައްޔިތުންނަށް ދޮގުހަދާ އޮޅުވާލީ ވާހަކައެވެ. 
ޕީއެންސީ އޮފީސް ހުޅުއްވަމުން މި ކުރެއްވީ ކެންޕެއިން ތޯ ނޫނީ ކެމްޕެއިން ފެށުމުގެ ކުރިން ނިންމާލެއްވީތޯ މިއީ އުފެދޭ ސުވާލެކެވެ. ސަރުކާރުގެ ހަލުވި ސްޕީޑު ވާދަވެރި ކެނޑިޑޭޓުން ހޮވައިފިނަމަ މަޑުޖެހޭނެ ކަމަށް ވިދާޅުވުމަކީ އިންޒާރެކެވެ. މަސައްކަތް ހުއްޓާލާނެ ކަމުގެ ފެހި ސިގުނަލެކެވެ. މަޝްރޫއުތަކުގައި ބުރަކި ޖައްސާނެ ބަޔަކު ނުހޮވުމަށް ގޮވާލެއްވީއެވެ. ދެންވެސް އިންޒާރެކެވެ.
ސަރުކާރުގެ މަޖިލިހުން ރައްޔިތުންނަށް ދިނީ ކޮން އެއްޗެއްތޯއެވެ. މާލޭ ސިޓީ ކައުންސިލުގައި ތާވަލުކުރާ މައްސަލަތައް ކުރިއަށް ނުދަނީ ވާދަވެރިންގެ ސަބަބުން ތޯއެވެ. ރަސްމާލެ ބުރިޖު ކުރިއަށް ނުދަނީ ކައުންސިލުގެ ކޮން ނުފޫޒަކުން ތޯއެވެ. ހުޅުމީދޫ ބުރިޖު ނުފަށާ އޮތީ ކޮން ކައުންސިލެއްގެ ސަބަބުން ތޯއެވެ. މާލޭގައި އަޅަން އުޅުނު ޕާކިންގ ބިލްޑިންގތައް މީހަކު ހުއްޓުވީތޯއެވެ. މާލޭގެ މަގުތަކުގައި ބުޅާތައް އުޅެނީ ކައުންސިލްތަކުގެ ސަބަބުން ތޯއެވެ. އެސްއޯއީތަކުން ވައްކަން ކުރަނީ ކައުންސިލްތަކުގެ ސަބަބުންތޯއެވެ. 
ނުވާވަރުގެ ކަންކަމުގެ ވާހަކަ ނުދައްކަވާށެވެ. ވަޒީފާއިން ޒަމީރު ގަތުމުގެ ވިސްނުން ދޮށިވެ ގައިން ބާރު ހިނގައްޖެއެވެ. އަލަށް އިގްތިސާދަށް 400 މިލިއަން ޑޮލަރެއް ނުވަނެވެ. ޑެވެލޮޕްމަންޓް ބޭންކަށް އައްޔަނު ކުރި އެންމެން ފިލައިފިއެވެ. ބޭންކުތަކުގެ ވެރިން އެކަހެރި ވެއްޖެއެވެ. ދައުލަތަށް ލިބޭ އާމްދަނީއަށްވުރެ އިތުރަށް ހަރަދުކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.
6 ބިލިއަން އެއްކުރެވޭނެ ފޯމުއުލާއެއް މިސަރުކާރުގެ ވެރިންގެ ވިސްނުމުގައި ނެތެވެ. 6 ބިލިއަނަކީ ގައުމަށް ބޭނުންވާ އަސާސީ ހިދުމަތް ތަކުގެ އަގެވެ. އެވަރު ނުލިބި ހިންގާ ކޮންމެ ޕްރޮޖެކްޓަކީ މާދަމާގެ ޒުވާނުންގެ ބޮލުގައި އަޅުވާ އިގްތިސާދީ ދަރަންޏެވެ. ދިވެހީންނަކީ ތޫނު ފިލި ބައެކެވެ. ދިވެހިރާއްޖެ ދިރި ދެމި އޮންނާން ވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ