ބޭންކް އޮފް މޯލްޑިވްސްގެ މަސައްކަތް ހަރުދަނާކޮށް ކަސްޓަމަރުންނަށްދޭ ހިދުމަތުގެ ފެންވަރު ހިފަހައްޓާ، ޒަމާނީ އަދި ހަލުވި މަސައްކަތުގެ މާހައުލެއް ގާއިމް ކުރުމަށް އެ ބޭންކުގެ މުވައްޒަފުންނަށް ލުއިތަކެއް ދޭން ނިންމައި، އެ ލުއިތަކަށް އަމަލުކުރަންް ފަށައިފި އެވެ.
ވީ ކިހިނެއް؟ - ބީއެމްއެލް އިން ބުނީ ބޭންކުގެ ޑިޖިޓަލް ގާބިލުކަން އިތުރުކޮށް، މަސައްކަތްތަކުގެ ހިންގުން ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް މިދިޔަ އަހަރު ކޮށްފައިވާނެ ކަމަށެވެ.
މިއީ ކަސްޓަމަރުންނަށްދޭ ހިދުމަތުގެ ފެންވަރު އެންމެ މަތީ މިންގަނޑުގައި ހިފަހައްޓަމުން، ޒަމާނީ އަދި ހަލުވި މަސައްކަތުގެ މާހައުލެއް ބިނާކުރުމަށް ބޭންކުން ކުރަމުންދާ މުހިންމު މަސައްކަތުގެ ތެރެއިން ބަޔެއްކަމަށް ބީއެމްއެލް އިން ބުންޏެވެ.
ތަފްސީލް - ބީއެމްއެލްގެ ތަރުޖަމާނު މުހައްމަދު ސައީދު ވިދާޅުވީ މި ބަދަލާއެކު އެ ބޭންކުގެ މުވައްޒަފުންގެ ދުޅަހެޔޮކަމާއި މަސައްކަތާއި އަމިއްލަ ދިރިއުޅުމުގެ ކަންކަމުގައި ހަމަހަމަކަން ހިފެހެއްޓުމަށް ބާރުއެޅުމަށް މަސައްކަތުގެ އިންތިޒާމުތަކަށް ލުއިދީފައިވާ ކަމަށެވެ.
މިގޮތުން ބޭންކުގެ އޮޕަރޭޝަނަލް މަސައްކަތްތަކަށް ދަތިނުވާނެގޮތަށް، މުވައްޒަފުންނަށް މެންދުރު 3 އިން ފެށިގެން އޮފީހުގެ މަސައްކަތް ނިންމާލުމުގެ އިހުތިޔާރު މި މަހުގެ 1 އިން ފެށިގެން ދީފައިވާނެ ކަމަށް ސައީދު ވިދާޅުވި އެވެ.
މީގެ އިތުރުން ޒަމާނީ ޑިޖިޓަލް ޕްލެޓްފޯމްތަކާއި ރިމޯޓްކޮށް މަސައްކަތްކުރެވޭނެ ވަސީލަތްތަކުގެ އެހީގައި މުވައްޒަފުންނަށް މިހާރު ކޮންމެ ވަގުތަކު އަދި ކޮންމެ ތަނެއްގައި ހުރެގެންވެސް ކަސްޓަމަރުންނަށް ހިދުމަތް ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މީގެ ސަބަބުން ބޭންކިން ހިދުމަތްތައް މެދުނުކެނޑި ލިބިގެންދާނެކަން ކަށަވަރުކުރެވޭނެ،" ސައީދު ވިދާޅުވި އެވެ.
މިއާއެކު:
ކަސްޓަމަރުންނަށް މެދުނުކެނޑި ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި އޮފީހުގައި ތިބެންޖެހޭ މުވައްޒަފުން އެއްވެސް މެދުކެނޑުމެއް ނެތި އެގޮތުގައި މަސައްކަތް ކުރުމުގެ އިހުތިޔާރުދީފައިވާނެ
ބޭންކުގެ ހިންގުމަށް ގެނައި މި ބަދަލުތަކުގެ ސަބަބުން ކަސްޓަމަރުންނަށް ހިދުމަތްދޭ ގަޑިތަކަށް އެއްވެސް ބަދަލެއް ނާންނާނެ
ކަސްޓަމަރުންނަށް ލިބޭ މަތީ ފެންވަރުގެ ހިދުމަތާއި ލުއިފަސޭހަކަން ކުރިއެކޭ ވެސް އެއްގޮތަށް ލިބޭނެ
މި ބަދަލާއެކު ބޭންކުގެ ހިންގުން އިތުރަށް ހަރުދަނާވެ، ހަރަދުތައް ކުޑަވެގެންދާނެކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލްގެ މަސައްކަތް ހަރުދަނާކޮށް މުވައްޒަފުންގެ މަސައްކަތަށް ލުއިތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ