ވެރިކަން ކުރާ ޕީއެންސީއަށް ޖޯކު ޖަހާނަމަ، މަރާލާނެ ކަމަށް ބުނެ އަދަދު ނޫހުގެ ސީއީއޯ، ހުސެއިން ފިޔާޒު މޫސާއަށް މީހަކު މަރުގެ އިންޒާރު ދީފި އެވެ.
ރޭ ދަންވަރުގެ ވަގުތެއްގައި ފިޔާޒުއަށް މަރުގެ އިންޒާރު ދީފައި ވަނީ ކާކުކަން ނޭނގޭ ގޮތަށް ފޭސްބުކް ގައި ހިންގާ އެކައުންޓަކުންނެވެ. 'ޔޫސުފް އާސް' ގެ ނަމުގައި ހިންގާ ފޭސްބުކް އެކައުންޓުން ރޭ ދަންވަރު 3:30 ގައި ފިޔާޒުއަށް މެސެންޖާއިން ފޮނުވި މެސެޖުގައި އިންޒާރުދީ ބުނެފައި ވަނީ ޕީއެންސީއަށް ޖޯކު ޖަހާނަމަ މަރާލާނެ ކަމަށެވެ.
"ކަލޭ މަރާލާނަން ޕީއެންސީއަށް ޖޯކު ޖަހާނަމަ، ކަލޭ މަރާލާނަން،" ފިޔާޒުއަށް ފޮނުވި މެސެޖުގައި ބުންޏެވެ.
ފިޔާޒުއަށް ދިން މަރުގެ އިންޒާރު
މިއީ މި ވެރިކަން ފެށުނުފަހުން، ފިޔާޒުއަށް އިންޒާރުދީ ބިރުދެއްކި ތިންވަނަ ފަހަރެވެ. މީގެ ކުރިން މަގުމަތިން ވެސް ފިޔާޒުއާ މީހަކު ދިމާކޮށް ވަނީ އިންޒާރުދީފަ އެވެ. އެ މައްސަލައާ ގުޅިގެން ފިޔާޒުއަށް ނުރައްކާ އޮތް މިންވަރު ދެނެގަތުމަށް ފުލުހުން އެސެސްމެންޓެއް ކުރިއަށް ގެންދިޔުމަށްފަހު އޭނާއަށް ސެކިއުރިޓީ ވެސް ދީފައިވެ އެވެ.
އޭގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވެސް ވަނީ ފިޔާޒުއަށް ފޯނުން ގުޅުއްވައި އިންޒާރު ދެއްވައި ބިރުދައްކަވައިފަ އެވެ.
ފިޔާޒުއަށް ރައީސް މުއިއްޒު ފޯނުން ގުޅުއްވައި ބިރު ދެއްކެވީ މާޗު 14، ގެ އިރާކޮޅު 19:04 ގަ އެވެ. ފިޔާޒުއަށް ގުޅުއްވައި ރައީސް އިންޒާރު ދެއްވީ އެމްޑީޕީގެ އެއްވުމެއްގައި އެ ޕާޓީގެ މެންބަރަކު ރައީސްގެ އާއިލާ ބޭފުޅަކާ ބެހޭގޮތުން ދެއްކި ވާހަކައާ ގުޅިގެން ކޯފާ އިސްކުރައްވަ އެވެ.
މިނެޓެއްހާ އިރަށް ދިގުދެމިގެންދިޔަ އެ ފޯނު ކޯލުގައި ފިޔާޒުއަށް ރައީސް އިންޒާރު ދެއްވީ އަދަދު ނޫހާއި ފިޔާޒު އާމެދު އެޅުއްވެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅުއްވާނެ ކަމަށް ވިދާޅުވެ އެވެ.
އަދަދު ނޫހުގެ ނޫސްވެެރިންނަށާއި ފިޔާޒުއަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެ ރައީސް ތިން ފަހަރު ފިޔާޒުއަށް އިންޒާރު ދެއްވި އެވެ.
"ތިންވަނަ ފަހަރަށް މި ބުނަނީ، އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން،" ފޯނު ބޭއްވެވުމުގެ ކުރިން ރައީސް ވިދާޅުވި އެވެ.
އެ މައްސަލަ ވެސް އޭރު ފުލުހުންގެ މުއައްސަސާއަށް ހުށަހެޅި އެވެ. އެހެންނަމަވެސް، އެ މައްސަލަ ތަހުގީގުކޮށް ނިންމުމަށްފަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން ހެކި ނެތް ކަމަށް ބުނެ، އެ އޮފީހުން ނިންމީ އެ މައްސަލައިގައި ދައުވާ ނުކުރުމަށެވެ.
ޕީއެންސީއަށް ޖޯކު ޖަހާނަމަ މަރާލާނެ ކަމަށް ބުނެ އަދަދުގެ ސީއީއޯ ފިޔާޒުއަށް އިންޒާރު ދީފި ޕީއެންސީއަށް ޖޯކު ޖަހާނަމަ މަރާލާނެ ކަމަށް ބުނެ އަދަދުގެ ސީއީއޯ ފިޔާޒުއަށް އިންޒާރު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ