ބިދޭސީ މީހާގެ މަރުގެ މައްސަލައިގައި ސްރީލަންކާ މީހަކު ހައްޔަރުކޮށްފި ބިދޭސީ މީހާގެ މަރުގެ މައްސަލައިގައި ސްރީލަންކާ މީހަކު ހައްޔަރުކޮށްފި

ކ. ތިލަފުށިން ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނުނު ބިދޭސީ މީހާގެ މައްސަލައިގައި ސްރީލަންކާ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ތިލަފުށި ވެމްކޯ ސައިޓުގައި މަސައްކަތްކުރާ އަމީން މިއާ، 24، މަރުވީ ޖެނުއަރީ 26، ގެ މެންދުރުގެ ވަގުތެއްގައި ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި ކޮންނަބޯޓަކުން ކުނި ނެގުމުގެ މަސައްކަތް ކުރަމުންދަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓިގެން ކަމަށެވެ.
ކޮންނަ ބޯޓުން ކުނިތައް އެތަނުގެ ކައިރިން އެހެން ދިމާލަކަށް ބަދަލުކުރުމުގެ ތެރޭގައި އަމީން މިއާގެ ހަށިގަނޑާއެކު ކުނިތައް ބަދަލުކުރެވި، އޭނާ ގައިމައްޗަށް ކުނިތަކެއް އެޅުނު ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ކޮންނަ ބޯޓު ދުއްވަން ހުރި 32 އަހަރުގެ ސްރީލަންކާ މީހާ އެވެ.
ހާދިސާ ހިނގި ސަރަހައްދުގެ ސީސީޓީވީން ފެންނަ ގޮތުގައި ކޮންނަ ބޯޓުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް، ހުއްޓުމެއް ނެތި މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައި ކަމަށް ފުލުހުން ބުންޏެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި އަމީން މިއާ ގެއްލުނުކަން ވެމްކޯއިން ފުލުހުންނަށް ރިޕޯޓްކުރީ ދެ ދުވަސް ފަހުންނެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ރިޕޯޓްކުރި ދުވަހު ހޯދުމުގެ މަސައްކަތް ކުރަނިކޮށެވެ.
އެކަމުގެ މައުލޫމާތު އެނގޭ މީހަކު އަދަދު އަށް ބުނީ އެ ބިދޭސީ މުވައްޒަފު ނިދަން ނާންނާތީ ކަންބޮޑުވެގެން ތިލަފުށީގެ ވެމްކޯ މެނޭޖަރުގެ ސަމާލުކަމަށް ވެސް އެކަން ގެނައި ކަމަށާއި އެކަމަކު އޭރު އޭހާ ސީރިއަސްކޮށް އެކަންތައް ނުނަގާ ކަމަށެވެ.
"އެ މީހުންގެ މީހެއް ނެތިއްޔާމުން އެމީހުންގެ ޝަކުވާތައް އަންނާނެތާ އެމީހާ ނުފެނި. އެމީހާ ފޯނަށް ގުޅޭ. އެމީހާ ނުއެއް ފެނޭ. ނިދާކަށް ވެސް ނާދޭ. އެމީހުންގެ ޝަކުވާ ބޮޑުވެގެން ތިލަފުށީގެ އެމީހުންގެ [ވެމްކޯ] ގެ މެނޭޖަރަށް އެންގި ކަމަށްވޭ. އޭތި އެހާ ސީރިއަސް އިޝޫއެއް ގޮތަށް ނުއެއް ނަގާ،" އޭނާ ބުންޏެވެ.
އޭނާ ގެއްލުނުކަން ވެމްކޯއިން ފުލުހުންނަށް ރިޕޯޓުނުކޮށް ލަސްކުރީ ކީއްވެގެން ކަމެއް މިހާތަނަށް ސާފުނުވާއިރު، އެކަމާ ގުޅިގެން ވެމްކޯގެ ބަހެއް ވެސް މިހާތަނަށް ލިބިފައެއްނުވެ އެވެ. އޭނާ ގެއްލުނުކަން ރިޕޯޓު ނުކޮށް ލަސްކުރުމުން އެކަމަށް ގިނަބައެއްގެ ފަޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި އިތުރު މައުލޫމާތު ލިބުމުން މީޑިއާތަކާ ހިއްސާ ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ