އިނގިރޭސިވިލާތުގެ ކުރީގެ ވަޒީރަކު އެޕްސްޓީންއާ ގުޅޭ އާ ތުހުމަތުތަކާ އެކު ޕާޓީން ވަކިވެއްޖެ

ކުޑަކުދިންނާ ބެހުމާއި ނުފޫޒު ގަދަ ބޭފުޅުންނަށް އެކަން ފަހިކޮށްދިން އެމެރިކާގެ ޖެފްރީ އެޕްސްޓީންއާ އޮތް ގުޅުން އިތުރަށް ހާމަވުމާ ގުޅިގެން، އިނގިރޭސިވިލާތުގައި ވެރިކަން ކުރާ ލޭބާ ޕާޓީއަށް އިތުރު ލަދުވެތިކަމެއް ކުރިމަތިކުރުވަން ބޭނުންނުވާ ކަމަށް ވިދާޅުވެ، އިނގިރޭސިވިލާތުގެ ކެބިނެޓުގެ ކުރީގެ ވަޒީރު ޕީޓާ މަންޑެލްސަން އެ ޕާޓީން އިއްޔެ އިސްތިއުފާދެއްވައިފި އެވެ.
އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މަންޑެލްސަން އިސްތިއުފާ ދެއްވީ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އާންމުކުރި ފައިލްތަކެއްގައި ހިމެނޭ އާ ތުހުމަތުތަކަކާ ގުޅިގެންނެވެ.
ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޕާޓީއަށް ފޮނުއްވި ސިޓީގައި މަންޑެލްސަން ވިދާޅުވެފައިވަނީ އެޕްސްޓީންގެ މައްސަލައިގެ ތެރެއަށް އަލުން އޭނާގެ ނަން ވަނުމަކީ ހިތާމަކުރައްވާ އަދި އެކަމަށް މައާފަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.
އޭނާ ލިޔުއްވާފައިވާ ގޮތުގައި، އެޕްސްޓީންގެ ފަރާތުން އޭނާއަށް ފައިސާގެ އެހީތަކެއް ލިބުނު ކަމަށް ބުނާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެކަން ތަހުގީގު ކުރައްވަން ގަސްދުކުރައްވާ ކަމަށެވެ. ނަމަވެސް، ލޭބާ ޕާޓީގެ ނަމަށް ގެއްލުންވިޔަ ނުދިނުމަށްޓަކައި މަގާމުން ވަކިވެވަޑައިގަތުމަށް ނިންމެވީ ކަމަށް އޭނާ ވިދާޅުވި އެވެ.
މަންޑެލްސަން އާއި އެޕްސްޓީންއާ ދެމެދު އޮތް ގުޅުންތަކެއް މީގެ ކުރިން ހާމަވުމާ ގުޅިގެން، މިދިޔަ އަހަރު ބޮޑުވަޒީރު ކިއަރު ސްޓާމާ ވަނީ އިނގިރޭސިވިލާތުން އެމެރިކާއަށް ކަނޑައަޅާފައި ހުންނަ ސަފީރުގެ މަގާމުން އޭނާ ވަކިކުރައްވާފަ އެވެ. އެފަހަރު ހާމަވި ސިޓީއެއްގައި މަންޑެލްސަން ވަނީ އެޕްސްޓީންއަކީ އޭނާގެ "އެންމެ ގާތް އެކުވެރިޔާ"ގެ ގޮތުގައި ސިފަކުރައްވާފަ އެވެ.
ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާއާ އެކު 1990ގެ އަހަރުތަކުގެ ތެރޭގައި ލޭބާ ޕާޓީއަށް އިންތިހާބީ ކާމިޔާބީތައް ހޯދައިދިނުމުގައި އިސް ދައުރެއް އަދާކުރެއްވި މަންޑެލްސަންއަކީ ސިޔާސީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. 
މީގެ ކުރިން ވެސް އޭނާ ވަނީ ދެ ފަހަރެއްގެ މަތިން ކެބިނެޓުގެ މަގާމުތަކުން އިސްތިއުފާ ދެއްވާފަ އެވެ. އެއީ 1998 ވަނަ އަހަރު ގެއެއް ގަތުމަށް ނެންގެވި ލޯނެއްގެ މައްސަލައިގަ އާއި 2001 ވަނަ އަހަރު ޕާސްޕޯޓާ ގުޅޭ މައްސަލައެއްގަ އެވެ.
ނަމަވެސް ފަހުން އޭނާ ވަނީ އެ މައްސަލަތަކުން ބަރީއަވެވަޑައިގެންފަ އެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ޓްރޭޑް ކޮމިޝަނަރުކަން ވެސް ކުރައްވާފައިވާ މަންޑެލްސަން މިހާރު ހުންނެވީ އިނގިރޭސި ޕާލަމަންޓުގެ މަތިގެ، ހައުސް އޮފް ލޯޑްސްގެ މެންބަރުކަމުން ޗުއްޓީއެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ