ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕްކުރުން: ނުރައްކާ ވަރަށް ބޮޑު

ޕެންޝަން ބޯޑުގެ ޗެއާމަން ކުރީގެ ފިނޭންސް މިނިސްޓަރު، އަހުމަދު އިނާޒު އެ މަގާމުން އިސްތިއުފާ ދެއްވީ ޕެންޝަން ބޯޑާއި މަރުކަޒީ ބޭންކް، އެމްއެމްއޭ ބޭނުންކޮށްގެން ސަރުކާރުން ފައިސާ ޗާޕްކުރުން ކުރާ މަސައްކަތާ ދެކޮޅު ހެއްދެވުމުގެ ގޮތުންނެވެ. އޭނާގެ އިސްތިއުފާގެ ސަބަބުތައް ހާމަކުރައްވާ އެކްސްގައި ލިޔުއްވި ގޮތުގައި، "އެމްއެމްއޭ މެދުވެރިކޮށް ސަރުކާރުގެ ހަރަދުތަކަށް ފައިސާ ހޯދުމަކީ މި ހާލަތުގައި އިގްތިސާދަށް ގެއްލުން ބޮޑު ނިންމުމަކަށް" ވާނެ އެވެ. 
އިނާޒު އެ ވިދާޅުވާ އިގްތިސާދީ ބޮޑު ގެއްލުމަކީ ކޮބައި ހެއްޔެވެ؟ 
ސަރުކާެރުން ބޭނުން ވަނީ ސަރުކާރުގެ ހަރަދުތަކަށް ފައިސާ ހޯދުމަށް ޕެންޝަން ފަންޑުން މީގެ ކުރިން ގަނެފައި ހުރި ސަރުކާރުގެ 2.4 ބިލިއަނެއްހާ ރުފިޔާގެ ޓީބިލް މަރުކަޒީ ބޭންކް، އެމްއެމްއޭން ގަނެ އަނެއްކާ ވެސް އެ ފައިސާއިން ޕެންޝަން ފަންޑުން ސަރުކާރުގެ އިތުރު ބޮންޑެއް ގަތުމަށެވެ. އިނާޒު، އިންޒާރު އެ ކުރެއްވީ އެ މުއާމަލާތުގެ ސަބަބުން އިގްތިސާދަށް ކުރިމަތިވެދާނެ ބޮޑެތި ނުރައްކާތަކަށެވެ. 
ސަރުކާރުގެ ދަރަނި މަރުކަޒީ ބޭންކުން ގަނެ އަލުން އާ ކުރުމުގެ މިފަދަ މުއާމަލާތްތަކަށް އިގްތިސާދީ ގޮތުން ކިޔަނީ ކުއަންޓިޓޭޓިވް އީޒިން ނުވަތަ ކިޔުއީ އެވެ. ކިޔުއީ ފުރަތަމަ ބޭނުންކޮށްފައި ވަނީ 2001ގައި ޖަޕާނަށް ކުރިމަތިވީ އިގްތިސާދީ ހަނަފަސްކަމުން އަރައިގަންނަން އެ ގައުމުގެ މަރުކަޒީ ބޭންކް، ބޭންކް އޮފް ޖަޕާނުންނެވެ. 
ސުވާލަކީ ރާއްޖޭގައި މި އޮތީ ކިއުއީ ބޭނުންކުރަން ޖެހޭ ހާލަތެއް ހެއްޔެވެ؟
މިވަގުތު ރާއްޖޭގެ އިގްތިސާދުގެ ހާލަތަކީ ސަރުކާރުގެ ހަރަދުތައް އިގްތިސާދުގައި ނެތް ހަކަތައަކުން އިތުރުވެފައިވުމުން ދައުރުވާ ބޭރު ފައިސާ ނުވަތަ ޑޮލަރަށް ވުރެ އިގްތިސާދުގައި ހުރި ދިވެހި ރުފިޔާ ގިނަވެ ރުފިޔާގެ އަގު ރެކޯޑް އަދަދަކަށް ވެއްޓުމެވެ. ނަތީޖާއަކީ، ތަކެތީގެ އަގުތައް ނުވަތަ އިންފްލޭޝަން އަންދާޒާތަކަށް ވުރެ ވެސް މައްޗަށް އުފުލެމުން ދިޔުމެވެ.
ސަރުކާރުގެ ހަރަދުތައް ފޫބައްދަން ނަގާ ދަރަނި ބޮޑުވެ އިގްތިސާދީ މަސައްކަތަކަށް ފައިސާ ނެތި ދަރަނި ދެއްކުން ނޫން ކަމެއް ނުކުރެވޭނެފަދަ ހާލަތެއް ވަނީ ރާއްޖެއަށް ކުރިމަތިވެފަ އެވެ. މިދިޔަ އަހަރުގެ ބަޖެޓުގެ ހަރަދުތައް ބެލުމުން ފެންނަ ބޮޑު މަންޒަރަކީ އެއީ އެވެ. 
އިގްތިސާދީ ދާއިރާގެ ބޭފުޅުންގެ ނަޒަރުގައި މިއީ ސަރުކާރުގެ ބޭކާރު ހަރަދު ހުއްޓައި އިގްތިސާދު ދޮންބޮޑުވުމުން ސަލާމަތް ކުރަންވީ ވަގުތެވެ. ސަރުކާރުން ހަރަދުކުރުމުގައި މުއްބާރު ކުރަންވީ ވަގުތެވެ. ރައްޔިތުންނަށް އެކަމުގެ ތުރާ ކޮންމެ ވެސް ވަރަކަށް ކުރިމަތިވިޔަސް އެކަން ކުރަން ޖެހެ އެވެ. ސަރުކާރުގެ ހިތްވަރުކޮށްފައި ހަގީގަތް ބުނެދޭން ޖެހެ އެވެ. އިގްތިސާދު އޮތް ގޮތުން ކުރިމަތިވާ ދަތިތައް ރައްޔިތުންނަށް އިހުސާސްވާން ޖެހެ އެވެ. 
ސަރުކާރުން، މަރުކަޒީ ބޭންކް މެދުވެރިކޮށް ޕެންޝަން ފަންޑު ބޭނުންކޮށްގެން 2.4 ބިލިއަން ރުފިޔާގެ ބޮންޑު ގަތުމަށް މަސައްކަތް ކުރަނީ، އިގްތިސާދީ އުފެއްދުންތެރިކަން އިތުރުކުރާނޭ މަސައްކަތެއް ކުރާކަށް ނޫނެވެ. ދުވަހުން ދުވަހަށް ކުރަން ޖެހޭ ރިކަރަންޓް ހަރަދު، މިސާލަކަށް މުސާރަ ދިނުން ފަދަ ކަންކަމަށް ބޭނުން ކުރުމަށެވެ.
ސިޔާސީ ބޭނުމަށް މުވައްޒަފުން ނަގައި ކުންފުނިތައް ވަނީ ފުރާލައިފަ އެވެ. ކައުންސިލް އިންތިހާބާ ދިމާކޮށް އިތުރަށް މުވައްޒަފުން ނަގަނީ އެވެ. އުމްރާނީ ތަރައްގީގެ ނަމުގައި، އިގްތިސާދީ މަންފާއެއް އިތުރު ނުވާނޭ އެތައް އާ މަޝްރޫއުތަކެއް ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުން އެ ގެންދަނީ ސޮއިކޮށް ފެށުމަށް ތައްޔާރުވަމުންނެވެ.
ހަރަދު ކުޑަކުރުމަށް މިދިޔަ އަހަރު އިއުލާންކުރި އެއްވެސް ކަމެއް ސަރުކާރަކުން ނުކުރެ އެވެ. އެންމެ ތަންކޮޅެއް ވެސް ހަރަދު ކުޑަނުކޮށް ސަރުކާރުގެ އަމާޒު ހުރީ ހޯދުނު ތަނަކުން ހޯދުނު ގޮތަކަށް ފައިސާ ނަގައިގެން ހަރަދުތައް ކުރަމުން ދިޔުމަށެވެ. ނަތީޖާއަކީ، އިގްތިސާދަށް ކުރިމަތިވެފައި ހުރި މައްސަލަތައް އިތުރަށް ބޮޑުވުމެވެ. 
ޕެންޝަން ފަންޑުގެ ވެރިން އެކަމާ ދެކޮޅު ހައްދަވާ އެންމެ ބޮޑު ސަބަބަކީ އެއީ އެވެ. ސަރުކާރުގެ ހަރަދުތައް ކުޑަނުކޮށް އަނެއްކާ ވެސް ރުފިޔާ އިގްތިސާދުގެ އިތުރުވާނޭ ގޮތަށް، ޕެންޝަން ފަންޑުން ސަރުކާރުގެ ހަރަދުތައް ކުރުމަށް ވަލު ދޮރާއްޓަކުން ފައިސާ ހޯދައިދޭން އެބޭފުޅުން ބޭނުން ނުވަނީ އެވެ. އިނާޒުގެ އިސްތިއުފާ ގުޅިފައި އޮތީ އެ ބިރާ އެވެ. 
އިތުބާރު ހުރި މަސްދަރުތަކުން، 'ދައުރު'އަށް ކަށަވަރުކޮށްދިން ގޮތުގައި ޕެންޝަން އޮފީހުގެ ވެރިން ފިނޭންސް މިނިސްޓްރީ އާއި ސީދާ ރައީސް މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައި މި މުއާމަލާތަށް އެއްބަސްވާނެ ޝަރުތުތަކެއް ހުށަހަޅުއްވަން މަސައްކަތްކުރެއްވި އެވެ. އެއީ: 
އެކްސްޕޯޓް އިތުރުވާނޭ ފަދަ އިގްތިސާދީ އުފެއްދުންތެރިކަން އިތުރުވާނޭ ކަމަކަށް އެ ފައިސާ ހަރަދުކުރާނޭ ކަމުގެ ޔަގީންކަން ހޯދުން
އެ މުއާމަލާތާ އެކު ސަރުކާރުގެ ހަރަދުތައް ކުޑަކުރަން އަޅާނޭ ފިޔަވަޅުތަކާއި ދިވެހި ރުފިޔާގެ އަގު ހިފަހައްޓަން އަޅާ ފިޔަވަޅުތަކުގެ ޔަގީންކަން ހޯއްދަވަން މަސައްކަތް ކުރެއްވި 
އެހެން ނަމަވެސް، ރައީސް މުއިއްޒު ޕެންޝަން އޮފީހުގެ ވެރިންނާ ބައްދަލުނުކުރައްވައި ފޯނުން ގުޅުއްވައި މުއާމަލާތަށް ރުހުން ދެއްވަން އެދިވަޑައިގަތްކަން ވަނީ އެނގިފަ އެވެ. 
އިއްޔެއަށް ތާވަލްކޮށްފައި އޮތް ޕެންޝަން އޮފީހުގެ ބޯޑް ބައްދަލުވުމުގައި އޮތީ އެ މައްސަލައިގައި ގޮތެއް ނިންމުމެވެ. އެކަމަކު، އޭގެ ކުރިން އިނާޒު އިސްތިއުފާ ދެއްވީ އެވެ.
އެ މުއާމަލާތުގެ ކަންކަން އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި ގޮތުގައި އިނާޒު މަސައްކަތް ކުރެއްވީ އިގްތިސާދު ނުރައްކަލުން ސަލާމަތް ކުރެއްވޭނޭ ގޮތަކަށް އެ މުއާމަލާތް ހިންގެވޭނޭ މަގެއް މަޝްވަރާއިން ހޯއްދަވާށެވެ. އެކަމަކު، އެކަން ސަރުކާރުގެ ތެރޭންނާއި ޕެންޝަން އޮފީހުގެ ބޯޑުގެ ތެރެއިން ނުވާނޭކަން ކަށަވަރުވުމުން އޭނާ އިސްތިއުފާ ދެއްވީ އެވެ. 
ބޯޑުގައި ތިއްބެވި އަމިއްލަ ވިޔަފާރިތައް ތަމްސީލްކުރައްވާ ބޭފުޅުންގެ ކިބައިން ވެސް އިނާޒަށް ތާއީދެއް ލިބިވަޑައެއް ނުގެންނެވި އެވެ. ނިންމުމުގެ އިގްތިސާދީ ނުރައްކާ ވިސްނައިދެއްވަން މަސައްކަތް ކުރެއްވި ނަމަވެސް، އެބޭފުޅުން ވެސް ތިއްބެވީ ސަރުކާރުން ބުނިހާ ގޮތަކަށް ދީލައިލައްވައިގެންނެވެ. އެހެންވެ، އިނާޒަށް ޖެހިވަޑައިގެންނެވީ އަމާން ދެއްވާށެވެ. އޭނާގެ ޒަމީރު ގަބޫލުނުކުރާ ކަމެއް ކުރައްވަން ބޭނުންނުވީ އެވެ. 
ސަރުކާރުގެ ހަރަދުތަކަށް އެންމެ ގިނައިން ޓީބިލާއި ބޮންޑް ގަނެފައިވާ ފަރާތަކީ ޕެންޝަން ފަންޑެވެ. ގާތްގަނޑަކަށް ސަރުކާރުގެ ޓީބިލްތަކަށް ޕެންޝަން ފަންޑުން 25 ބިލިއަނެއްހާ ރުފިޔާ އިންވެސްޓްކޮށްފައިވެ އެވެ. 
ޕެންޝަން އޮފީހުގެ ވެރިންގެ ކަންބޮޑުވުމަކީ ސަރުކާރުން ހަރަދުކުރުން މަޑު ޖައްސާލުމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތްއިރު 2.4 ބިލިއަން ރުފިޔާގެ ބޮންޑެއް މިގޮތަށް ކިއުއީ އޮޕަރޭޝަނެއްގެ ތެރެއިން ރޯލްއޯވާކުރުމަކީ ފެށުމަކަށް ވެދާނެތީ އެވެ. އެ މުއާމަލާތަށް އާ އެކޭ ބުނެފި ނަމަ، 25 ބިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން އެކަން ތަކުރާރުކޮށްފާނެ އެވެ. 
މައުލޫމާތު އެނގޭ ފަރާތަކުން، ނަން ނުޖަހާ ގޮތަށް ކިޔައިދިން ގޮތުގައި އިނާޒަށް އެ މުއާމަލާތަށް އާއެކޭ ވިދާޅުނުވެވުނު އެއް ސަބަބަކީ އެއީ އެވެ. ހަރަދުކުރަން ފައިސާ ހޯދަން ސަރުކާރުން ފެންބޮވައިގެންފައި އޮތް އިރު އެކަންކޮށްފި ނަމަ، މިއީ ސަރުކާރަށް ފައިސާ ހޯދަން ހުޅުވައިދެވޭ މުޅިން އާ ދޮރެކެވެ. 
އިނާޒު އެދިވަޑައިގެންނެވީ ވަލު ދޮރާއްޓެއް ހުޅުވައިގެން ސަރުކާރުގެ ހަރަދުތަކަށް ފައިސާ ނުހޯދާ މާލީ ނިޒާމުގެ ތެރެއިން އާންމު އުސޫލުން ހަރަދުތަކަށް ފައިސާ ހޯއްދެވުމަށެވެ. އެއީ، ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަން މަޖުބޫރު ކުރާ ފައިސާގެ އަދަދު މަދުކޮށް ޓީބިލާއި ބޮންޑު ބޭންކުތަކަށް ވިއްކައިގެން އާންމު ބާޒާރުން އެ ފައިސާ ހޯދުމެވެ. އެކަމަކު، އެގޮތަށް ވެސް ސަރުކާރަށް އެއްބަހެއް ނުވެވުނެވެ. 
މިހާރު ސަރުކާރުން ބޭނުންވާ ގޮތަށް 2.4 ބިލިއަން ރުފިޔާގެ ބޮންޑު ޕެންޝަން އޮފީހުން ގަނެފި ނަމަ އޭގެއިން ނިކުންނާނޭ އިގްތިސާދީ ބޮޑެތި މައްސަލަތަކާ އެކު ޕެންޝަން ފަންޑުގައި ރައްކާކޮށްފައި ހުރި އާންމު މީހާގެ ފައިސާއަށް ނޭދެވޭ އަސަރު ކުރާނެ އެވެ. ފައިސާގެ ބައެއް ގެއްލޭނެ އެވެ. ނުވަތަ އަގު ދަށްވާނެ އެވެ. 
އާންމުކޮށް ޕެންޝަން ފަންޑުގައި ކޮންމެ މީހެއްގެ ރައްކާކޮށްފައިވާ ފައިސާގެ ގޮތުގައި ހުރީ އެވްރެޖްކޮށް 123،000ރ. އެވެ. މި މުއާމަލާތުގެ ސަބަބުން ކުރިމަތިވާ އިގްތިސާދީ މައްސަލަތަކާ އެކު ދިވެހި ރުފިޔާގެ އަގު ވެއްޓި އެ އަދަދުން %30-40 މަދުވުމުގެ ނުރައްކާ އެބަ އޮތެވެ. އޭގެ މާނައަކީ ކޮންމެ މީހެއްގެ ޕެންޝަން ފަންޑުން 52،000ރ. ގެއްލި، ކޮންެމެ މީހެއްގެ އެކައުންޓުގައި ހުރި ފައިސާގެ އަދަދު 72،000ރ. އަށް މަދުވުމެވެ. 
ކޮވިޑްގެ ބަލިމަޑުކަމާ ވިދިގެން 2020ވަނަ އަހަރު ގާނާގައި ކިއުއީ މުއާމަލާތްތައް މެދުވެރިކޮށް އިގްތިސާދަށް ދިރުން ގެންނަން އެ ގައުމުގެ އިދާރާތަކުން މަސައްކަތްކުރި އެވެ. އެހެން ނަމަވެސް އޭގެ ނަތީޖާ އެ ގައުމުގައި ފެނުނީ ވަރަށް ހިތިކޮށެވެ.
ތަރައްގީވަމުން އަންނަ ގައުމުތަކުން ބަޖެޓު ޑެފިސިޓް ފޫބެއްދުމަށްޓަކައި ކިއުއީ ބޭނުންކުރުމަކީ ކިހާ ނުރައްކާތެރި ކަމެއްކަން ގާނާގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހާލަތުން ވަރަށް ރަނގަޅަށް ބުނެދެ އެވެ.
ދައުލަތުގެ ދަރަނި ބޮޑުވެ ބައިނަލްއަގުވާމީ މާލީ ބާޒާރުތަކުން ފައިސާ ހޯދުމަށް އެގައުމަށް ދަތިވުމުން އެ ގައުމުގެ މަރުކަޒީ ބޭންކް، ބޭންކް އޮފް ގާނާއިން ނިންމީ 'މަނިޓަރީ ފައިނޭންސިން' ނުވަތަ ފައިސާ ޗާޕްކޮށް ސަރުކާރުގެ ހަރަދުތަކަށް ފައިނޭންސް ކުރާށެވެ. 
މިކަމުގެ ސަބަބުން ބަޖެޓަށް ބޭނުންވާ ފައިސާ ވަގުތުން ލިބުނު ނަމަވެސް، މީގެ ނަތީޖާއަކަށްވީ ސަރުކާރުގެ ހަރަދުތައް މަގުން ކައްސާލައި މަރުކަޒީ ބޭންކުގެ މަނިޓަރީ ސިޔާސަތުގެ ބާރު ކެނޑިގެން ދިޔުމެވެ. މަރުކަޒީ ބޭންކުގެ އަތުން ބާރު ދޫވެ ސަރުކާރުގެ މާލީ ސިޔާސަތު ދޯހަޅިވުމެވެ. މިކަމުގެ ނަތީޖާއަކަށްވީ އިންފްލޭޝަން، ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ދިއުމެވެ. އެ ގައުމުގފެ ފައިސާގެ އަގު ރާސްލާފައި ވެއްޓުމެވެ. އަދި ބޭރު ފައިސާގެ ރިޒާވް ހީނަރުވުމެވެ. 
އެންމެފަހުން ގޮތް ހުސްވެ 2023ގައި ގާނާއަށް މަޖުބޫރުވީ އައިއެމްއެފްގެ އިސްލާހީ ޕްރޮގްރާމެއްގައި ބައިވެރިވާށެވެ. ފައިސާ ޗާޕުކުރުން އެއްކޮށް ހުއްޓާލައި ހަރުދަނާ މާލީ ސިޔާސަތަކަށް އެ ގައުމުގެ ސަރުކާރަށް އެނބުރެން މަޖުބޫރުވި އެވެ.
ރާއްޖެ މި އޮތް ދަރަނީގެ ދަންތުރައާ އެކު، ގާނާގެ ހާލަތުން ރާއްޖެއިން ފިލާވަޅު ނަގަން ޖެހެ އެވެ. 
މީގެ ކުރިން އިނާޒު ނޫނަސް ޕެންޝަން އޮފީހުގެ ބޯޑުގެ އިތުރު ދެ މެންބަރަކާއި އިސް މަގާމުތައް ފުރުއްވާ ބޭފުޅުން ވަނީ މިކަމާ ދެކޮޅިު ހެދުމުގެ ގޮތުން އިސްތިއުފާ ދެއްވައިފަ އެވެ. ސަބަބަކީ މި މުއާމަލާތުގެ ނުރައްކާތެރި ކަމެވެ.
ސަރުކާރުގެ މިސްރާބު ހުރީ ހަރުދަނާ ފިސްކަލް ސިޔާސަތަކާ ދިމާލަކަށް ނޫނެވެ. ސަރުކާރުން ވަނީ އާމްދަނީ އާއި ހަރަދުކުރުމުގެ ސިޔާސަތު ހެދުން ވެސް މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން މަޑުޖައްސާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ